ޗައިނާގެ ސްކޫލުތަކުގައި ކިޔަވައިދޭ މާއްދާތަކަށް މާލީ ފައިދާ ލިބޭގޮތަށް ޓިއުޝަން ދިނުން މަނާކޮށްފިއެވެ.
ޗައިނާގެ ދަރިމައިވާ އާބާދީ މަތިކުރުމުގެ މަގުސަދުގައި އާއިލާގެ ހަރަދުތައް ކުޑަކޮށްދިނުމުގެ ގޮތުން އެ ގައުމުގެ ސަރުކާރުން ވަނީ އަގު ދީގެން ދަރިވަރުން ޓިއުޝަން ހޯދުން މަނާކޮށްފައެވެ.
މިކަމުގެ ސަބަބުން ޗައިނާގެ 120 ބިލިއަން ޑޮލަރުގެ ޕްރައިވެޓް ޓިއުޝަން އިންޑަސްޓްރީއަށް ބޮޑެތި ގެއްލުންތަކެއް ވަމުން އަންނައިރު މި ނިންމުމުގެ ފަހަތުގައި ސުކޫލުތަކުގައި ކިޔަވާ ދަރިވަރުންނަށް ދެވޭ އިތުރު ޕްރެޝަރު ކުޑަކުރުން ހިމެނެއެވެ.
މި ނިންމުމުގެ ދަށުން ސުކޫލުން ބޭރުގައި ދަރިވަރުންނަށް އޮންލައިންކޮށާއި އެހެނިހެން ގޮތްގޮތުންވެސް ޗުއްޓީތެރޭގައި އަގަށް ޓިއުޝަން ދިނުން މަނާކުރެއެވެ.
އެގައުމުގައި ދަރިމައިވާ އާބާދީ މަތިކުރުމުގެ މަގުސަދުގައި މާލީ މަންފާއަށް ޓިއުޝަން ދިނުން މަނާކޮށްފައިވާއިރު ޕްރައިވެޓް ޓިއުޝަން ދޭ ތަންތަނާއި މާލީ ފައިދާއަށް ޓިއުޝަން ހިންގާ ތަންތަން ބަލާ ފިޔަވަޅު އަޅާނެކަމުގެ އިޝާރާތެއް ސަރުކާރު ހިންގާ ޕާޓީ ސީސީޕީ އިން ވަނީ ދީފައެވެ.
ހުކުރު ދުވަހު ކުރިއަށް ދިޔަ ސީސީޕީގެ ކޮމިޓީ ބައްދަލުވުމަށްފަހު ޗައިނާގެ ތިން ދަރިން ހޯދުން ހުއްދަ ކުރާ ގަރާރު ތަންފީޒުކޮށް އެކަމަށް އެހީތެރިވުމަށް އެކުލަވާލެވުނު ދަރިމައިވުމާއި، އާއިލާ ރޭވުން އަދި ތައުލީމާއި ގުޅުންހުރި ގަރާރުތަކަށް އެއްބާރުލުން ދިނުމަށް ކޮމިޓީން ސަރުކާރަށް ގޮވާލާފައިވާކަމަށް އެގައުމުގެ ނިއުސް އޭޖެންސީ ޒިން ހުއާއިން ރިޕޯޓުކުރެއެވެ.
ދަރިވަރުން ސްކޫލުން ބޭރުން ކިޔަވާ އެއްވެސް މާއްދާއެއް ސްކޫލުގައި ކިޔަވައިދޭ މަޖުބޫރު މާއްދާތަކުގެ ތެރޭގައި ނުހިމެނުމަށާއި، ސްކޫލު ތަކުގައި ކިޔަވައިދޭ މާއްދާތަކަށް ޓިއުޝަން ދޭ ތަންތަން ހިންގޭނީ އެއްވެސް ގޮތަކުން މާލީ މަންފާއެއް ނުނެގޭ ގޮތަށް ކަމަށް އެގައުމުގެ ސަރުކާރުން ފާސްކޮށްފައިވާއިރު އެނޫންގޮތަކަށް ހިދުމަތް ދޭ ތަންތަން ބަލާ ފާސްކުރުމަށް ވަނީ ނިންމާފައެވެ.
