ދީން

ރަޙުމަތުގެ ނަބިއްޔާގެ ތަޢުލީމު ދެއްވުމާއި ތަރުބިޔަތު ކުރެއްވުން 01

އަބްދުﷲ ފާރޫގް ހަސަން

އަރަހުށި މާތް اللّـه سبحـانــه وتـعــالــى އެކަލާނގެ އަޅުތަކުންގެ މައްޗަށް ބެހެއްޓެވި އިޙުސާނުވަންތަކަމަކީ ހިމަނައި ކޮޅުންލާނެ ކަންކަމެއް ނޫނެވެ. އިންސާނާ މިބިންމަތީގައި އަބުރުވެރި ބާރުވެރި ދިރިއުޅުމެއް އުޅުމަށްޓަކައިވެސް އެކަލާނގެ ވަނީ ގުނައި އަދަދު ނުކުރެވޭހައިގިނަ ނިޢުމަތްތައް ދެއްވައިފައެވެ. ވަސީލަތްތައް ތަނަވަސްކޮށް ދެއްވައިފައެވެ. މިފަނާވެދަނިވި އަދި ވަގުތީ ދުނިޔޭގައިވެސް އިންސާނާ ހިތްހަމަޖެހިގެން އަމާންކަމާއެކު ދިރިއުޅުމަށްޓަކައެވެ. މިދުނިޔޭގެ ދިރިއުޅުމަށްފަހު އުޚުރަވީ ކާމިޔާބީގެ ޙައްޤުވެރިޔަކަށްވެސް އިންސާނާ ވުމަށްޓަކައެވެ. ނަމަވެސް އިންސާނާއަށް އަބަދުވެސް ހުރެވެނީ މިދުނިޔޭގެ ކުޅިވަރާއި މަޖަލާއި ޒީނަތްތެރިކަމަށް ހެއްލެވިފައެވެ. އޭނާ ހެއްދެވި ރަސްކަލާނގެ ރަސްކަންފުޅުގެމަތީން ހަނދާން ނައްތައިލައިގެންނެވެ. ކަންމިހެން ހުރުމާއެކު އަރަހުށި މާތް اللّـه ގެ އަޅުތަކުންގެ މައްޗަށް ލައްވައިފައިވާ އެންމެބޮޑު އެއް ރަޙުމަތަކީ އިންސާނުން މަގުފުރެދުމުން ސަލާމަތްކުރެއްވުމަށްޓަކައި ފޮތާއި ސުޙުފު ބާވައިލައްވަމުން ގެންދެވިކަމެވެ. އެފޮތްތައް ކިޔަވައިދެއްވައި ޝަރަޙަކޮށްދެއްވާނެ ރަސޫލުން ފޮނުއްވަމުން ގެންދެވިކަމެވެ. އިންސާނާ ހަނދާން ނައްތައިލައިފައިވާ ފަލާޙާއި ކާމިޔާބީގެ މަގު އޭނާއަށް އަލުން ހަނދާންކޮށްދެއްވުމަށްޓަކައެވެ. އަނދިރިކަމުގެ ތެރެއިން އަލިކަމުގެ ތެރެޔަށް ނެރެދެއްވުމަށްޓަކައެވެ. މިގޮތުން ބަލާއިރު މާތް اللّـه ގެ ފޮތްތަކަކީ އިންސާނާގެ ތަޢުލީމުގެ ނިޞާބެވެ. އެފޮތްތައް ކިޔަވައި ވިދާޅުވެދެއްވައި ޝަރަޙަކޮށްދެއްވި ރަސޫލުންނަކީ މުޢައްލިމުންނެވެ. އުނގަންނައިދެއްވި އެދުރުބޭކަލުންނެވެ. (ޑޮކްޓަރ ޝަރަފުއްދީން ސާހިލު)

