Close Election
Close
ދިވެހިރާއްޖޭގެ ތާރީޚު

ދިވެހީންގެ ދަރިކޮޅުތަކާއި މަތިކޮޅުތައް - 11

އިޔާޒު ނަސީމް

2

ދިޔަމިގިލީ ރަސްދަރިކޮޅުން ރާއްޖޭގައި ރަސްކަން ކުރެއްވި އައްސުލްޠާން މުޡައްފަރު މުޙައްމަދު ޢިމާދުއްދީން 2ވަނަ (ދިޔަމިގިލީ ބަންޑާރައިން)ގެ ދަރިކަލުން އައްސުލްޠާން އިބްރާހީމް އިސްކަންދަރު 2ވަނަ (އިބްރާހީމް ރަސްގެފާނު)ގެ އައްސުލްޠާން މުޙައްމަދު ޣިޔާޘުއްދީނުގެ ދަރިކަލުން އަލްއަމީރު އިބްރާހީމް ފާމުލަދޭރިކިލެގެފާނުގެ ދަރިކަނބަލުން އައްނަބީލާ ޢާއިޝަތުދީދީ (ދޮށީދީދީ)ގެ ދަރިކަލުން އައްޑޫމީދޫ ގަނޑުވަރު ޙަސަންދީދީ އެންމެ ފުރަތަމައަށް ކައިވެނި ބެއްލެވީ އައްޑޫމީދޫ އެދުރުގޭ އަލްފަޤީހް މޫސާ އެދުރުތަކުފާނުގެ ދަރިކަނބަލުން އެދުރުގޭ ކަތްދާފާނު (ޚަދީޖާފާނު)އާއެވެ. މި ކަތްދާފާނާ ޙަސަން ދީދީ ކައިވެނި ބެއްލެވުމަށް ފަހު މިއީ އެދުރުގޭ ކަތްދާ މަނިކުފާނު (ޚަދީޖާ މަނިކުފާނު) އެވެ. އަލްފަޤީހް މޫސާ އެދުރު ތަކުރުފާނާއި ޙަސަންދީދީގެ ބައްޕަ، މީދޫ ގަނޑުވަރު މުޙައްމަދު ތަކުރުފާނާ މިއީ އެއްބަނޑު ދެބެއިންނެވެ. އެހެންވީމާ ޙަސަންދީދީ އާއި ޙަސަންދީދީގެ މި އަނބިކަނބަލުން ޚަދީޖާ މަނިކުފާނާ މިއީ ދެބެއިންގެ ދެދަރި ދެ ބޭފުޅުންނެވެ. މި ދެކަނބަލުންނަށް ލިބިވަޑައިގަތީ މީދޫ އެޅެގޭ އަލްޚަޠީބު މުޙައްމަދުދީދީ އާއި، އެޅެގޭ އަލްޤާޟީ ޢަލިދީދީ އުއްތަމަ ފަނޑިޔާރު މަނިކުފާނު އާއި، އެޅެގޭ އައްނާއިބު އިބްރާހީމްދީދީ އާއި، އެޅެގޭ އަލްޚަޠީބު ޢަބްދު ﷲ ދީދީ އާއި، އެޅެގޭ ތުއްތުދީދީ (މަޙްމޫދުދީދީ) އެވެ.

އައްޑޫމީދޫ ގަނޑުވަރު ޙަސަންދީދީ ދެން ކައިވެނި ބެއްލެވީ ޙަސަންދީދީގެ މުންނަ (ބައްޕަ ފަރާތު މާމަ)އާ އެއްބަނޑު އެއްބަފާ ކަޅިހާރު މުޙައްމަދު ޚަޠީބު މަނިކާގެ ދަރިކަލުން ކަޅިހާރު ޙަސަން މަނިކާގެ ދަރިކަނބަލުން ކަޅިހާރު މެދުބީފާނާއެވެ. މި މެދުބީފާނުގެ މަންމައަކީ ޢުމަރުތަކުރުގެ ޙަސަން މަނިކާގެ ޢާއިޝާބީގެ މަރްޔަމްބީއެވެ. އައްޑޫމީދޫ ގަނޑުވަރު ޙަސަންދީދީ އާއި އެ ދީދީގެ މި އަނބިކަނބަލުން ކަޅިހާރު މެދުބީފާނަށް ލިބިވަޑައިގަތީ މީދޫ ކަޅިހާރު އަޙްމަދުދީދީ އާއި، ކަޅިހާރު ޙުސައިންދީދީ އާއި، ކަޅިހާރު އާމިނަތުދީދީއެވެ.

އައްޑޫމީދޫ ގަނޑުވަރު ޙަސަންދީދީ ދެން ކައިވެނި ބެއްލެވީ ހުވަދު އަތޮޅު ފިޔޯރީ ގެދަރު ޒުލައިޚާދީދީއާއެވެ. މި ދެކަނބަލުންނަށް ލިބިވަޑައިގަތީ ފިޔޯރީ ދޮންދީދީ އާއި، ފިޔޯރީ މަރްޔަމްދީދީ (މަޑަވެލީދީދީ) އާއި، ފިޔޯރީ އިސްމާޢީލުދީދީއެވެ.

