ވެކްސިން ފުރިހަމަ ނުކޮށް ރާއްޖެ އަންނަ ފަތުރުވެރިންނަށް ދެވޭނެ ރަށްތައް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އާންމުކޮށްފި އެވެ.

ވެކްސިން ފުރިހަމަ ނުކުރާ ފަތުރުވެރިންނަށް މީހުން ދިރިއުޅޭ ރަށްރަށުގައި ހުންނަ ގެސްޓްހައުސްތަކަށް ދެވޭނެ އުސޫލު އާންމުކޮށްފައިވާއިރު އުސޫލުގައިވާ ޝަރުތު ހަމަވަނީ އެންމެ ނުވަ ރަށެކެވެ. މި އުސޫލަށް އަމަލު ކުރަން ފަށާފައިވަނީ މިމަހުގެ 26 ވަނަ ދުވަހު ފެށިގެންނެވެ.

މި މަހުގެ 21 ވަނަ ދުވަހު އާންމު ކުރި މި އުސޫލުގައިވާ ގޮތުން ގެސްޓްހައުސްތައް ހިންގާ ރަށްތަކަށް ފަތުރުވެރީންނަށް ދެވޭނީ، ވެކްސިން ޖެހޭ އާބާދީގެ 60 ޕަސެންޓް މީހުން ވެކްސިން ފުރިހަމަ ކޮށްފައިވާ ނަމައެވެ. އަދި ޓުއަރިޒަމް ދާއިރާގައި އުޅޭ 95 ޕަސެންޓް މީހުން ވެކްސިން ފުރިހަމަ ކުރަން ޖެހޭއިރު މިރަށްތަކުގައި ދިރިއުޅޭ 65 އަހަރުން މަތީގެ 90 ޕަސެންޓް މީހުން ވެކްސިން ފުރި ހަމަ ކުރަން ޖެހެ އެވެ.

ވެކްސިން ފުރިހަމަ ނުކޮށް ރާއްޖެ އަންނަ ފަތުރުވެރިންނަށް ދެވޭނެ ރަށްތައް އެޗްޕީއޭ އިން މިއަދު އާންމުކޮށްފައިވާ އިރު އެރަށްތަކަކީ، އދ. ހަންޏާމީދޫ، ކ. މާފުށި، އއ. ރަސްދޫ، އއ. ހިމަންދޫ، އއ. ތޮއްޑު، އއ. މާޅޮސް، އއ. މަތިވެރި، އއ. އުކުޅަސްގެ އިތުރުން އދ. ދިގުރަށެވެ. މީގެ ތެރެއިން އުކުޅަހާއި ހަންޏާމީދޫގެ 65 އަހަރުން މަތީގެ ހުރިހާ އެންމެނަށް ވަނީ ވެކްސިންގެ ދެ ޑޯޒް ދީފަ އެވެ.

ވެކްސިން ފުރިހަމަ ނުކުރާ ފަތުރުވެރިންނަށް މިހާރު ރާއްޖޭގެ ނުވަ ރަށަކަށް ދަތުރުކުރެވޭއިރު ވެކްސިން ފުރިހަމަ ކޮށްފައިވާ ފަތުރުވެރިންނަށް ރާއްޖޭގެ ކޮންމެ ރަށަކަށް ވެސް ދެވޭނެ ގޮތަށް އުސޫލު ވަނީ ކަނޑައަޅާފަ އެވެ. އެގޮތުން ދަތުރުކުރުމުގެ 96 ގަޑި އިރު ކުރިން ހަދާ ޕީސީއާރު ނެގެޓިވް ނަތީޖާއަކާއެކު ރާއްޖެ އެތެރެވާ ވެކްސިންގެ ޑޯޒް ފުރިހަމަކޮށްފައިވާ ފަތުރުވެރިންނަށް މީހުން ދިރިއުޅޭ ރަށްތަކުގައި ހުންނަ ގެސްޓްހައުސްތަކަށް ދެެވޭނެ ކަމަށެވެ.

ވެކްސިންގެ ޑޯޒް ފުރިހަމަކޮށްފައިވާ ފަތުރުވެރިންނާއެކު ދަތުރުކުރާ ވެކްސިން ނުޖެހޭ އުމުރުގެ ކުދީންނަށްވެސް މީހުން ދިރިއުޅޭ ރަށްތަކުގައި ހުންނަ ގެސްޓްހައުސްތަކުގައި ތިބެވޭނެ އެވެ.

އެޗްޕީއޭއިން ބުނީ، މީހުން ދިރިއުޅޭ ރަށްރަށުގެ ގެސްޓްހައުސްތަކުން ފަތުރުވެރިންނަށް ޗެކްއައުޓް ވެވޭނީ، ނެގެޓިވް ޕީސީއާރު ނަތީޖާއެއް އޮވެގެން ކަމަށެވެ.