މިނިންމުން އައިސްފައިވަނީ ދަރިވަރުންނަށް ދޭ ހޯމްވޯކާއި ނުރަސްމީ ގަޑިތަކުގައި ކިޔެވުމަށް ހޭދަކުރާ ވަގުތުކުޑަކުރުމަށް އެކި ގޮތްގޮތުން ސީސީޕީންނާއި ސްޓޭޓް ކައުންސިލުން ގުޅިގެން މަޝްވަރާތައް ކުރަމުން ދިއުމަށް ފަހުގައެވެ.
މި ގަވާއިދުގެ ދަށުން އެއްވެސް ޓްރެއިނިން އިންސްޓިޓިއުޝަނަކުން ސަރުކާރު ބަންދު ދުވަސްތަކުގައާއި ޗުއްޓީ ދުވަސްތަކުގައި ޓިއުޝަންދިނުން ވަނީ މަނާކޮށްފައެވެ. އަދި ޓިއުޝަންތަކަށް މީޑިއާތަކުގައާއި، ބިލްބޯޑުތަކުގައި އަދި އޮންލައިންކޮށްވެސް އިޝްތިހާރުކުރުން ވަނީ މަނާކޮށްފައެވެ.
މި ގަވާއިދަށް އަމަލުކުރަން ފަށާނީ ފުރަތަމަ ޗައިނާގެ ނުވަ ސަރަހައްދެއްގައި ކަމަށާއި އޭގެ ތެރޭގައި ބެއިޖިންގް ހިމެނޭކަމުގައި ވަނީ ހާމަކޮށްފައެވެ.
މި ގަރާރު ފާސްކޮށްފައިވަނީ ޗައިނާގައި ބެލެނިވެރިން ދަރިވަރުން މޮޅުކުރުމުގެ ބޭނުމުގައި ސްކޫލުގެ ބޭރުން ކިޔެވުމުގައި ގިނަ ވަގުތުތަކެއް ދަރިވަރުން ޝާމިލުކުރަމުންދާތީ ކަމަށް ވެއެވެ.
2016 ވަނަ އަހަރު ހެދުނު އެންމެފަހުގެ ދިރާސާތަކުން ދައްކާގޮތުގައި ފަށާ ތައުލީމު އަދި ސާނަވީ ތައުލީމު ހާސިލުކުރާ %75 އަށްވުރެ ގިނަ ދަރިވަރުން ސްކޫލުގެ ބޭރުން ޓިއުޝަން ނަގަމުން ގެންދެއެވެ.
މީގެ އިތުރުންވެސް އެންމެ މޮޅެތި ސްކޫލުތަކުން ޖާގަ ކަށަވަރުކުރުމަށް ދަރިވަރުންނަށް ޕްރައިވެޓް ޓިއުޝަން ދިނުމަށް ގިނަ އަދަދުން ބެލެނިވެރިން ފައިސާ ހޭދަކުރާކަމަށާއި، އޭގެ ސަބަބުން އާއިލާތަކުން ދަރިން ހޯދާ ނިސްބަތް ދަށަށްދާ ކަމުގައި ސީސީޕީގެ ޖެނެރަލް ސެކްރެޓެރީ ޒި ޖިންޕިން މިދިޔަ މާޗުމަހުގެ ތެރޭގައި ބުނެފައިވެއެވެ.
އޭނާގެ ވާހަކައިގާ ކުޑަކުދިންނަށް ނަފުސާނީ ދުޅަހެޔޮކަމާއި ހަށިހެޔޮ ސިއްހަތެއްގައި ތިބުމަށް އުފާވެރި ދިރިއުޅުމެއް ހޯދައިދިނުން މުހިއްމުވާއިރު މަތީ ވަނަތައް ހާސިލުކުރުމުގެ ވާދަވެރިކަމުން ބަލިވެދާނެކަމުގެ ބިރު އުފެދިގެން އަންނަ ކަމުގައި ބުނެފައިވެއެވެ. އަދި ދަރިވަރުންނަށް ކިޔެވުމުގެ ތަކުލީފު ބޮޑުނުވާނެގޮތަކަށާއި ސަރުކާރުން އިންސާފުވެރިކޮށް ކިޔަވައިދިނުމުގެ ގޮތުން ޓިއުޝަންދިނުމުގެ ގަވާއިދު އިސްލާހުކުރަން ޖެހޭކަމުގައި އޭނާގެ ވާހަކައިގާ ވަނީ ފާހަގަކޮށްފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