މާލޭ ދެކުނު ފަރާތުގައި މަސް ކަނޑާނެ ތަނެއް ހަދައިދޭނެ ފަރާތެއް ހޯދުމަށް މާލޭ ސިޓީ ކައުންސިލުން އިއުލާން ކޮށްފި އެވެ.
ސިޓީ ކައުންސިލުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ މާލޭ ދެކުނު ފަރާތުގައި މަސް ކަނޑާނެ ތަނެއް ހެދުމާއި ފެނުގެ ހިދުމަތް ދޭނެ ފަރާތެއް ހޯދުމަށް ބޭނުން ވާތީ، އަމިއްލަ ތަކެތީގައި މިކަން ކޮށްދިނުމަށް ޝައުގުވެރިވެރިވާ ފަރާތެއް ހޯދަން ބޭނުންވާ ކަމަށެވެ.
މި މަސައްކަތާ ގުޅޭ މައުލޫމާތު ހޯދަން ބޭނުންވާ ފަރާތްތަކުން އަންނަ މަހުގެ 29 ވަނަ ދުވަހުގެ ކުރިން އެ ކައުންސިލްގެ ޕްރޮކިއުމަންޓް ސެކްޝަނުން މައުލޫމާތު ސާފު ކުރުމަށް ސިޓީ ކައުންސިލުން ވަނީ އެދިފަ އެވެ. އަދި މި މަސައްކަތް ކުރަން ބޭނުންވާ ފަރާތްތަކުން ބީލަށް ހުށަހަޅަން ޖެހޭނީ އަންނަ ސެޕްޓެމްބަރު މަހުގެ ނުވަނަ ދުވަހުގެ ކުރިން ކަމަށްވެސް ސިޓީ ކައުންސިލުން ވަނީ ބުނެފަ އެވެ.
މި ތަން ހަދަނީ މާލޭގެ ދެކުނު ފަރާތުން ސީދާ ކޮން ސަރަހައްދެއްގައިކަން ސިޓީ ކައުންސިލުގެ ބަހެއް ނުލިބޭތީ ވަނީ ސާފުވާ ގޮތް ނުވެފަ އެވެ.