إبــراهيــم ގެފާނުގެ ދުޢާފުޅު

إبــراهيــم عـليــه السّـلام އެކަލޭގެފާނުގެ ދަރިކަލުން إسمــاعـيـل ގެފާނު މައްކާގައި ވަޒަންވެރިކުރައްވައި މާތް اللّـه ގެ ގެފުޅު ބިނާކުރެއްވީ އިންސާނުން މަގުފުރެދުމުގެ ކަނު އަނދިރީގެ ތެރޭގައި ގަނަތެޅިތެޅި ތިއްބައެވެ. އެހެންކަމުން إبــراهيــم عـليــه السّـلام ވަނީ އެކަލޭގެފާނުގެ ދަރިކަލުން إسمــاعـيـل عـليــه السّـلام ގެ ދަރިފަސްކޮޅަށް ދުނިޔެއާއި އާޚިރަތުގެ ކާމިޔާބީއާއި ބާއްޖަވެރިކަމުގެ މަގު ދައްކަވައިދެއްވާނެ ރަސޫލު ބޭކަލަކު އެބައިމީހުންގެ ތެރެއިން ފޮނުއްވައިދެއްވުން އެދިވަޑައިގެން ދުޢާކުރައްވައިފައެވެ. އަރަހުށި މާތް اللّـه އެކަލޭގެފާނުގެ ދުޢާފުޅު ވަނީ ކީރިތި ޤުރްއާނުގެ އާޔަތެއްކަމުގައި ލައްވައިފައެވެ. ދާއިމަށް އަޑު ގުގުމަމުން ދާނެގޮތް މެދުވެރިކޮށްދެއްވައިފައެވެ. އާދެ، އެކަލޭގެފާނުގެ ދުޢާފުޅުގައިވަނީ މިދަންނަވާ ފަދައިންނެވެ.

"އަޅަމެންގެ ވެރިރަސްކަލާކޮ! އަދި އެ އުންމަތުގެ މީހުންނަށް އިބަރަސްކަލާނގެ އާޔަތްތައް ވިދާޅުވެދެއްވާ، ޙިކުމަތާއި ފޮތް އުނގަންނަވައިދެއްވާ އަދި (އެންމެހާ ނުބައިގޮތްތަކުން)

އެ އުންމަތް ޠާހިރުކުރައްވާނެ ރަސޫލަކު، އެ އުންމަތުގެ ތެރެއިން، އެ އުންމަތުގެ ތެރެޔަށް ފޮނުއްވައިފާނދޭވެ! ހަމަކަށަވަރުން އިބަރަސްކަލާނގެއީ ޢަޒީޒުވަންތަ، ޙަކީމުވަންތަ ރަސްކަލާނގެއެވެ." (الـبقــرة: 129)

ކައުސާހިބާ صلّــى اللّـه عليـه وسلّـم ގެ ޙަދީޘްފުޅުތަކުން އެނގޭގޮތުގައި إبــراهيــم عـليــه السّـلام އަށް ވަނީ އެކަލޭގެފާނުގެ ދުޢާފުޅު އިޖާބަކުރެއްވިކަމުގެ ހެޔޮ ޚަބަރު ލިބިވަޑައިގެންފައެވެ.

އެ ރަސޫލާ ފަހުޒަމާނުގައި ފޮނުއްވާނެކަމުގެ ނިމުތުވެސް ލިބިވަޑައިގެންފައެވެ. އިސްލާމްދީނުގެ ނަބިއްޔާ صلّــى اللّـه عليـه وسلّـم ރަސޫލުކަމާއިގެން ފޮނުއްވީ އެ ދުޢާފުޅުގެ ގާތްގަނޑަކަށް ދެހާސް ފަސްސަތޭކަ އަހަރު ފަހުންނެވެ.