އައްޑޫމީދޫ ގަނޑުވަރު ޙަސަންދީދީ ދެން ކައިވެނި ބެއްލެވީ އައްޑޫ ހިތަދޫ ތުއްބީގެ އަޙްމަދު ތައްޚާނު (ތުއްބީގެ ބެއްޔާ)ގެ މަރްޔަމް މަނިކުފާނާއެވެ. މި ދެކަނބަލުންނަށް ލިބިވަޑައިގަތީ މޫސާދީދީ (ކުއްދީދީ)އެވެ.

އައްސުލްޠާން މުޙައްމަދު ޣިޔާޘުއްދީނުގެ ދަރިކަލުން އަލްއަމީރު އިބްރާހީމް ފާމުލަދޭރިކިލެގެފާނުގެ ދަރިކަނބަލުން އައްނަބީލާ ޢާއިޝަތުދީދީ (ދޮށީދީދީ)ގެ ދަރިކަލުން އައްޑޫމީދޫ ގަނޑުވަރު އަޙްމަދުދީދީ ކައިވެނި ބެއްލެވީ އިސްދޫ ރަސްދަރިކޮޅުން ރާއްޖޭގައި ރަސްކަން ކުރެއްވި އައްސުލްޠާން ޢަލީ 7ގެ ދަރިކަލުން އައްސުލްޠާން ޙަސަން 10ގެ ދަރިކަލުން އިބްރާހީމް މަނިކުފާނުގެ ޙުސައިން މަނިކުފާނުގެ މުޙައްމަދު މަނިކުފާނު (މީދޫރަހާ)ގެ ދަރިކަލުން މީދޫ ހުޅުދުމައިގޭ ޙުސައިން މަނިކުފާނުގެ ދަރިކަނބަލުން ފާޠިމާ މަނިކުފާނާއެވެ. މި ފާޠިމާ މަނިކުފާނުގެ މަންމައަކީ ގަނޑުވަރު އަޙްމަދުދީދީގެ މުންނަ (ބައްޕަ ފަރާތު މާމަ)އާ އެއްބަނޑު އެއްބަފާ ކަޅިހާރު މުޙައްމަދު ޚަޠީބު މަނިކާގެ ދަރިކަލުން ކަޅިހާރު ޙަސަން މަނިކާގެ ދަރިކަނބަލުން ކަޅިހާރު ދޮންކަތްދާ މަނިކުފާނެވެ. މި ދޮންކަތްދާ މަނިކުފާނުގެ ފޮތުނަމަކީ ކަޅިހާރު ޢާއިޝާމަނިކުފާނެވެ. ފަސްދާނު ލެވިފައި ވަނީ ފުވައްމުލަކުގައެވެ. ފުވައްމުލަކަށް ވަޑައިގަތީ އަލްއަމީރު އިބްރާހީމް ފާމުލަދޭރިކިލެގެފާނުގެ ދަރިކަލުން އައްނަބީލު ކަރިއްޔާ ޙަސަންދީދީ މި މަނިކުފާނާ ކައިވެނި ބައްލަވައިގަތުމުންނެވެ.

އައްޑޫމީދޫ ގަނޑުވަރު އަޙްމަދުދީދީ އާއި އަނބިކަނބަލުން ފާޠިމާ މަނިކުފާނަށް ލިބިވަޑައިގަތީ ދޮންދީދީ އާއި، ޢަލިދީދީ އާއި، ޚަދީޖާދީދީ އާއި، ޙަސަންދީދީ އާއި، ޙައްޥާދީދީ އާއި، އިބްރާހީމްދީދީ (ހުޖުބު) އާއި، އާމިނަތުދީދީއެވެ.

އައްޑޫމީދޫ ގަނޑުވަރު އަޙްމަދުދީދީ ދެން ކައިވެނި ބެއްލެވީ އައްޑޫމީދޫ އެދުރުގޭ އަލްފަޤީހް މޫސާ އެދުރުތަކުފާނުގެ ދަރިކަނބަލުން އެދުރުގޭ އާމިނާފާނުގެ ފާޠިމާފާނާއެވެ. މި ދެކަނބަލުންނަށް ލިބިވަޑައިގަތީ ޢާއިޝަތުދީދީ އާއި، ރުގިއްޔާދީދީ (ހުޖުބު)އެވެ.

އައްޑޫމީދޫ ގަނޑުވަރު އަޙްމަދުދީދީ ދެން ކައިވެނި ބެއްލެވީ ހުޅުދޫ ގައުމާތަގޭ ޢީސާފުޅުގެ ދަރިކަނބަލުން މީދޫ އީސާފުޅުގޭ އެޅަރަނާއާ އެވެ. މި ދެ ކަނބަލުންނަށް ލިބިވަޑައިގަތީ މަރްޔަމްދީދީއެވެ.

އައްޑޫމީދޫ ގަނޑުވަރު އަޙްމަދުދީދީ ދެން ކައިވެނި ބެއްލެވީ ހުޅުދޫ ކޮއިބެޔާގެ ރަނާއާ އެވެ. މި ދެ ކަނބަލުންނަށް ލިބިވަޑައިގަތީ ޒުލައިޚާދީދީއެވެ.