ޓީސީ ސްޕޯޓްސް ކްލަބާއި ގައުމީ ޓީމަށް ކުޅުނު މިޑްފީލްޑަރު މުހައްމަދު އައްޒާމް ޕްރޮފެޝަނަލްކޮށް ފުޓްބޯޅަ ކުޅުން ހުއްޓާލައިފިއެވެ.
އުމުރުން 31 އަހަރުގެ އައްޒާމް ފުޓްބޯޅަ ކުޅުން ހުއްޓާލިކަން އޭނާ ވަނީ "ވަން" އަށް ޔަގީން ކޮށްދީފައެވެ. "ވަން" އަށް އައްޒާމް ބުނެފައި ވަނީ ރަށު ލެވެލްއާއި، ކްލަބުގެ ލެވެލްގެ އިތުރުން ގައުމީ ލެވެލްގައިވެސް ކެރިއަރުގައި ހާސިލްކުރަން ބޭނުންވި ގިނަ ކަންތައްތަކެއް ހާސިލްވެފައިވާ ކަމަށާއި، ކުޅުން ހުއްޓާލީ އެ ޓާގެޓްތައް ހާސިލްވުމުން ކަމަށެވެ.
އައްޒާމަކީ ރަށު ފެންވަރާއި ގައުމީ ފެންވަރުގައި ފުޓްބޯޅަ އާއި ފުޓްސަލްގައި ފާހަގަކުރެވޭ އެތައް ކާމިޔާބެއް ހޯދާފައިވާ ކުޅުންތެރިއެކެވެ.
ބީޖީ ސްޕޯޓްސް ކްލަބުން ފުރަތަަމަ ޑިވިޝަނުގައި ފެނިގެންދިޔަ އައްޒާމް ބޮޑަށް ވިދާލީ ޓީސީއާ ގުޅުނު ފަހުންނެވެ. ޓީސީގައި އޭނާ ވަނީ ފާހަގަކޮށްލެވޭ ގިނަ ކާމިޔާބީތަކެއް ހޯދައިފައެވެ. އޭނާ ވަނީ ޓީސީއާ އެކު 2017 ވަނަ އަހަރު ބަންގްލަދޭޝްގައި ބޭއްވި ޝެއިހް ކަމާލް ކަޕްގެ ޗެމްޕިއަންކަން ހޯދައިފަ އެވެ. އަދި 2018 ވަނަ އަހަރު ޓީސީން ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދިއިރު، އޭނާ ވަނީ މުހިއްމު ދައުރެއް އަދާކޮށްފަ އެވެ. އަދި އެ ޓީމުން އޭއެފްސީ ކަޕްގައި ވާދަކުރިއިރު، ވެސް ޓީމުގައި ހިމެނުނެވެ.
މިދިޔަ ސީޒަނުގައި ނިސްބަތުން ޒުވާން ޓީމެއް ޓީސީގައި އޮތްއިރު، އެ ޓީމު ލީޑުކުރުމުގައި އައްޒާމް ކެޕްޓަން ބޭންޑްގައި ފެނިގެން ގޮސްފައެވެ.
ގައުމީ ޓީމުން ވެސް ގިނަ ފަހަރުތަކެއްގެ މަތިން ފުރުސަތު ހޯދި އައްޒާމް ރަސްމީ މެޗެއްގައި ގައުމީ ޓީމަށް ކުޅުނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައެވެ. އޭނާ އެންމެ ފުރަތަމަ ގައުމީ ޓީމަށް ކުޅުނީ 2017 ވަނަ އަހަރު އޮކްޓޫބަރު މަހު އޭޝިއަން ކަޕް ކޮލިފައިންގައި އޮމާނާ ދެކޮޅަށް ރާއްޖެ ކުޅުނު މެޗުގަ އެވެ. އޭގެ ފަހުން ވެސް ގައުމީ ސްކޮޑުގައި އެކި ފަހަރު މަތިން ހިމެނުނު ނަމަވެސް ގިނަ ފަހަރު އަނިޔާގެ ސަބަބުން ކުޅުމުގެ ފުރުސަތު ނުލިބި ދިޔައީ އެވެ.
ފުޓްސަލްގެ ތަރިއެއްގެ ގޮތުގައިވެސް އައްޒާމް ފާހަގަ ކޮށްލެވޭއިރު، އޭނާ ވަނީ ކްލަބު މޯލްޑިވްސް ކަޕްވެސް ހޯދާފައެވެ. އޭގެ އިތުރުން ނ. އަތޮޅަށް ހާއްސަކޮށްގެން ބާއްވާ ސިޔާމް މައުރޫފް ސޮކަ ކަޕް ޗެމްޕިއަންކަންވެސް އައްޒާމް ހޯދިއެވެ. އަދި މިނިވަން ޗެމްޕިއަންޝިޕްތަކުގައިވެސް އޭނާގެ ކުޅުން ފެނިފައިވެއެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު