ދުނިޔޭގެ އެހެނިހެން ޤައުމުތަކުގައި ވެސް ފަދައިން ދިވެހި ރާއްޖޭގައި ވެސް ނާމާން ކަމަށް މަޝްހޫރުވެފައިވާ ގޭގެ ހުރެއެވެ. އެ ފަދަ ގެތަކުން އެކި ބާވަތުގެ އަޑުއަޑު އިވެއެވެ. މިސާލަކަށް ލަވަކިޔާ އަޑު ނުވަތަ މިޔުޒިކް ކުޅޭ އަޑު ނުވަތަ ފުރާޅަށް ގައު އުކާ އަޑު ނޫނީ ދޮރުގައި ޓަކި ޖަހާ އަޑު އިވިދާނެއެވެ. ބަލައިލާއިރު އެއިން ކަމެއް ކުރާ މީހަކު ނުފެނެއެވެ. ހަމަ އެގޮތަށް މީސްމީހުންނާއި ކުދިން ވެސް ފެނެއެވެ. ފެނިފައި ގެއްލެނީއެވެ. އަލުން ހޯދިޔަސް ދެން އެވަގުތަކު ނުފެންނާނެއެވެ.
މިގޮތުން އެއްޗެތި ފެނުމާއި އަޑު އިވުމުގެ އިތުރަށް އެ ގޭގޭގައި އުޅޭ މީހުންނަށް ނަފުސާނީ ބައްޔާއި ބަދު ނަސީބާ ކުރިމަތިލާން ޖެހެއެވެ. މިކަހަލަ ކަންކަމާ ހެދި އެ ގޭގޭގައި ނޫޅެވިގެން މީހުން އެހެން ތަންތަނަށް ގޮސްފައި ވެއެވެ. އަދި އެހެން ނުގޮސް ތިބޭ މީހުންގެ ނަސީބު ނުބައިވެ މަޤާމު ގެއްލިފައި ވެއެވެ.
ރާއްޖޭގައި ވެސް އެކި ދުވަސްވަރު ނާމާން ކަމަށް މަޝްހޫރތު ތަންތަން އެބަ ހުއްޓެވެ. މާލޭގައި ވެސް އަދި ރަށްރަށުގައި ވެސް އެފަދަ ތަންތަން އެބަ ހުއްޓެވެ. އެފަދަ ތަންތަނާ ގުޅޭ ގޮތުން ދޫދޫމަތީން ދެކެވެމުން އަންނަ ވާހަކަތައް ވެސް ހުރެ އެވެ.
ނާމާން ކަމަށް ރާއްޖޭގައި އެންމެ މަޝްހޫރު އެއް ގެޔަކީ މުލީއާގެއެވެ. އެ ގެއަކީ ޝަމްސުއްދީން 3 ރަދުންގެ ދަރިކަލުން ޕްރިންސް ޙަސަން ޢިއްޒައްދީނު ބޭރުން ކިޔަވައި ވިދާޅުވެގެން ވަޑައިގެން ހުންނަވަން 1920 ގައި އެޅުއްވި ގަނޑުވަރެކެވެ. އެގެ އެންމެ ބޮޑައް މަޝްހޫރު (ބަދުނާމް؟) ވެގެން ދިޔައީ އެގޭގައި ޙަސަން ޢިއްޒައްދީނު ބޭއްވެވި މުޖުރާ ނެށުމުގެ ސަބަބުންނެވެ.
މުޖުރާއަކީ އިންޑިޔާގައި ރަސްކަން ކުރެއްވި މުޣުލީންގެ ޘަޤާފަތެކެވެ. އެ ނެށުން އުފެދި ތަރައްގީވީ 1556 ގައި އަކްބަރު ރަސްގެފާނުގެ ދައުރު ފެށުނު ހިސާބުން ފެށިގެން 1757 ގައި ބަހާދުރު ޝާހު ޒަފަރު ރަދުން ޢަޒުލް ކުރެވުނު ހިސާބަށެވެ.