ކީރިތި ޤުރްއާނުގެ އެހެން ދެ އާޔަތެއްގައިވެސް ކައުސާހިބާ صلّــى اللّـه عليـه وسلّـم ގެ ބިޢުޘަތުގެ ވާހަކަ ބަޔާންކުރައްވަމުންވަނީ إبــراهيــم عـليــه السّـلام ގެ ދުޢާފުޅުގެ ޢިބާރާތް ތަކުރާރު ކުރައްވައިފައެވެ. އެއީ آل عـمــران ســورة ގެ 164 ވަނަ އާޔަތާއި الجمعــة ســورة ގެ ދެވަނަ އާޔަތެވެ. މި ޙަޤީޤަތްތަކުން އެނގެނީ ކައުސާހިބާ صلّــى اللّـه عليـه وسلّـم ގެ ބިޢުޘަތުގައި إبــراهيــم عـليــه السّـلام ގެ ދުޢާފުޅު ހިމެނޭކަމެވެ. ކައުސާހިބާ صلّــى اللّـه عليـه وسلّـم އަމިއްލަފުޅަށް ޙަދީޘުކުރައްވައިފައިވެއެވެ. "انـا دعــوة أبـِى إبــراهيــم" (އަހުރެންނަކީ އަހުރެންގެ ބަފައިކަލުން إبــراهيــم ގެފާނުގެ ދުޢާފުޅެވެ.)

މަތީގައި އަޅުގަނޑު ޙަވާލާދީފައިވާ آل عـمــران ســورة ގެ 164 ވަނަ އާޔަތުގެ މާނައިގައިވަނީ މިދަންނަވާ ފަދައިންނެވެ.

"ހަމަކަށަވަރުން މުއުމިނުންގެ މައްޗަށް اللّـه ދަރުމަވަންތަވެ ވޮޑިގެންފިއެވެ. (އެއީ) އެއުރެންގެ ތެރެއަށް، ހަމަ އެއުރެންގެ ތެރެއިން ރަސޫލަކު ފޮނުއްވި ހިނދުގައެވެ. އެކަލާނގެ އާޔަތްތައް އެއުރެންނަށް ކިޔަވައިދެއްވާ އަދި، އެއުރެން ޠާހިރު ކުރައްވާ، އަދި ފޮތާއި ޙިކުމަތް، އެއުރެންނަށް އުނގަންނަވައިދެއްވާ ބޭކަލެއްގެ ގޮތުގައެވެ. އޭގެކުރީން އެއުރެންވީ، ބަޔާންވެގެންވާ މަގުފުރެދުމެއްގައިކަން ކަށަވަރެވެ." (آل عـمــران: 164)

الجمعــة ســورة ގެ ދެވަނަ އާޔަތުގައި މި ޙަޤީޤަތް ހާމަކުރައްވައިފައިވަނީ އަންނަނިވި ފަދައިންނެވެ.

"އުންމިއްޔުންގެ ތެރެއަށް، އެއުރެންގެ ތެރެއިން ރަސޫލަކު ފޮނުއްވީ އެކަލާނގެއެވެ. އެކަލާނގެ އާޔަތްތައް އެއުރެންގެ މައްޗަށް އެކަލޭގެފާނު ކިޔަވައިދެއްވަތެވެ. އަދި އެއުރެން ޠާހިރު ކުރައްވަތެވެ. އަދި ފޮތާއި ޙިކުމަތް އެއުރެންނަށް އުނގަންނައިދެއްވަތެވެ. އޭގެކުރީން އެއުރެން ތިބީ ފާޅުވެ ބަޔާންވެގެންވާ ފުރެދުމެއްގައިކަން ކަށަވަރެވެ." (الجمعــة: 2)

މީގެއިތުރަށްވެސް ކީރިތި ޤުރްއާނުގެ އެތައް އާޔަތްތަކެއްގައިވަނީ ދާދި މިފަދަ ބަސްފުޅުތައް ތަކުރާރު ކުރައްވައިފައެވެ. ކައުސާހިބާ صلّــى اللّـه عليـه وسلّـم ދެއްވި ތަޢުލީމާއި ތަރުބިޔަތުގެ އަހަންމިއްޔަތާއި އެމާތް ސާހިބާގެ މަސައްކަތްޕުޅުގައި އިންސާނިއްޔަތަށްހުރި ލާބައާއި މަންފާގެ ބޮޑުކަން ބަޔާންކުރެއްވުމަށްޓަކައެވެ. ވަޙީކުރައްވައިފައިވެއެވެ.

