މީހަކަށް ގުޅައި މަކަރާއި ހީލަތުން ބައިލައްކަ އަށްވުރެ ގިނަ ރުފިޔާ އަތުލި މީހަކު ހޯދަން ފުލުހުން އިއުލާން ކޮށްފިއެވެ.

ފުލުހުން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ މަކަރާއި ހީލަތުން ފައިސާ އަތުލި މީހަކު އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވާން ޗިޓު ހަވާލު ނުކުރެވިގެން މީހަކު ހޯދަމުންދާ ކަމަށެވެ. އަދި މި މައްސަލައިގައި ހޯދަމުންދަނީ ހއ. ބާރަށް، ކޭސީވިލާ، އުމުރުން 36 އަހަރުގެ އިބްރާހިމް ރަޝީދު ކަމަށްވެސް ފުލުހުން ބުންޏެވެ.

އެހެންކަމުން އަންނަ އާދީއްތަ ދުވަހުގެ ހަވީރު 4:00 އަށް ޝަހީދު ހުސައިން އާދަމް ބިލްޑިންގަށް ހާރިޒުވާން އޭނާ އަށް ވަނީ އަންގާފައެވެ.

ފުލުހުން ބުނި ގޮތުގައި އިބްރާހިމް ރަޝީދަކީ މިދިޔަ މަހުގެ ފަސް ވަނަ ދުވަހު 7233204 ފޯނު ނަންބަރުން މީހަކަށް ގުޅައި މަކަރާއި ހީލަތުން 60،186.68 ރުފިޔާ ހޯދާފައިވާ ކަމަށް ތުހުމަތުކުރެވޭ މީހެއް ކަމަށެވެ.

މަކަރާއި ހީލަތުން ފައިސާ ހޯދުން ފަހަކަށް އައިސް އިތުރުވެފައިވާއިރު މިކަމަށް ސަމާލުވެ ރައްކާތެރިވުމަށް ބޭންކް އޮފް މޯލްޑިވްސް އާއި ފުލުހުންވެސް ދަނީ ތަކުރާރުކޮށް އިލްތިމާސް ކުރަމުންނެވެ.

އެންމެ ގިނައިން މަކަރާއި ހީލަތުން ފައިސާ ހޯދަނީ ބޭންކް އޮފް މޯލްޑިވްސްގެ ނަމުގައި މީހުންނަށް ގުޅައި އޮޅުވާލައިގެންނެވެ.