މުޖުރާގައި މައިގަނޑު ގޮތެއްގައި ހިމެނެނީ އިންޑިއާގެ ޘަޤާފީ ނެށުމެއް ކަމަށްވާ ކަތާކު އެވެ. އެއާއެކީގައި ޓުމްރީއާއި ތަބުލާގެ މިއުޒިކް ކުރިއަށް ދާނެއެވެ. އަދި ޣަޒަލްއާއި ޅެން ކިޔުން ވެސް އޮންނާނެއެވެ. ނަށާނީ ޚާއްސަ ހެދުން އަޅައިގެން ތިބޭ އަންހެން ކުދިންނެވެ. އެއީ "ތަވާއިފުން"ނެވެ. އެ ކުދިން ސާޅީ އަޅާނީ ވެސް ޚާއްސަ ގޮތަކަށެވެ. ތަވާއިފުން ނަށާތަން ބައްލަވަން ޝާހީ އާއިލާގެ ބޭފުޅުންނާއި ރަށުގެ ކަމުވޮށިވެގެންވާ މީހުންނާއި މުއްސަނދީން ވަޑައިގެން ތިއްބަވާނެއެވެ.
ބެލުންތެރިން ތިއްބަވާނީ ނަށާ ތަވާއިފުގެ ވަށައިގެން ތަޅުންމަތީގައި އަތުރާފައި ހުންނަ ބާލީސްތަކުގައި ލެނގިވަޑަގެންނެވެ. އެހެން ތިއްބަވާއިރު ބޮޑެތި ގުޑުގުޑާތަކުން ދުންފޮދު ހިއްޕަވާނެއެވެ. ތަވާއިފު ނަށަމުން ދާއިރު އެބޭފުޅުން ފިކުރާވާގޮތަށް ނެށިއްޖެއްޔާ އޭނާއާ ދިމާއަށް ފައިސާ އުއްކަވާނެއެވެ. އެގޮތުން ވަރަށް ބޮޑު އާމްދަނީއެއް ލިބެއެވެ.
މުލީއާގޭގައި މުޖުރާ ބޭއްވެވި އިރު އިންޑިއާގެ މުޖުރާއަށް ވަރަށް މުހިންމު ތަފާތެއް ގެންނެވިއެވެ. އެއީ އަންހެން ކުދިންގެ ބަދަލުގައި ފިރިހެން ކުދިން، އަންހެން ހެދުން ލައްވައިގެން ނެއްޓުމެވެ. މުޖުރާ ބޮޑަށް ބަދުނާމުވީ މިހެންވެގެންނެވެ.
މުލީއާގޭގެ ނާމާން ކަމުގެ އެންމެ ފުރަތަމަ ޝިކާރައަކަށްވީ އެތަނުގައި ފުރަތަމަ އުޅުއްވި ޙަސަން ޢިއްޒައްދީނެވެ. އެ މަނިއްޕުޅު 1920 ގައި އެގޭގައި ވަޒަންވެރިވެވަޑައިގެންނެވިއިރު އެއީ މަޤުބޫލު ޕްރިންސެކެވެ. އެއީ ދިވެހި ތާރީޚުގައި ވެސް "ޕްރިންސް" ގެ ލަގަބު ބޭނުން ކުރެއްވި ހަމައެކަނި ބޭފުޅާއެވެ. ނަމަވެސް އެތަނުގައި އުޅުއްވަނިކޮށް އޭނާގެ މަޤުބޫލުކަން ގެއްލި، ބަދުނާމުވެ، ވަލީއަހުދުކަން ނިގުޅައިގަނެވި އެންމެފަހުން 1934 ގައި ފުވައްމުލަކަށް އަރުވާލެވުނީއެވެ. އޭނާ އަވަހާރަވީ ވަރަށް އެކަނިވެރި ހާލެއްގައި އެ ރަށުގައި 1938 ގައެވެ.
މުލީއާގެ ދެން ތައްޔާރު ކުރެވުނީ ޙަސަން ފަރީދުގެ ވެރިކަމުގައި 1942 ގައި އޭނާގެ ދާޚިލީ މަޙުކަމާ (މިނިސްޓްރީ) އެތަނުގައި ހިންގެވުމަށެވެ. އޭނާއަކަށް އެ ވުޒާރާ އެތަނުގައި އެއް ދުވަހު ވެސް ނުހިންގެވުނެވެ. އެ މަޙުކަމާ މުލީއާގެއަށް 19 ޖަނަވަރީ 1942 ގައި ބަދަލު ވުމުގެ ކުރިން އޭނާ ދިގު ޗުއްޓީއަކަށް ވަޑައިގަންނަވަން ޖެހުނީއެވެ. އެނާ މަހުކަމާއަށް އެނބުރި ވަޑައިނުގެން 27 މާރޗް 1944 ގައި ކަނޑުމަތީގައި ގެއްލުނީއެވެ.
ރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔަތުގައި ޤައުމުގެ ރައީސް ސުމުއްވުލްއަމީރު މުޙައްމަދު އަމީނު ދޮށިމޭނާ ކިލެގެފާނު، ރަސްމީ ކަންކަން ކުރެއްވުމަށް ޚާއްސަ ކުރެވުނީ 1 ޖަނަވަރީ 1953 ގައި ދާރުއްރިޔާސަތު ނުވަތަ މުލީއާގެއެވެ. އެ މަނިކުފާނު ދިރިއުޅުއްވީ އަމިއްލަފުޅުގެކޮޅު އަތިރީގޭގައެވެ. އެހެނަސް މުލީއާގޭގެ ނާމާން ކަމަކުން އެ މަނިކުފާނު ސަލާމަތެއް ނުވިއެވެ. 21 އޮގަސްޓް 1953 ގައި އެމަނިކުފާނުގެ ވެރިކަން އަނިޔާވެރި އިންޤިލާބަކުން ވައްޓާލެވުނެވެ. އަދި އެ ހާދިސާގައި ލިބުނު އަނިޔާތަކުގެ ސަބަބުން 19 ޖަނަވަރީ 1954 ގައި އޭނާ އަވަހާރަވީއެވެ.
ދިވެހި ރާއްޖޭގައި ހުންނަވާ އިނގިރޭސި ދައުލަތުގެ ރެޕްރެސެންޓެޓިވް ސަރ އާރތިންގްޓަން ޑޭވީ އަކީ މުލީ އާގޭގައި ދެން ހުންނެވި ޢިއްޒަތްތެރިޔާ އެވެ. އޭނާ އެތަނުގައި ހުންނެވީ 1960 ގެ އޮކްޓޯބަރ 8 ން ފެށިގެން ވަރަށް ކުޑަ ދުވަސްކޮޅަކަށެވެ. އޭނާ އެ ގޭގައި ހުންނެވިއިރު ގޯތިތެރޭގައި މީހުން އުޅޭހެން ހީވުމާއި ފުރާޅަށް ގާ އުކާ އަޑު އިވުން ކަހަލަ އުނދަގޫތަކާ ކުރިމަތި ލައްވަން ޖެހިވަޑައިގެންނެވިއެވެ. ޑޭވީ ދެން ބަދަލުވެވަޑައިގެންނެވީ ދޫނިދޫއަށެވެ. 1964 ގައި ރާއްޖެ ދޫކުރައްވަންދެން އޭނާ ހުންނެވީ އެ ރަށުގައެވެ.
އުސްގެކޮޅަކީ މީހަކު ދިރިއުޅެން ރާއްޖޭގައި ރާނައިފައިވާ އިމާރާތް ތަކުގެ ތެރެއިން މިހާރު ވުޖޫދުގައި ހުރި އެންމެ ޒަމާންވީ އިމާރާތް ކަމަށް ވެދާނެއެވެ. އުސްގެކޮޅަކީ ކުރީގެ ބޮޑު ގަނޑުވަރު ތެރެއަށް އިތުރު ކުރި ބައެކެވެ. މިހާރު އެތަން ވެފައިވަނީ ސަލްޓަން ޕާރކުގެ ބަޔަކަށެވެ. އެތަން އިމާރާތް ކުރީ 1900 ހާ ހިސާބުގައެވެ. އެއީ އައްސުލްތާން މުޙައްމަދު ޢިމާދުއްދީން 6 ރަދުންގެ ރަސްކަމުގައެވެ. އުސްގެކޮޅު އެޅުއްވީ ރަދުން ސުވޭހުން (ސުއޭޒް) ކައިވެނި ބައްލަވައިގެންނެވި ޝަރީފާ ޚާނުމް ބައިންދަވާށެވެ.
