ކައިވެނީގެ ކަންކަން ކުރިއަށް ދަނިކޮށް ރުޅިވި ކުއްޖާ ކައިވެންޏަށް އެހުމުން ދެ އަންހެނުންނާއި އެއްފަހަރާ ކައިވެނިކޮށްފިއެވެ.
މިކަން ހިނގާފައިވަނީ އިންޑޮނޭޝިއާގައި ކައިވެނީގެ ކަންކަން ކުރިއަށްދަނިކޮށް ފިރިހެން މީހާ ރުޅިވި ކުއްޖާ އެތަނަށް ގޮސް ވަގުތުން ކައިވެންޏަށް އެދުމުންނެވެ.
ރިޕޯޓުތައް ބުނާގޮތުގައި ކޮރިކު އަކްބަރު، 20އ އަދި ނޫރު ކުލްސުމް ކޯތިމާ، 20އ ގެ ކައިވެނީގެ ކަންކަން ކުރިއަށް ދަނިކޮށް ކޮރިކު ކުރިން ރަށްޓެހި ވި ކުއްޖާ ޔުއަނިޓާ ރުރި، 21އ އެތަނަށް ގޮސް ކައިވެނި ކުރަން ބޭނުންވާ ކަމަށް ވަނީ ބުނެފައެވެ. ޔުއަނިޓާއަށް އޭނާގެ ކުރީގެ ލޯބިވެރިޔާ ކައިވެނިކުރަން އުޅޭކަން އެނގިފައިވަނީ މީސްމީޑިއާގައި އޭނާއަށް މަރުހަބާ ކިޔައި ރަށްޓެހިން ޕޯސްޓުކުރަން ފެށުމުންނެވެ. އަދި އެސަބަބަށް ޓަކައި އޭނާވެސް ކައިވެނިކުރަން ބޭނުންވީ ކަމުގައި ހަރިއަން މެޓްރޯއަށް ދިން އިންޓަވިއުއެއްގައި ވަނީ ބުނެފައެވެ.
އިންޑޮނޭޝިއާގެ ކައިވެނީގެ ސަގާފަތެއް ކަމަށްވާ މެރަރިކުގެ ދަށުން އިންނަން އުޅޭ އަންހެން ކުއްޖާ ''ވަގަށް ނަގައިގެން'' އާއިލާގެ ރުހުމުގައި ފިރިހެން ކުއްޖާގެ ގެއަށް ގެންދެއެވެ. އެގޮތަށް ކޮރިކު ވަނީ ނޫރު އެގެއަށް ގެންގޮސްފައެވެ. ނަމަވެސް ކަން ދިމާކުރި ގޮތުން ނޫރު ގޮވައިގެން ދިޔައިރު ޔުއަނިޓާ ހުރީ ކޮރިކުގެ ގޭގައި ކަމަށާއި، އަދި ޔުއަނިޓާ ވަގުތުން އޭނާއާ ވެސް ކައިވެނިކުރުމަށް ކޮރިކު ކިބައިން އެދިފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ކުރީގެ ލޯބިވެރިޔާ އޭނާގެ ގެއަށް ގޮސް ކައިވެންޏަށް އެހުމުން ކޮރިކު ހުރީ ބުނާނެ އެއްޗެއް ނޭނގިފައި ކަމަށް އޭނާ ބުނެއެވެ. ޔުއަނިޓާ އާއި އޭނާ ލޯބީގެ ގޮތުން ގުޅިފައިވަނީ 2016 ވަނަ އަހަރުގައެވެ. 'ކުއްލިއަކަށް އޭނަ ގޮސް ކައިވެންޏަށް އެދުމުން އަހަރެން ހައިރާންވި. ފުރަތަމަ އަހަންނަށް ބުނާނެ އެއްޗެއްވެސް ނޭނގުނު. ނަމަވެސް އާއިލާއާ މަޝްވަރާކުރުމަށްފަހު އަހަރެން ނިންމީ ދެ މީހުންނާވެސް އެއްފަހަރާ އިންނަން.'' އޭނާ ބުނެފައިވެއެވެ.
ނަމަވެސް މިހާރު ކޮރިކު ހުރީ މި ނިންމުމުގެ ސަބަބުން ދެރަވެ ހިތާމަކުރާ ހާލުގައެވެ. އޭނާއަށް ދެ އަންހެނުން ބެލުމަށް ބަލަދު އަރާފައިވާއިރު މިވަގުތު ވަޒީފާއެއް ނެތް ކަމަށް އޭނާ ބުނެއެވެ.