ށ. ފޯކައިދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ 41 ޕަސެންޓް ނިމިއްޖެ ކަމަށް އެ މަސައްކަތުގެ ކޮންޓްރެކްޓަރު އެމްޓިސީސީން ބުނެފި އެވެ.

ފޯކައިދޫ ބަނދަރު މަޝްރޫއުގެ މަސައްކަތް ކުރިއަށްދާ ގޮތް ހިއްސާ ކުރަމުން އެމްޓީސީސީން ބުނީ މި މަޝްރޫއުގެ ދަށުން، ބޭރުތޮށިލުމަށް ބޭނުންވާ ބޮޑުހިލައިގެ ދެވަނަ ޝިޕްމަންޓް މިހާރު ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައިވާ ކަމަށެވެ. އަދި މުޅި މަޝްރޫއުގެ 41 ޕަސެންޓް މަސައްކަތް މިހާރު ނިންމާލާފައިވާ ކަމަށް ވަނީ ބުނެފަ އެވެ.

ފޯކައިދޫ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް ފެށުނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ.

މި މަޝްރޫއުގެ ދަށުން 39،995 ކިއުބިކް މީޓަރުގެ ބަނދަރަށް އަލަށް އިތުރު ކުރެވޭ ސަރަހައްދު ފުންކުރުމާއި، 1800 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ މިހާރު ބޭނުންކުރަމުން އަންނަ ބަނދަރު ފުންކުރުމާއި، 4000 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކުރުމާއި 507 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 100 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމާއި، 464 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށި ލުމުގެ މަސައްކަތް ހިމެނޭ ކަމަށް އެމްޓީސީސީން ބުނެ އެވެ.

މީގެ އިތުރުން 2320 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހަދައި ނެރު ބައްތި އާއި މަގު ބައްތި ޖެހުމުގެ މަސައްކަތް ވެސް ހިމެނޭ ކަމަށާއި މި މަޝްރޫއަކީ 52.7 މިލިއަން ރުފިޔާގެ މަޝްރޫއެއް ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.