ކޮވިޑުން ދިފާއުވުމަށް މިހާރު ރާއްޖޭގައި ޖަހަން ފަށާފައިވާ ވެކްސިން ރާއްޖޭގެ ހުރިހާ ރަށަކަށްވެސް ދަތިކަމެއް ނެތި ލިބޭނެ ކަމަށް ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނު ޑރ. ފާތިމަތު ނަޒްލާ ރަފީގު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި އެންމެ ފުރަތަމަ ވެކްސިން ޕްރޮގްރާމް ފެށުނު އިރު ވެކްސިން ލިބުނީ މަދުން ކަމަށްވާތީ އަތޮޅުތެރޭގެ ބައެއް ރަށްތަކަށް ވެކްސިން ފޯރުކޮށްދީފައިވަނީ މަދުންނެވެ. ނަމަވެސް ގާތްގަނޑަކަށް ހުރިހާ އެންމެނަށް ފުރަތަމަ ޑޯޒް ޖެހޭ ވަރަށް ވެކްސިން ފޯރުކޮށްދިނެވެ.

ރާއްޖޭގައި އެންމެ ފުރަތަމަ ޖަހަން ފަށާފައިވަނީ ކޮވިޝީލްޑް ވެކްސިނެވެ. ރާއްޖޭގައި ވެކްސިން ޖެހޭ އުމުރުފުރާގެ 73 އިންސައްތަ މީހުން ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ފުރިހަމަކޮށްފަ އެވެ. ނަމަވެސް ވެކްސިން ހުސްވެ ދެވަނަ ޑޯޒް ފުރިހަމަ ކުރެވުނީ 59 އިންސައްތަ މީހުންނަށްށެވެ.

މިކަމާ ގުޅިގެން "ވަން" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޑރ. ނަޒްލާ ވިދާޅުވީ، މިއަދު ފަށައިގެން ކުރިއަށްދާ ވެކްސިން ޕްރޮގްރާމްގެ ދަށުން ރާއްޖޭގެ އެއްވެސް ރަށަކަށް ދަތިކަމެއް ނެތި ވެކްސިން ލިބޭނެ ކަމަށެވެ. އަދި ވިދާޅުވީ މިހާރު ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ވާ ވަރަށްވުރެ އިތުރަށްވެސް ވެކްސިން ލިބިފައިވާ ކަމަށެވެ.

"ކުރިން ފަހަރު އަޅުގަނޑުމެންނަށް ވެކްސިން ލިބުނީ ވަރަށް މަދުން. އެކަމަކުވެސް އަޅުގަނޑުމެން ހައި ރިސްކު މީހުން ރަށްތަކުގައި ތިބި އަދަދު ބަލާފަ އެ ރަށްތަކަށް ވެކްސިން ފޯރުކޮށްދިނިން. ދެން އާބާދީ ބޮޑު ރަށްތަކަށްވެސް. އެކަމަކު މިހާރު އަޅުގަނޑުމެންނަށް ވަރަށް ގިނަ އަދަދަކަށް ވެކްސިން މިހުރީ ލިބިފަ. އެހެންވީމަ ރަށްތަކަށްވެސް އަންލިމިޓެޑް ކޮށް ލިބޭނެ. ދަތިކަމެއް ނޯންނާނެ." އޭނާ ވިދާޅުވި އެވެ.

ޑރ. ނަޒްލާ ވިދާޅުވީ މިހާރުވެސް ރާއްޖޭގައި ވެކްސިން ޖެހޭ އުމުރުފުރައިގެ 27 ޕަސެންޓް މީހުން ވެކްސިން ނުޖަހާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި އާންމު ދިރިއުޅުމަކަށް ދެވޭނީ އާބާދީގެ ބޮޑު ބަޔަކަށް ވެކްސިން ޖެހިގެން ކަމަށްވެސް ވިދާޅުވި އެވެ. އެގޮތުން ވެކްސިން ޖެހުމަކީ ގައުމީ މަސައްކަތެއްގެ ގޮތުގައި ދެކެން ޖެހޭ ކަމަށް ވިދާޅުވި އެވެ.

ޑރ. ނަޒްލާ ވިދާޅުވީ، އާބާދީގެ ބޮޑު ބަޔަކަށް ވެކްސިން ޖެހިއްޖެ ނަމަ ކޮވިޑާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް އިތުރު ލުއިތަކެއް ލިބިގެންދާނެ ކަމަށެވެ. އަދި އަމާޒަކީ އަންނަ އޮގަސްޓް މަހުގެ ނިޔަލަށް ރާއްޖޭގައި ވެކްސިން ޖެހޭ ހުރިހާ ރައްޔިތުންނަށް ވެކްސިން ދީ ނިންމާލުން ކަމަށެވެ.