ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އަށް ދަތުރު ކުރެވޭ ގައުމުތަކުގެ ގްރީން ލިސްޓުގައި ރާއްޖެ ހިމަނައިފިއެވެ.

ގްރީން ލިސްޓަކީ ކޮވިޑުގެ ބަލި ފެތުރޭ މިންވަރު ބަލައި، އެންމެ ރައްކާތެރި ގައުމުތައް ހިމެނޭ ގޮތަށް ޔޫއޭއީގެ ޑިޕާޓްމެންޓް އޮފް ކަލްޗާ އެންޑް ޓުއަރިޒަމުން ތައްޔާރުކުރާ ލިސްޓެކެވެ.

މި ލިސްޓުގައި ރާއްޖެ މީގެ ކުރިން ހިމެނެއެވެ. ނަމަވެސް މިދިޔަ ފެބްރުއަރީ މަހުން ފެށިގެން ރާއްޖޭގެ ކޮވިޑުގެ ހާލަތު ގޯސްވުމާއެކު، އެ ލިސްޓުން ރާއްޖޭގެ ނަން ވަނީ އުނިކޮށްފައެވެ.

ރާއްޖޭގެ ކޮވިޑުގެ ހާލަތު ރަނގަޅުވަމުން އަންނާތީވެ، ޔޫއޭއީގެ ގްރީން ލިސްޓުގައި އަލުން ރާއްޖެ ހިމެނުމަށް ވަނީ ނިންމައިފައެވެ. އެގޮތުން އަންނަ ހޮނިހިރު ދުވަހުން ފެށިގެން އެ ލިސްޓުގައި ރާއްޖެ ހިމެނޭނެއެވެ.

މި ލިސްޓަށް ރާއްޖޭގެ އިތުރުން އަށް ގައުމެއް އިތުރަށް ވަނީ ހިމަނައިފައެވެ. އެއީ ޗެކް ރިޕަބްލިކް، ޕޮލެންޑް، ސާބިއާ، ބަހްރެއިން، ބުރުނާއީ، ބަލްގޭރިއާ އަދި ޔޫކްރެއިންއެވެ. އަދި މި ލިސްޓުން މިފަހަރު ވަނީ 12 ގައުމެއް އުނިކޮށްފައެވެ.

ގްރީން ލިސްޓުގައި ހިމެނޭ ގައުމުތަކުން ޔޫއޭއީއަށް ދަތުރުކުރާއިރު، ކަރަންޓީންގެ މުއްދަތު ފުރިހަމަ ކުރާކަށް ނުޖެހޭނެއެވެ. ނަމަވެސް ވެކްސިން ފުރިހަމަކޮށްފައިވާ މީހުން އެ ގައުމަށް އެތެރެވުމަށްފަހު އެއާޕޯޓުން ޕީސީއާރު ޓެސްޓެއް ހަދަން ޖެހޭނެއެވެ. އަދި އެތެރެވާތާ ހަ ދުވަސް ފަހުންވެސް ޕީސީއާރު ޓެސްޓެއް ހަދަން ޖެހޭނެއެވެ. ވެކްސިން ނުޖަހާ މީހުން އެއާޕޯޓުންނާއި އެގައުމަށް އެތެރެވާތާ ހަ ދުވަހާއި 12 ދުވަސް ފަހުން ޕީސީއާރު ޓެސްޓެއް ހަދަން ޖެހޭނެއެވެ.