"ހަމައެފަދައިން ތިމަންރަސްކަލާނގެ އާޔަތްތައް ތިޔަބައިމީހުންނަށް ވިދާޅުވެދެއްވައި، ތިޔަބައިމީހުން (ކުށްތަކުން) ޠާހިރުކުރައްވައި ފޮތާއި ޙިކުމަތް ތިޔަބައިމީހުންނަށް އުނގަންނައިދެއްވައި ތިޔަބައިމީހުންނަށް ކުރީން އެނގިފައިނުވާ ކަންތައް އުނގަންނަވައިދެއްވުމަށްޓަކައި ތިޔަބައިމީހުންގެ ތެރެޔަށް ތިޔަބައިމީހުންގެ ތެރެއިން ރަސޫލަކު ތިމަންރަސްކަލާނގެ ފޮނުއްވީމެވެ. (الـبقــرة: 151)

ތަންފީޒުކުރެއްވި ޢިލްމީ މަންހަޖު

އިސްވެބަޔާންކުރި މާތް އާޔަތްތަކުންވަނީ ކައުސާހިބާ صلّــى اللّـه عليـه وسلّـم ތަޢުލީމާއި ތަރުބިޔަތު ދެއްވުމުގައި ގެންގުޅުއްވި މަންހަޖު ފުރިހަމައަށް ބަޔާންވެފައެވެ. އެމާތް ސާހިބާ މިއުންމަތަށް ކީރިތި ޤުރްއާން ކިޔަވައި ވިދާޅުވެދެއްވިއެވެ. ޤުރްއާން މާނަކޮށްދެއްވަން ޖެހިވަޑައިގަންނަވާ ތަންތާނގައި މާނަ ބަޔާންކޮށްދެއްވިއެވެ. ޝަރަޙަކޮށްދެއްވައި ތަފްސީލު ކޮށްދެއްވިއެވެ. އުންމަތަށް ޙިކުމަތާއި ބުއްދިވެރިކަން ދަސްކޮށްދެއްވިއެވެ. ދީނުގެ ޙުކުމްތަކާއި މައްސަލަތަކާއި އަދަބާއި އަޚުލާޤު އުނގަންނައިދެއްވިއެވެ. އުންމަތުގެ މީހުންގެ ހަށިތަކުގެ ބޭރުފުށުގެ ކުނި މިލައާއި ނުތާހިރުކަން ފިލުއްވައިދެއްވިއެވެ. ހަމައެފަދައިން ކުފުރާއި ޝިރުކާއި ފާސިދު ޢަޤީދާތަކާއި ކިބުރުވެރިކަމާއި ހަސަދައާއި، ރުޅިވެރިކަމާއި ދުނިޔެއަށް ހެއްލުންތެރިވުމުގެ ނުބައިކަމުން އެބައިމީހުންގެ އެތެރެފުށް ޠާހިރުކޮށްދެއްވިއެވެ. މިގޮތުން ބަލާއިރު އިސްލާމްދީނުގެ ނަބިއްޔާއަކީ އެންމެ މަތިވެރި މުޢައްލިމެވެ. އަދި އެންމެ އަރައިހުންނެވި މުސްލިޙުވެސްމެއެވެ.

މިޝްކާތުގައި ވާރިދުވެފައިވާ މާތް ޙަދީޘުފުޅެއްގައި ޚުދު އެމާތް ސާހިބާވެސްވަނީ މި ޙަޤީޤަތް ބަޔާންކުރައްވައިފައެވެ. އެމާތް ސާހިބާ ވިދާޅުވެފައިވެއެވެ. "ތިމަންކަލޭގެފާނު ފޮނުއްވީ މުޢައްލިމެއް ކަމުގައިވެސް ލައްވައިފައެވެ." إمــام مــالـك މުވައްޠާގައި ނަޤުލުކުރައްވައިފައިވާ ޙަދީޘުފުޅެއްގައިވެއެވެ. އިތުރު ސާހިބާ صلّــى اللّـه عليـه وسلّـم ޙަދީޘުކުރެއްވިއެވެ. "ތިމަންކަލޭގެފާނު ފޮނުއްވީ ރިވެތި އަޚުލާޤު ފުރިހަމަކުރެއްވުމަށްޓަކައެވެ."

ކައުސާހިބާ صلّــى اللّـه عليـه وسلّـم އެމާތް ސާހިބާގެ ތަޢުލީމާއި ތަރުބިޔަތު ދެއްވުމުގެ ހުރިހާ ކަމެއް ގެންދެވީ އަރަހުށި މާތް اللّـه ރާއްވަވައިދެއްވައިފައިވާ އިލާހީ މަންހަޖާ އެއްގޮތަށެވެ. އިލާހީ ވަޙީއާ އެއްގޮތްވާ ގޮތުގެމަތީންނެވެ. އަރަހުށި މާތް اللّـه އަންގަވައިފައިވާ ދާއިރާގެ ތެރޭގައެވެ. ކައުސާހިބާ ތަންފީޒުކުރެއްވި މަންހަޖުގައި ހިމެނޭ ދާއިރާތަކަކީ މާތް اللّـه ގެ އެއްކައުވަންތަކަމެވެ. ރިސާލަތެވެ. އާޚިރަތެވެ. ބިމުގެ ޚިލާފަތެވެ. އިންސާނީ ހަމަހަމަކަމާއި އެއްބަނޑުއެއްބަފާކަމެވެ. އިންސާނީ ވަޙުދަތެވެ. މިނިވަންކަމެވެ. ޢަޤީދާއެވެ. ކާއިނާތާމެދު ވިސްނައި ފިކުރު ހިންގުމެވެ. އިތުރު ސާހިބާ ތަޢުލީމާއި ތަރުބިޔަތު ދެއްވަމުން ގެންދެވީ ނުހަނު ޒިންމާދާރުކަމާ އެކުގައެވެ. ފުރިހަމަޔަށް ސަމާލުކަން ދެއްވައިގެންނެވެ. ފަރުވާތެރިވެވަޑައިގެންނެވެ. އިތުރު ސާހިބާގެ ސީރަތުން ފުރިހަމައަށް ހެކި ލިބޭފަދައިން އިތުރު ސާހިބާ އެކަލޭގެފާނުގެ ޙަޤީޤީ މިޝަން ފުރިހަމަކުރެއްވުމަށްޓަކައި މަސައްކަތްޕުޅު ކުރެއްވީ ރޭގަނޑަކަށް ދުވާލަކަށް ބެއްލެވުމެއް ނެތިއެވެ. އެންމެ ފަޅި ސިކުންތެއްވެސް ނަންގަވައެއް ނުލައްވައެވެ. އެމާތް ސާހިބާގެ މަސައްކަތްޕުޅަށް އެތައްއެތައް ހުރަސްތަކެއް ކުރިމަތިކުރެވުނެވެ. އެކަމަކުވެސް އިތުރު ސާހިބާ އެކަލޭގެފާނުގެ މަސައްކަތްޕުޅު ކުޑަކޮށްވެސް ރައިކޮށެއް ނުލައްވައެވެ. އެމަސައްކަތްޕުޅުގައި މަޝްޣޫލުވެ ވަޑައިގެންނެވިލެއް ވަރުގަދަކަމާއި ފަރުވާތެރިވެވަޑައިގެންނެވިލެއް ބޮޑުކަމުން ޚުދު އަރަހުށި މާތް اللّـه ވަޙީކުރައްވައިފައިވެއެވެ.

"އެއުރެން މުއުމިނުން ކަމުގައި ނުވުމުން (އެކަމުގެ ހިތާފުޅުގައި) ކަލޭގެފާނުގެ ނަފުސު ހަލާކުކޮށްލައްވަނީތޯއެވެ. (އެބަހީ: އެހެން ނަހައްދަވާށެވެ.) (الشّعراء: 2)

ތަޢުލީމާއި ތަރުބިޔަތު ދެއްވި ގޮތްކޮޅު

ތަޢުލީމާއި ތަރުބިޔަތު ދެއްވި ގޮތްކޮޅު

މުސްލިމު ޢިލްމުވެރީންގެ ތެރެއިން ތަޢުލީމާއި ތަރުބިޔަތުގެ މާހިރެއްކަމުގައިވާ ޖަނާބު أفـضــل حسـين އޭނާގެ ފޮތެއްކަމުގައިވާ "ފަންނެ ތަޢުލީމު ވަތަރުބިޔަތު" ގައި ލިޔުއްވައިފައިވާ ގޮތުގައި އިތުރު ސާހިބާ ތަޢުލީމާއި ތަރުބިޔަތު ދެއްވުމުގައި ބޭނުންކުރި ގޮތްކޮޅުތަކަކީ ވާހަކަ ދެއްކެވުމާއި ސުވާލު ޖަވާބާއި، މަޢުލޫމާތު ދެއްވުމާއި ތަޤުރީރު ކުރެއްވުމެވެ.

ކައުސާހިބާ صلّــى اللّـه عليـه وسلّـم ތަޢުލީމާއި ތަރުބިޔަތު ދެއްވުމަށްޓަކައި ބޭނުންކުރެއްވި މިދެންނެވި ގޮތްކޮޅުތަކުގެ ވާހަކަތަކުން ޙަދީޘާއި ސީރަތުގެ ހުރިހާ ފޮތްތަކެއްވަނީ ޒީނަތްތެރިވެފައެވެ. އިތުރު ސާހިބާ صلّــى اللّـه عليـه وسلّـم ބަޔަކަށް ކަމެއް އުނގަންނައިދެއްވަން ބޭނުންފުޅުވެވަޑައިގެންފިނަމަ އެމާތް ސާހިބާގެ ސިކުނޑިފުޅުގައި އެކަމެއްގެ ގިއުގަނޑު ރާއްވައިލައްވައެވެ. އިތުރު ސާހިބާއަށް ލިބިވަޑައިގަންނަވާ ތަޢުލީމާއި ތަރުބިޔަތުގެ އެއްވެސް ފުރުސަތެއް ނަންގަވައެއް ނުލައްވައެވެ. ޢާއްމު ތަނެއްގައި ހުންނެވިކަމުގައިވިޔަސްވެހެވެ. މަދުބައެއްގެ ތެރޭގައި ހުންނެވިކަމުގައި ވިޔަސްވެހެވެ. ވަކި ފަރުދަކާއެކު ހުންނެވިކަމުގައިވިޔަސް ގަނޑުވަރުގައި ނުވަތަ މިސްކިތުގައި ހުންނެވިކަމުގައި ވިޔސްވެހެވެ. އަދި ކީއްތޯއެވެ؟ ހަނގުރާމައިގެ މައިދާނެއްގައި ހުންނެވިކަމުގައިވިޔަސް ތަޢުލީމާއި ތަރުބިޔަތު ދެއްވުމުގެ އެއްވެސް ފުރުސަތެއް އަތްޕުޅުން ދޫވެގެންދިޔަޔަކަ ނުދެއްވައެވެ. ލިބިވަޑައިގަންނަވާ ކޮންމެ ފުރުސަތެއް ފުރިހަމަޔަށް ބޭނުންކުރައްވައެވެ. ކޮންމެކަމަކާ ވިދިގެންވެސް އެކަމަކަށް ބޭނުންވާނެ މަޢުލޫމާތު ދެއްވަމުން ގެންދެވިއެވެ. އެކަމަކީ އުނގަންނައިދެއްވުމުގެ ފުރުސަތަކަށް ހައްދަވަމުން ގެންދެވިއެވެ. (ޑޮކްޓަރ ޝަރަފުއްދީން ސާހިލު)

(ނުނިމޭ)