ށ. ބިލެތްފަހީ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، އެއްގަމު ތޮށި ލުމުގެ މަސައްކަތް ފަށައިފި އެވެ.

އެ މަސައްކަތް ކުރަމުން އަންނަ އެމްޓީސީސީން ބުނީ، ހާބަރ ބޭސިން ފުން ކުރުމުގެ މަސައްކަތް މިހާރުވަނީ ނިމިފައި ކަމަށާއި އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގާ އެތުރުމުގެ މަސައްކަތް އިއްޔެ ވަނީ ފަށާފައި ކަމަށެވެ.

ތިރީސް އެކެއް ޕޮއިންޓް ހައެއް މިލިއަން ރުފިޔާގެ އެ މަޝްރޫއުގެ ދަށުން 24،125 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި 376 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި 98 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއި 1،150 އަކަމީޓަރުގެ ސަރަހައްދެއްގައި ޕޭވްމެންޓް ހެދުމާއި މަގުބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނޭ ކަމަށް އެމްޓީސީސީން ވަނީ ބުނެފަ އެވެ.

ބިލެތްފަހި ބަނދަރުގެ މަޝްރޫއުގެ އިތުރުން އެމްޓީސީސީން އަންނަނީ ގިނަ ރަށްތަކެއްގެ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުތައް ކުރިއަށް ގެންދަމުންނެވެ.