ރެފިއުޖީއެއް ކަމަށްވާ ޔުސްރާ ވަނީ ސީރިއާގެ ދާހިލީ ހަނގުރާމައިން ސަލާމަތްވެ ޓޮކިޔޯ އޮލިމްޕިކްސް2020 ގައި ބައިވެރިވެއްޖެއެވެ.

އުމުރުން 23 އަހަރުގެ ޔުސްރާ އަކީ މިފަހަރުގެ އޮލިމްޕިކްސްގެ ފެތުމުގެ މުބާރާތުގައި ވާދަކުރާ ޓޮޕްލެވެލްގެ ފެތުންތެރިއެކެވެ.

އޭނާގެ މުޅި ހަޔާތުގެ ބޮޑުބައެއް ހޭދަކޮށްފައިވަނީ މިނިވަން ވުމަށް މަސައްކަތް ކުރުމުގައެވެ.

ޔުސްރާ ނިސްބަތްވަނީ ސީރިއާގެ ދިމިޝްގުގެ ދުރައްޔާ ކިޔާ އަވަށަކެވެ. ކުޑައިރުގ ފެތުމަށް ޝައުގުވެރިކަމެއް އުފެދި، އޭނާ ވަނީ މީގެކުރިން ސީރިއާގެ އޮލިމްޕިކް ކޮމިޓީގެ އެއްބާރުލުމާއެކު ފެތުމުގެ ތަމްރީނުތައް ކުރިއަށް ގެންގޮސްފައެވެ.

2012 ވަނަ އަހަރު ސީރިއާއިން ބައިވެރިވި ބައިނަލްއަގުވާމީ ފެތުމުގެ މުބާރާތުގެ އެކިއެކި އިވެންޓުތަކުގައި ޔުސްރާ ވަނީ އޭނާގެ ގައުމު ތަމްސީލުކޮށްދީފައެވެ.

ނަމަވެސް އެގައުމުގައި ކުރިއަށްދިޔަ ދާހިލީ ހަނގުރާމަތަކުގެ ތެރޭގައި އޭނާ އުޅެ ބޮޑުވި ގެ ސުންނާފަތިވެގެން ގޮސްފައިވާތީ، 2015 އަހަރު އޭނާގެ ދައްތައާއެކު ވަނީ ވަޒަން ދޫކޮށް ހިޖުރަކޮށްފައެވެ.

އެންމެ ފުރަތަމަ ލުބުނާނުގައި ދިރިއުޅުމަށްފަހު ތުރުކީ ބޯޑަރު ހުރަސްކޮށް އެގައުމުގައި އުޅެފައިވެ އެވެ. އަދި އެތަނުން ގްރީސް އަށް ހިޖުރަ ކޮށްފައިވަނީ ކަނޑުބޯޓެއްގައެވެ. ދެބެއިންނަށް ފަތަން އެނގޭތީ އެކަމާ އެމީހުން އޭރު ޖެހިލުން ވެފައި ނުވާ ކަމަށް ޔުސްރާ ބުނެއެވެ. އަދި އެއަށްފަހު އެމީހުންގެ އެންމެ ފަހުގެ މަންޒިލެއްގެ ގޮތުގައި ޖަރުމަނާ ހަމައަށް ވަނީ ފޯރައިފައެވެ.

ޔުސްރާވަނީ ފެތުމުގެ ފަރިތަކުރުންތައް ކުރިއަށް ގެންގޮސް 2016 އަހަރުގެ އޮލިމްޕިކްސްގައި ބައިވެރިވެފައެވެ. އަދި މިހާރު ކުރިއަށްދާ ޓޮކިޔޯ އޮލިމްޕިކްސް2020 ގައި ވާދަކުރުމަށް ޖަޕާނަށް ގޮސްފައިވާއިރު އޮލިމްޕިކްސްގައި އައިއޯސީ ރެފިއުޖީ އޮލިމްޕިކް ޓީމުގެ ދިދަ ވަނީ ރަމްޒުކޮށްދީފައެވެ.