ބަލިވެގެން ޑޮކްޓަރަށް ދެއްކި މީހަކު ކޮވިޑަށް ޕޮޒިޓިވްވުމުން އައްޑޫ ސިޓީ މަރަދޫ ސިއްހީ މަރުކަޒު ވަގުތީ ގޮތުން ބަންދު ކުރަން ޖެހިއްޖެއެވެ.

މަރަދޫ ސިއްހީ މަރުޒަޒުގެ ޒިންމާދާރު އިސްވެރިޔާ ބުޝްރާ ހަސަން މިއަދު 'ވަން' އަށް ވިދާޅުވީ، އެ މީހާ މަރަދޫ ސިއްހީ މަރުކަޒަށް ދައްކާފައިވަނީ 26 ވަނަ ދުވަހު ކަމަށާއި އަދި އާންމު އުސޫލުގެ ތެރެއިން އެނދުމަތި ކުރަން ޖެހުމުން އޭނާ ކޮވިޑަށް ޓެސްޓު ކުރީ ކަމަށެވެ.

ފުލޫގެ އެއްވެސް އަލާމާތެއް ނެތް ނަމަވެސް އޭނާގެ ސާމްޕަލް މިދިޔަ ބުދަ ދުވަހުގެ ރޭ ލިބުނު އިރު ކޮވިޑަށް ވަނީ ޕޮޮޒިޓިވްވެފައެވެ. އެއާއެކު މަރުކަޒުގެ ޑޮކްޓަރުގެ އިތުރުން ދެ އެޓެންޑެންޓުންނާއި ތިން ނަރުހުން ޑައިރެކްޓް ކޮންޓެކްޓުންނަށް ވުމުން އެ ރަށު ސިއްހީ މަރުކަޒުން ދެމުންދިޔަ ހިދުމަތް ތިން ދުވަހަށް ވަނީ މެދު ކަނޑާލައިފައެވެ.

އަންނަ މަހުގެ ދެވަނަ ދުވަހު އަލުން މަރުކަޒު ހުޅުވާނެ ކަމަށް ބުޝްރާ ވިދާޅުވިއެވެ. އަދި ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ފާހަގަކުރެވިފައިވާ މަރުކަޒުގެ މުވައްޒަފުން ތިން ދުވަސް ފަހުން ކޮވިޑަށް ޓެސްޓުކުރުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.

އެނގިފައިވާ ގޮތުގައި އެ ބިލި މީހާ އަކީ އެ ރަށުގައި ކަރަންޓީނުގައި ހުރި ގެއަކުން ޑޮކްޓަރަށް ދެއްކި މީހެކެވެ. އެހެން ނަމަވެސް އޭނާއަށް އެޓެންޑުވި މަރުކަޒުގެ މުވައްޒިފުންނާއި ޑޮކްޓަރު ވެސް ޕީޕީއީ ނުލައި ހުރިކަން ވަނީ ވަން އަށް ކަށަވަރުވެފައެވެ. އަދި ބައެއް މުވައްޒަފުން ފޭޝް ޝީލްޑުގެ އިތުރުން މާސްކު ނާޅައި ހުރި ކަމަށް ވެސް މަރުކަޒުގެ އޮފިޝަލަކު ވަނީ ކަށަވަރު ކޮށްދެއްވައިފައެވެ.

ތިން ދުވަހަށް އެ ރަށުގެ ސިއްހީ މަރުކަޒު ބަންދުކޮށްފައިވާ އިރު، ބަލިވެގެން ޑޮކްޓަރަށް ދައްކަން ބޭނުންވާ ފަރާތްތަކުން އެންމެ ކައިރީގައި ޖެހިގެން ހުރި ފޭދޫ ސިއްހީ މަރުކަޒަށް ދެއްކުމަށް މަރަދޫ ސިއްހީ މަރުކަޒުން ވަނީ ރައްޔިތުންނަށް އަންގައިފައެވެ. މަރަދޫއާއި ފޭދޫ އޮންނަނީ އެއް ފަސްގަނޑަކަށް ގުޅިފައެވެ.