މި އަހަރުގެ ދެވަނަ ކުއާޓަރުގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 110 މިލިއަން ރުފިޔާ ލިބިއްޖެއެވެ.
އެސްޓީއޯއިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުގައި ދެވަނަ ކުއާޓަރުގައި އެކުންފުންޏަށް އާމްދަނީގެ ގޮތުގައި 2.2 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި އެކުންފުންޏަށް އާމްދަނީގެ ގޮތުގައި ލިބުނީ 2.1 ބިލިއަން ރުފިިޔާއެވެ.
ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ދެވަނަ ކުއާޓަރުގައި ޓެކުހަށް ކެނޑުމުގެ ކުރިން އެސްޓީއޯއަށް ވަނީ 133 މިލިއަން ރުފިޔާ ލިބިފައެވެ. އެއީ މިދިޔަ އަހަރުގެ ދެވަނަ ކުއާޓަރާ އަޅާ ބަލާއިރު ފަސް އިންސައްތައިގެ ކުރިއެރުމެކެވެ.
އެހެން ފަހަރުތަކެކޭވެސް އެއްފަދައިން ދެވަނަ ކުއާޓަރުގައިވެސް އެސްޓީއޯއަށް އެންމެ ބޮޑު އާމްދަނިއެއް ލިބުނީ ތެލުންނެވެ.
އެސްޓީއޯގެ މާލީ ހާލަތު ރަނގަޅުވަމުން އަންނަ އިރު މިދިޔަ އަހަރު ސާފު ފައިދާގެ ގޮތުގައި އެސްޓީއޯ އަށް ލިބުނި 359 މިލިއަން ރުފިޔާއެވެ. މިއީ 2019 ވަނަ އަހަރާ އަޅާ ބަލާއިރު 56 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ.