ރާމާމަކުނުތަކެއް މަގުމަތީގައި ހަމަނުޖެހުން ހިންގާ ޓްރެފިކް ހުއްޓުމަށް ގެނެސްފިއެވެ.

މިކަން ހިނގާފައިވަނީ ތައިލެންޑުގެ މަގެއްގެ މަތީގައެވެ. ގިނަ އަދަދެއްގެ ރާމާމަކުނު މަގުމަތި ފުރާލައި ހަމަނުޖެހުން ހިންގާ މަންޒަރު ފެންނަ ވީޑިއޯއެއް ވަނީ ވައިރަލް ވެފައެވެ.

https://www.youtube.com/watch?v=BuyOasqbczg

މި ވީޑިއޯއިން މަގު މެދުގައި ދެ ގުރޫޕެއްގެ ދެމެދު ރާމާކުނުތަކެއް ކުރިމަތިލާތަން ފެނިގެން ދެއެވެ.

ފަތުރުވެރީން އާއްމުކޮށް ގޮސް އުޅޭ ތައިލެންޑުގެ މި ސަރަހައްދަކީ ރާމާ މަކުނުތައް ގިނަ ހިސާބެކެވެ. ލޮކްޑައުންގެ ސަބަބުން އެސަރަހައްދަށް ޒިޔާރަތްކޮށް ހަދާ މީހުން މަދުވެ ކާބޯތަކެތި ލިބުމުގައި އެސޮރުމެންނަށް ވަނީ އުނދަގޫތައް ކުރިމަތި ވެފައެވެ.

މި ވީޑިއޯ ކޮށްފައިވާ މީހާ ބުނާ ގޮތުން އެހިސާބުގައި ރާމާ މަކުނުތައް އެކަތި އަނެކައްޗާ ތަޅާފޮޅުމަކީ ހިނގާކަމެއް ނަމަވެސް މިހާބޮޑު ގުރޫޕެއްގެ ދެމެދު ތަޅާފޮޅާތަން މީގެ ކުރީން ފެނިފައެއް ނުވެއެވެ. އަދި އެ ހަމަނުޖެހުން ކޮންޓްރޯލު ކުރުމަކީ އިންސާނުންނަށް ފަސޭހަ ކަމެއް ނޫންކަމުގައިވެސް އޭނާ ބުނެއެވެ.

ތަޅާފޮޅުން ހުއްޓުވަން އެތަނަށް އެއްވެ ތިބި މީހުން ބަރުގޮނު އަޅާ ހެދުމުން އެސޮރުމެންގެ މެދުގައި ހަމަނުޖެހުންގަނޑު އިތުރަށް ހޫނުވެގެން ދިޔަކަމަށް އޭނާ ބުނެއެވެ. އެކަން ހުއްޓާލާފައިވަނީ އެސޮރުމެންގެ އިދިކޮޅު ގުރޫޕުގެ ލީޑަރު ބަލި ގަބޫލުކޮށް އަމިއްލައަށް ދުރަށް ދިއުމުން ކަމުގައި ވެސް އޭނާ ބުނެއެވެ. ތަޅާފޮޅުން ނިމުނުއިރު ގިނަ އަދަދެއްގެ ރާމާމަކުނުތަކަށް އަނިޔާވެ މަގުމަތީގައި ލޭ ހުރިކަމުގައިވެސް އޭނާ ވަނީ ފާހަގަކޮށްފައެވެ.