މާލޭ ސިޓީގެ ވިލިމާލޭގެ ރައްޔިތުންނަށް ހާއްސަ ޕާކިން ޒޯނެއް މާލޭގައި ހަދައިފިއެވެ.
މާލޭ ސިޓީ ކައުންސިލުން މިއަދު ބުނީ އެ ކައުންސިލުގެ ފަރާތުން ތަރައްގީކުރި މި ޕާކިން ޒޯން ހަދާފައިވަނީ މާލޭގެ ހުޅަނގު ފަރާތުން ސުނާމީ ބިނާ މައިޒާން ކުރިމަތިން ބޮޑުތަކުރުފާނު މަގުގައި ކަމަށެވެ.
އަލަށް ތަރައްގީކުރި މި ޕާކިން ޒޯނުގައި ހަތަރު ފުރޮޅުލީ އުޅަނދުފަހަރަށް 20 ޖާގަ ހަދާފައިވެއެވެ. މިތަނުން ޖާގަ ދޫކުރާނީ ވިލިމާލޭގެ ރައްޔިތުންނަށެވެ. އެގޮތުން ވިލިމާލޭގެ ރަށްވެހިންގެ ގޮތުގައި ރަށްވެހިވެފައިވާ މީހުންގެ ތެރެއިން ހަތަރު ފުރޮޅުލީ އުޅަނދުފަހަރު ގެންގުޅޭ ފަރާތްތަކަށް 15 ޖާގަ ދޫކުރެވޭނެ ކަމަށާއި ބާކީ ފަސް ޖާގަ ދޫކުރެވޭނީ ވިލިމާލޭގައި ދިރިއުޅޭ މީހުންގެ ތެރެއިން ހަތަރު ފުރޮޅުލީ އުޅަނދުފަހަރު ދުއްވާ މީހުންނަށް ކަމަށް ސިޓީ ކައުންސިލުން މައުލޫމާތުދެއެވެ.
ސިޓީ ކައުންސިލުން ބުނީ އެތަނުން ޖާގަ ދޫކުރުމަށް ވަރަށް އަވަހަށް އިއުލާނުކުރާނެ ކަމަށާއި ޖާގަ ދޫކުރުމުގައި އަމަލުކުރާނީ ސިޓީ ކައުންސިލުގެ ޕާކިން ޒޯންތަކުން ޖާގަ ދޫކުރާ އުސޫލަށް ކަމަށެވެ. އެގޮތުން މި ޒޯން ވެސް ހާއްސަ ކުރެވިފައިވަނީ 350 ކިލޯއިން ދަށުގެ ޕިކަޕާއި ކާރާއި ވޭނަށް ކަމަށް ބުންޏެވެ.
ސިޓީ ކައުންސިލުން މިހާރު ޖާގަ ދޫކުރާއިރު އެކަމަށް އެދި ހުށަހަޅާ ފަރާތްތަކުން ސިޓީއަކުން ހުށަހަޅަން ޖެހެނީ ސިޓީ ކައުންސިލުގެ އާއްމު ހިދުމަތްތަކާ ބެހޭ ބަޔަށެވެ. އެކަމަށް އެދި ހުށަހަޅާއިރު އައިޑީ ކާޑް ކޮޕީއާއި އުޅަނދުގެ ރަޖިސްޓްރީ ކޮޕީއެއްވެސް ހުށަހަޅަން ޖެހެއެވެ. އަދި ރޯޑް ވާދިނަސް ހެއްދި ލިޔުމާއި އަހަރީ ފީ ލިޔުމުގެ ކޮޕީވެސް ހުށަހަޅަން ޖެހެއެވެ.
މާލޭ ސިޓީ ކައުންސިލުގެ ޕާކިން ޒޯންތަކުން މިހާރު ޖާގަ ދޫކުރުމުގައި ކައުންސިލުން ނިންމާފައިވަނީ ޓެކްސީ ބޯޑު ޖެހި ކާރަށާއި ޕިކަޕަށް މަހަކު 750 ރުފިޔާ ނެގުމަށެވެ. އަދި އެހެނިހެން އުޅަނދުތަކަށް މަހަކު 1500 ރުފިޔާ ނެގުމަށެވެ. އެހެންނަމަވެސް މި ދުވަސްވަރަކީ ކޮވިޑް 19ގެ ހާލަތުގެ ދުވަސްވަރުކަމުން މި ހާލަތު ބަދަލުވެއްޖެ ކަމަށް ކައުންސިލުން ކަނޑައަޅަންދެން މިފަދަ އުޅަނދުފަހަރަށް ނަގާނީ މަހަކު 1000 ރުފިޔާ ކަމަށް ކައުންސިލުން ބުނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު