އެމްއެންޑީއެފްގެ ނޮދަން އޭރިއާގެ ހެޑު ކުއާޓާޒް އިމާރާތް ކުރުމަށްޓަކައި ހދ. ހަނިމާދޫ ދަނޑު ބިންތައް ހުސްކުރަން އަންގައިފި އެވެ.

ހަނިމާދޫ ކައުންސިލު އިދާރާއިން އިއްޔެ ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ އެރަށުގެ އެކި ފަރާތްތަކުން ދަނޑުވެރިކަން ކުރުމަށްޓަކައި އަރާމަގާއި، ރަންވޭމަގާއި، ވަޑައިގެންނެވިމަގުން، ކަސްޓަމްސް އިރުން ދޫކޮށްފައިވާ ދަނޑުތައް ހިމެނޭ ސަރަހައްދު، ހުސްކުރުމަށް ބޭނުން ވާ ކަމަށެވެ. އަދި މި ދަނޑު ބިންތައް ހުސްކުރަން ބޭނުން ވަނީ އެމްއެންޑީއެފްގެ ނޮދަން އޭރިއާގެ ހެޑް ކުއާޓާޒް އިމާރާތް ކުރުމަށް ޓަކައި ކަމަށްވެސް ބުނެފައިވެ އެވެ.

ހަނިމާދޫ ކައުންސިލުން ބުނީ އެ ސަރަހައްދުތަކުގައި ދަނޑުވެރިކަން ކުރަމުން އަންނަ ފަރާތްތަކުން އަންނަ މަހުގެ 31 ވަނަ ދުވަހުގެ ކުރިން ބިންތައް ހުސްކުރަން ޖެހޭނެ ކަމަށެވެ.

މިކަމާ ގުޅިގެން ހަނިމާދޫ ކައުންސިލުގެ ރައީސް އަބްދުއްސައްތާރު ހަސަން "ވަން" އަށް މައުލޫމާތު ދެއްވަމުން މިއަދު ވިދާޅުވީ މި ދަނޑުބިންތައް ހުސްކުރަން ނިންމާފައިވަނީ ރައްޔިތުން އެ ގޮތް ބޭނުންވެ އެއާޕޯޓު ކައިރިން ބިންތައް ނުދޭން ވެގެން ކަމަށެވެ. އެހެން ނަމަވެސް މިއަދުން ފެށިގެން ސިލްސިލާކޮށް ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯދުމަށް ކައުންސިލުގެ ފަރާތުން މަޝްވަރާ ބައްދަލުވުންތަކެއް ބާއްވަމުން އަންނަ ކަމަށެވެ.

އަބްދުއްސައްތާރު ވިދާޅުވީ ދަނޑު ބިންތަކަކީ މޫސުމީ ދަނޑުވެރިކަމަށް ދޫކޮށްފައި ހުރި ބިންތައް ކަމަށާއި އެ ބިންތައް ދީފައިވާ މުއްދަތުވެސް މިހާރު ހަމަވެ އެތައް ދުވަހެއް ވެފައިވާ ކަމަށެވެ. ނަމަވެސް އަދިވެސް އެ ބިންތަކުގައި ރައްޔިތުންގެ މުދާ ހުރެދާނެ ކަމަށް ގަބޫލު ކުރެވޭތީ އެތަން ހުސްކުރުމަށް އެއް މަސްދުވަހުގެ މުއްދައްތެއް ދީފައިވާ ކަމަށެވެ.

"އަޅުގަނޑުމެން މިއަދު ހެނދުނުން ފެށިގެން ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯދުމަށް ބައްދަލުވުންތަކެއް ބާއްވަމުން މިދަނީ. އެއީ ލޭންޑް ޔޫސް ޕްލޭން އާއި ކުރިއަށް އޮތް ފަސް އަހަރު ހަނިމާދޫގެ ތަސައްވަރާ ގުޅެ ގޮތުން މަޝްވަރާކޮށް ހިޔާލު ހޯދަން. ދެން ދަނޑުބިންތައް އޮތް ސަރަހައްދު އެމްއެންޑީއެފަށް ދިނީ ރައްޔިތުން ގޮތް ނިންމާފަ. އެއީ އެއާޕޯޓު ސަރަހައްދުގެ ބިންތައް ނުދޭންވެގެން. އެކަމަކު ދަނޑުވެރިކަން ކުރަން ބޭނުންވާ މީހުންނަށް އެބަޔަކު ބޭނުން ސަރަހައްދަކުން ބިން ދޫކުރާނަން." އޭނާ ވިދާޅުވި އެވެ.

