ވެރިކަންކުރާ ކޯލިޝަންގައި ހިމެނޭ ޕާޓީތަކުގެ ލީޑަރުންގެ ތެރެއިން ގައުމަށް ގައްދާރުވެފައިވާ ބޭފުޅުންނާއެކުގައި ސިޔާސީ މަސައްކަތް ނުކުރެވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އަދި އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

އާދަމް ޝަރީފް މިހެން ވިދާޅުވީ، "މިނިވަންކަމުގެ ދިފާއުގައި ދިވެހިން"ގެ ނަމުގައި އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން މިރޭ ބޭއްވި ހަރަކާތުގައި އިދިކޮޅުން ކުރާ މަސައްކަތްތަކާ ގުޅުމަށް ސަރުކާރު ކޯލިޝަންގައި ހިމެނޭ ބައެއް ލީޑަރުންނަށް ޕްރޮގްރެެސިވް ކޮންގްރެސް ކޯލިޝަން ހިންގެވުމާ ހަވާލުވެ ހުންނެވި އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ދައުވަތު އެރުވުމާ ގުޅިގެންނެވެ.

އެގޮތުން އަދުރޭ ވަނީ ގައުމު ދިފާއުކުރަން ޕީޕީއެމުން ކުރާ މަސައްކަތްތަކާ ގުޅުމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އަދާލަތު ޕާޓީގެ ރައީސް އައްޝައިހް އިމްރާން އަބްދުﷲ އާއި ޖުމްހޫރީ ޕާޓީގެ ރައީސް ގާސިމް އިބްރާހިމްގެ އިތުރުން ވެސް ސިޔާސީ މަސްހަރުގައި ހަރަކާތްތެރިވާ ބައެއް ބޭފުޅުންނަށް ދައުވަތު އަރުވައިފައެވެ.

މިރޭގެ އިވެންޓުގައި ވާހަކަދައްކަވަމުން އާދަމް ޝަރީފް ވިދާޅުވީ، ގައުމަށް ގައްދާރުވީ ބަޔަކާ އެކުގައި ސިޔާސީ މަސައްކަތް ނުކުރެވޭނެ ކަމަށެވެ. އަދި މިހާރު ސަރުކާރުގައި ތިބި މީހުންނަކީ ގައުމުގެ މިނިވަންކަން ގެއްލުވާލުމަށް މަސައްކަތް ކުރި ބައެއް ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑު އަބްދުއްރަހީމާ ސުވާލުކޮށްލަން ބޭނުން ކޮން ހަމައަކުންތޯ އެބޭފުޅުންނާއެކުގައި އަޅުގަނޑުމެންނަށް މަސައްކަތް ކުރެވޭނީ.؟" އާދަމް ޝަރީފް ވިދާޅުވިއެވެ.

އާދަމް ޝަރީފް ވިދާޅުވީ، އެމްޑީޕީގެ އަތުން މިގައުމު ސަލާމަތް ކުރަން ޖެހޭ ކަމަށާއި އެހެންކަމުން ވީހާވެސް ގިނަ ބަޔަކު ޕީޕީއެމް/ޕީއެންސީން ކުރާ މަސައްކަތާ ގުޅެން ޖެހޭ ކަމަށެވެ. އަދި ގައުމުގެ މިނިވަންކަން ސަލާމަތް ކުރާ ފިކުރަކީ ހަމައެކަނި ޕީޕީއެމްގެ ފިކުރު ކަމަށް ވެސް ވިދާޅުވިއެވެ.