ޝަރީފާ ޚާނުމަކަށް އެތަނުގައި ހުންނެވޭ ގޮތެއް ނުވިއެވެ. އިންޤިލާބެއްގައި އޭނާގެ ފިރިކަލުން ހާޖީ އިމާދުއްދީން ޢަޒަލުކުރެވުނީއެވެ. ދެން އެތަނަށް ވަޑައިގަތީ 1903 ގައި މުޙައްމަދު ޝަމްސުއްދީނު ރަދުންނެވެ. އޭނާގެ ނަސީބު ވެސް ދިޔައީ އެހާ ރަނގަޅަކަށް ނޫނެވެ. އުސްގެކޮޅުގައި ހުންނަވަނިކޮށް އޭނާގެ ބާރުތައް ގެއްލި، އަޒަލް ކުރެވި އަރުވާލެވުނީއެވެ.
މާބަގީޗާގެ އަކީ ވެސް ނާމާންކަމަށް މަޝްހޫރު ވެފައިވާ ގެއެކެވެ. އެގެއަކީ މުޙައްމަދު ފަރީދު ފާށަނާކިލެގެފާނު އުޅުއްވަން އިމާރާތްކުރެއްވި ގެއެކެވެ. އެގެ ހުރީ މިހާރު ރައްޔިތުންގެ މަޖުލިސްކުރާގެ ހުރިތަނުން ބައެއްގައެވެ. މުޙައްމަދު ފަރީދު ރާއްޖޭގެ އެންމެފަހުގެ ރަދުންނަށް ވުމުގެ ކުރިންނާއި ރަސްކަން ގެއްލުނު ފަހުން ދިރިއުޅުއްވީ މާބަގީޗާގޭގައެވެ. އެ ގެ ވީ އޭނާއަށް ވަރަށް ބަދުނަސީބުގެއަކަށެވެ. އޭނާގެ އަނބިކަނބަލުން އަމިއްލަފުޅަށް އަވަހާރަވީއެވެ. އޭނާގެ އެންމެ ފަހުގެ ދުވަސްތައް ގުނުއްވީ އެކަނިފުޅު ހާލުގައި އެ ގޭގައެވެ.
ކަނބާފާނު ގަނޑުވަރަކީ ވެސް ނާމާންކަމަށް ކިޔުނު ގެއެކެވެ. މިހާރު އެތަނުގައި ހުރީ ރައްޔިތުންގެ މަޖުލިސްގެ އިދާރާގެ ޕާރކިންގް ސަރަހައްދެވެ. ކަނބާފާނު ގަނޑުވަރުގައި މުހިންމު ތަނަކަށް އޭގެ ކުރިން ހުރީ ބާ ހޮސްޕިޓަލެވެ. އެ ތަނުގައި ރޭގަނޑު ޑިއުޓީގައި ތިބޭ ނަރުސް ކުދިންނަށް ކައްޑަނަ ޖަހާ އަޑު އިވޭކަމަށް ކިޔައި އުޅުނެވެ. ކަނބާފާނު ގަނޑުވަރުގެ ފުރަގަހުން އޮންނަ ސިއްކަ ގޯޅިން ބޮޑު މީހެއްގެ ހިޔަނި ފެންނަކަމަށް ކިޔެއެވެ. އެ ހިޔަނި ހުންނަނީ މަގު ހުރަސްކޮށް ދެ ފާރުގައި ދެ ފައި އަޅައިގެނެވެ.
11 ނޮވެންބަރު 1968 ން ފެށިގެން 7 ފެބްރުއަރީ 1995 އަށް ރައީސުލްޖުމްހޫރިއްޔާގެ ރަސްމީގެކޮޅަކީ މުލީއާގެއެވެ. އެހެނަސް ދެވަނަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސް، ރައީސުލްޖުމްހޫރިއްޔާ ސުމުއްވުލްއަމީރު އިބްރާހީމް ނާޞިރު ރަންނަބަނޑޭރި ކިލެގެފާނު ނިޝާން ޣާޒީގެ ޢިއްޒަތްތެރި ވެރިޔާ ދިރިއުޅުއްވީ 11 ނޮވެމްބަރ 1968 ން 11 ނޮވެމްބަރ 1978 އަށް އަމިއްލަފުޅު ގެކޮޅު ވެލާނާގޭގައެވެ. އެހެން ކަމުން މުލީއާގޭގެ ނާމާން ކަމުގެ އަސަރެއް އެ މަނިކުފާނަށް ކޮށްފައެއް ނެތެވެ.