އަބްދުއްސައްތާރު އިތުރަށް ވިދާޅުވީ ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯދަމުންދަނީ ދަނޑުބިންތަކުގެ މައްސަލަތަކުގައި ނޫން ކަމަށާއި އެއީ ހުރިހާ ކަމަކާ ގުޅޭ ގޮތުން ކަމަށެވެ. އެހެންކަމުން ވީހާވެސް ގިނަ ރައްޔިތުން މި މަޝްވަރާ ބައްދަލުވުންތަކުގައި ބައިވެރިވެ އެބައެއްގެ ހުރި ކަންބޮޑުވުން ކައުންސިލާ ހިއްސާ ކުރުމަށް ވަރަށް ބޮޑަށް އެދިވަޑައިގަންނަވާ ކަމަށް ވިދާޅުވި އެވެ. ކޮންމެ ކަމެއްގައިވެސް ގޮތް ނިންމާނީ ކައުންސިލުން ނުވަތަ ސަރުކާރުން ބޭނުންވާ ގޮތަށް ނޫން ކަމަށާއި ގޮތް ނިންމާނީ ރައްޔިތުން ބޭނުންވާ ގޮތަށް ކަމަށް ވިދާޅުވި އެވެ.

ހަނިމާދޫން "ވަން" އަށް މިއަދު މައުލޫމާތު ދިން މީހަކު ބުނީ، ގާތްގަނޑަކަށް 20 ވަރަކަށް ދަނޑު އެ ސަރަހައްދުގައި އޮންނާނެ ކަމަށެވެ.

ކައުންސިލުން މިގޮތަށް ހުސްކުރަން ބުނި ނަމަވެސް ރައްޔިތުންނާ މިކަމާ ގުޅިގެން މިހާތަނަށް މަޝްވަރާ ކުރި ކަމެއް އަދި ނުކުރާ ކަމެއްވެސް ނޭނގޭ ކަމަށް އޭނާ ބުންޏެވެ. ނަމަވެސް ކުރިއަށް އޮތް ދުވަސްތަކުގައި މި ސަރަހައްދުގެ ލޭންޑް ޔޫސް ޕްލޭން އާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ސެޝަންތަކާއި މިކަމަށް ރައްޔިތުންގެ ހިޔާލު ހޯދައި ވޯޓުލުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށް އޭނާ ވަނީ ބުނެފަ އެވެ.

ހަނިމާދޫގައި އެމްއެންޑީއެފް ނޮދަން އޭރިޔާ އިމާރާތްކުރުމަށް ދަނޑުބިންތައް ހުސްކުރަން އަންގާފައިވާއިރު އެއާޕޯޓު ބޮޑު ކުރުމަށް އެރަށުގެ ބިމުން ބައެއް އިތުރު ކުރުމަށް ނިންމާފައިވާތީ އެރަށު ރައްޔިތުން ވަނީ ނުރުހުން ފާޅުކޮށް އެކަމާ ދެކޮޅަށް ރައީސަށް ޕެޓިޝަނަކާ ސިޓީއެއްވެސް ހުށަހަޅައިފަ އެވެ. އަދި މި ހުށަހެޅުންތަކާއި ކަންބޮޑުވުންތަކަށް ރައީސުލްޖުމްހޫރިއްޔާ މިމަހުގެ ތެރޭގައި ހަނިމާދޫ އަށް ކުރެއްވި ދަތުރުފުޅުގައި ވަނީ ހައްލު ހޯއްދަވައިދެއްވައިފަ އެވެ. އަދި އެއާޕޯޓަށް އިތުރު ކުރެވޭ ބައިގައި ސިފައިންގެ ހެޑް ކުއާޓާޒް އިމާރާތް ކުރުމަށް މީގެ ކުރިން ވަނީ ނިންމާފަ އެވެ.

އެގޮތުން މީގެ ކުރިން އެއާޕޯޓަށް ނެގުމަށް ހަމަޖެހިފައި އޮތީ ރަށުގެ މުސްތަގުބަލަށް ބޭނުންކުރަން އޮތް އެންމެ ޕްރައިމް ލޮކޭޝަނުން ބައެއް ކަމަށާއި ނަމަވެސް މިހާރު ރަށުން ދޫކޮށްލަން އެއްބަސްވެފައިވަނީ އެއާޕޯޓު ތަރައްގީވެގެން ދާއިރު މީހުން އުޅުމަށް އެކަށީގެން ނުވާ ސަރަހައްދުން ބައެއް ކަމަށް މިކަމާ ދެކޮޅަށް ޕެޓިޝަން ތައްޔާރު ކުރުމުގައި އިސްކޮށް އުޅުނު ފަރާތަކުން ވަނީ ބުނެފަ އެވެ.