2015 ވަނަ އަހަރު ރާޅާ އަޅަން އުޅެނިކޮށް ސިކުނޑިއަށް ބޮޑު އަނިޔާއެއް ލިބުނު އޮސްޓްރޭލިއާގެ ރާޅާ އެޅުންތެރިޔާ އޮވެން ރައިޓް، އަލުން ރާޅާ އެޅުމަށް އެނބުރި އައިސް ޓޯކިއޯ އޮލިމްޕިކްސްގެ ރާޅާ އެޅުމުގެ އިވެންޓުން ލޯ މެޑަލް ހޯދައިފިއެވެ.
މިއީ އޮލިމްޕިކްސްގައި ސާފިން އިވެންޓް ކުރިއަށް ގެންދާ ފުރަތަމަ ފަހަރެވެ. ތާރީހީ ކާމިޔާބީއާއެކު އޮވެން ފެނުނީ އަސަރު ގަދަކޮށެވެ. އޭނާއާއެކު ފިރިހެން ސާފިން އިވެންޓްގެ މެޑަލް ޕޯޑިއަމް ދެން ހިއްސާ ކުރި ރާޅާ އެޅުންތެރިންނަކީ ބްރެޒިލްގެ އިޓާލޯ ފެރޭރާއާއި ޖަޕާނުގެ ކަނޯއާ އިގަރާޝީއެވެ. އޮލިމްޕިކް ތާރީހުގައި ފިރިހެން ސާފިން އިވެންޓުން ފުރަތަމަ ރަން މެޑަލް ހޯދީ ބްރެޒިލްގެ އިޓާލޯއެވެ.
އޮލިމްޕިކްސްގެ ކުރިން އޮވެން ވަނީ އޭނާގެ ކެރިއަރުގައި ދިމާވި ހިތްދަތި ހާދިސާ ކިޔައިދީފައެވެ. 15 ފޫޓުގެ ރާޅެއްގައި ކެރިއަރު "އަނގަވަތަށް" ޖެހި ޖެހުންވީ އޭނާއަށް އަރައިގަންނަން އުނދަގޫ ހާލަތަކަށެވެ.
" އަހަންނަށް ޖެހުނީ އަލުން ހިނގަން، އަދި ރާޅާ އަޅަންވެސް ދަސްކުރަން،" 2015 ވަނަ އަހަރުގެ ހާދިސާއަށް އަލިއަޅުވާލާ އޮވެން ބުނެފައިވެއެވެ.
އާންމުކޮށް ހެލްމެޓެއްގައި މިހާރު ރާޅާ އަޅަމުންދާ އޮސްޓްރޭލިއާގެ އޮވެންގެ ބޮލަށް އަނިޔާވީ ވޯލްޑް ސާފް ލީގު ޗެމްޕިއަންޝިޕް ޓުއާގެ މުބާރާތުގެ ފައިނަލް ޓުއާގެ ފަރިތަކުރުންތަކުގައި ރާޅާއަޅަމުން ދަނިކޮށެވެ. އޭރު އޭނާ ހުރީވެސް ހަޔާތުގެ އެންމެ ރަނގަޅު ފޯމުގައެވެ. އޮވެން ބުނެފައިވާ ގޮތުގައި ހަވާއީގައި އޮތް ފައިނަލް ޓުއާއަށް އޭނާ ތައްޔާރުވީ ދުނިޔޭގެ އެއްވަނަ މަގާމަށް އެރުމަށެވެ.
ބޮޑު ރާޅެއްގައި ޖެހި ނުކަސިޔާރުވެގެން އޮވެން ވެއްޓުމާއެކު އޭނާގެ ބޮލުގެ ނާށިގަނޑަށް ގެއްލުންވެ، ސިކުނޑިން ލޭ އައިސް ދުޅަވިއެވެ. ޑޮކްޓަރުން އޭނާއަށް ރާޅާ އެޅުމުން ދުރުވާން ލަފާ ދިން ކަމަށްވެސް އޮވެން ވަނީ ބުނެފައެވެ.
