މާލެ ސިޓީގެ ގޭބިސީތަކުގެ ކަރަންޓު ބިލު މިމަހު ބޮޑުވެފައިވަނީ ސަރުކާރުން ހަމަޖައްސާފައިވާ ސަބްސިޑީ މިމަހު އުނިކުރުމުން ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.

ކޮވިޑާ ގުޅިގެން ޖޫން މަހުގެ ކަރަންޓު ބިލުތަކުން 40 އިންސައްތަ ޑިސްކައުންޓެއް ދިނުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ނިންމެވިއެވެ.

މިމަހު މާލޭގެ ގޭބިސީތަކުގެ ކަރަންޓު ބިލު ބޮޑުވުމާ ގުޅިގެން އާންމުންގެ ގިނަ ބަޔަކު ޝަކުވާ ކުރަމުންދާ އިރު، މިމަހަކީ ކޮވިޑާ ގުޅިގެން ސަރުކާރުން ހަމަޖެއްސި ކަރަންޓުގެ ސަބްސިޑީ ކަނޑާލި ފަހުން ބިލު އައި ފުރަތަމަ މަހެވެ.

ސްޓެލްކޯގެ މީޑިއާ އޮފިޝަލް "ވަން"އަށް މިއަދު ވިދާޅުވީ، މިމަހުގެ ކަރަންޓު ބިލު ބޮޑު ކަމަށް ފާހަގަކުރެވެނީ ކޮވިޑާ ގުޅިގެން ދިން ސަބްސިޑީ އުނިކޮށްފައިވާތީ ކަމަށާއި ބޭނުން ނުކުރާ ކަރަންޓަކަށް ސްޓެލްކޯއިން ޗާޖު ނުކުރާނެ ކަމަށެވެ. އަދި ކަރަންޓު ބިލަށް އެރި ވަރު އަމިއްލައަށްވެސް ބަލައިލެވޭނެ ކަމަށް ވިދާޅުވިއެވެ.

މާލެ ސިޓީގެ ކަރަންޓު ބިލުތައް މިމަހު ބޮޑުވުމާ ގުޅިގެން މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގައި މާލޭގެ ދާއިރާތަކަށް ނިސްބަތްވާ ބައެއް މެންބަރުންވެސް ކަންބޮޑުވުން ފާޅުކުރައްވާފައިވެއެވެ.