ދެވަނަ ޖުމްހޫރިއްޔާގެ ދެވަނަ ރައީސް އަލް އުސްތާޛު މައުމޫން އަބްދުލް ޤައްޔޫމް މުލީއާގޭގައި 11 ނޮވެންބަރު 1978 ން 7 ފެބުރުވަރީ 1995 އަށް ރަސްމީގޮތުން އުޅުއްވިއެވެ. ނަމަވެސް މި މުއްދަތުގެ ބައެއްގައި ވަގުތީގޮތުން ތީމުގޭގައި އުޅުއްވިއެވެ. އޭގެ ފަހުން ތީމުގެ ރިޔާސީ ގަނޑުވަރަށް 7 ފެބުރުވަރީ 1995 ބަދަލުވުމާ ގުޅިގެން އެމަނިކުފާނު 11 ނޮވެންބަރު 2008 އާ ހަމައަށް ދިރި އުޅުއްވީ ތީމުގޭގައެވެ.
ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު 6 ފެބުރުވަރީ 2009 އިން 7 ފެބުރުވަރީ 2012 އަށް، ރަސްމީގޮތުން މުލީއާގޭގައި ދިރިއުޅުއްވިއެވެ. ދައުރު ފުރިހަމަ ނުކުރައްވައި އެ މަނިކުފާނަށް ޖެހުނީ އިސްތިއުފާ ދެއްވާށެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު ވަޙީދު، 7 ފެބުރުވަރީ 2012 އިން 17 ނޮވެންބަރު 2013 އަށް، ރަސްމީގޮތުން ދިރިއުޅުއްވީ ހިލާލީގޭގައެވެ. ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް 1 މާރޗް 2016 އިން 17 ނޮވެންބަރު 2018 އަށް، ރަސްމީގޮތުން ދިރިއުޅުއްވީ ހިލާލީގޭގައާއި އަމިއްލަ ގެކޮޅު ދޫވެހީގައެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް 17 ނޮވެންބަރު 2018 އިން ފެށިގެން ރަސްމީގޮތުން ދިރިއުޅުއްވަނީ މުލީއާގޭގައެވެ.
މި ލިޔުމުގައި 2000 ވަނަ އަހަރުގެ ފަހުން މުލީއާގޭގައި ހިނގި ހާދިސާތަކުގެ ތަފްސީލު ދީފައެއް ނުވާނެއެވެ. އެއީ ސިޔާސީ ގޮތުން ބަޔަކު ފެކެފާނެތީއެވެ.
**************
އެޑިޓަރުގެ ނޯޓު: ޑރ. ޢަބްދުﷲ ވަހީދުއަކީ މެޑިކަލް ސަރޖަންއެކެވެ. ދިވެހި ރާއްޖޭގެ ތާރީޚު ދިރާސާ ކުރެއްވުމުގެ މަސައްކަތާއި ރާއްޖޭގައި ހެދޭ ގަސްގަހާގެހީގެ މައުލޫމާތު އެއްކުރެއްވުމުގެ މަސައްކަތް ވެސް ވަރަށް ކުރީއްސުރެ ކުރައްވައި، އިލްމީ ލިޔުއްވުންތައް ލިޔުއްވާފައިވެއެވެ. ދިވެހި ބަސް ދިރާސާ ކުރެއްވުމުގެ ދާއިރާގައި ވެސް ހާއްސަ މަސައްކަތްތަކެއް ކުރައްވައެވެ. ޑރ. ވަހީދުއަކީ ދައުލަތުގެ އިސް މަގާމުތަކެއް ވެސް ފުރުއްވާފައިވާ ބޭފުޅެކެވެ. އޭގެ ތެރޭގައި ޕޮލިސް އިންޓަގްރިޓީ ކޮމިޝަންގެ ރައީސްކަން ވެސް ހިމެނެއެވެ. ޑރ. ވަހީދަކީ ދިވެހި ބަހާއި ސިއްހީ ދާއިރާއާއި ތާރީހާއި ސަގާފަތުގެ ދާއިރާގައި ވެސް ފާހަގަކޮށްލެވޭ މަސައްކަތްޕުޅުތަކެއް ކުރައްވާ ބޭފުޅެކެވެ.