" އޭރުގެ ކަންކަން އަދިވެސް ހަނދާން ނުހުރޭ. ޖެހުނު ބާރުމިންވެސް ރަނގަޅަށް ހަނދާނެއް ނެތް. ރާޅާ ގޮސް ޖެހުމާއެކު ހިއްސުތައް ގެއްލުނު ކަހަލަ. ފަހުން ޖެހުނީ ހުރިހާ ކަމެއް ދަސްކުރަން،" އޮލިމްޕިކްސްގެ ކުރިން އޮވެން ބުނެފައިވެއެވެ.
ރާޅާ އެޅުމަކީ އޮވެންއަށް އާއިލީ ކަމެކެވެ. އެއްބަނޑު އެއްބަފާ ފަސް މީހުންވެސް އެއީ ރާޅާ އެޅުންތެރިންނެވެ. އޭނާގެ އަންހެން ކޮއްކޮ، ޓެއިލާއަކީ ދެ ފަހަރަށް ދުނުޔޭގެ ޗެމްޕިއަންކަން ހޯދާފައިވާ ރާޅާ އެޅުންތެރިއެކެވެ. ބޭބެ މައިކީއަކީވެސް ޗެމްޕިއަންޝިޕް ޓުއާތަކުގައި ރާޅާ އަޅާ އެތުލީޓެކެވެ.
އޮވެން ކިޔައިދީފައިވާ ގޮތުގައި ބޭރުފުށުން އަނިޔާގެ ނިޝާންތައް ފެންނަން ނެތުމުން 2015 ވަނަ އަހަރުގެ އަނިޔާއަށްފަހުވެސް އޭނާ ރާޅާ އަޅަން ދާން މަސައްކަތް ކުރިއެވެ. އަނިޔާގެ ސީރިއަސްކަން ނޭނގި ބޯޑު ހިފައިގެން މޫދަށް ދާން މަސައްކަތް ކުރި ކަމަށް 31 އަހަރުގެ އޮވެން ކިޔައިދީފައިވާއިރު، އޭނާ ބުނެފައި ވަނީ ހިނގައިގަނެގެން ދެވުނީ ކުޑަތަން ކޮޅަކަށް ކަމަށެވެ. ސިކުނޑިއަށް ލިބުނު އަނިޔާގެ ސަބަބުން ބެލެންސް ކެޓުން ފަދަ ކަންކަން ދިމާވާން ފެށިއިރުވެސް ރާޅަަށް ދާން މަސައްކަތް ކުރަން ފެށުމުން، އާއިލާގެ މެމްބަރުން އޭނާގެ ސާފިން ބޯޑުތައް ފޮރުވަން ޖެހުނު ހިސާބަށް ދިޔަކަމަށް އޮވެން ބުނެފައިވެއެވެ.
އޮވެންއަށް ރާޅާ ދުރުގައި އުޅެން ޖެހުނީ އަހަރަކުއެވެ. ގާތް ގަނޑަކަށް 15 މަހަށްފަހު 2017 ވަނަ އަހަރު ރާޅާ އެޅުމަށް އެނބުރި އައިސް، އޮވެން ވަނީ އޮސްޓްރޭލިއާ ޕްރޯ ގޯލްޑް ކޯސްޓް ސާފިން ޗެމްޕިއަންޝިޕް އުފުލާލައިފައެވެ. އަދި އޭގެ ފަހުން 2019 ވަނަ އަހަރު ތަހެޓީ ޕްރޯ ޓީހޫޕޯ މުބާރާތްވެސް އޮވެން ކާމިޔާބު ކޮށްފައިވެއެވެ. އެ މުބާރާތްތަކާއި، އޮލިމްޕިކަށްވެސް އޮވެން ހާއްސަ ސިއްހީ ފިޔަވަޅުތަކަކަށް ސަމާލުކަން ދީފައިވާއިރު، އޮލިމްޕިކްސްގައި އޭނާއަށް ހެލްމެޓް ބޭނުން ނުކުރެވެއެވެ.