ރ. ދުވާފަރުގައި ކޮވިޑް ޖެހިގެން މީހަކު މަރުވެއްޖެއެވެ.

ދުވާފަރު ސިއްހީ މަރުކަޒުގެ ސީނިއާ އެޑްމިނިސްޓްރޭޓަރު އާމިރު އަހުމަދު މިއަދު "ވަން" އަށް ވިދާޅުވީ މަރުވެފައިވަނީ 66 އަހަރުގެ ފިރިހެނެއް ކަމަށެވެ. އޭނާ މަރުވެފައިވަނީ ކޮވިޑް ޖެހިގެން ހޯމް ކަރަންޓީނުގައި ހުއްޓައި މިއަދު މެންދުރު ކަމަށް ވިދާޅުވިއެވެ.

އާމިރު ވިދާޅުވީ ކޮވިޑް ޖެހިގެން އުޅުނު އިރު، ކާން އުނދަގޫވާ ކަމަށް ބުނެ ކުރިން ރިޕޯޓް ކުރި ކަމަށާއި ނަމަވެސް ސީރިއަސް މައްސަލަތަކެއް ދިމާވެގެން ރިޕޯޓް ނުކުރާ ކަމަށެވެ. އޭނާ ވަޅުލުމުގެ ކަންކަން މިހާރު ކުރަމުން ގެންދާ ކަމަށްވެސް އާމިރު ވިދާޅުވިއެވެ.

މި މަރާއެކު ރާއްޖެއިން ކޮވިޑް ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 220 އަށް އަރައިފައެވެ. މިހާތަނަށް މަރުވި މީހުންގެ ތެރޭގައި ހިމެނެނީ 203 ދިވެހީންނާއި 17 ބިދޭސީންނެވެ.

މި ބަލީގައި ރާއްޖެއިން އެންމެ ގިނަ މީހުން މަރުވެފައި ވަނީ މިދިޔަ މެއި މަހުގެ 25 ވަނަ ދުވަހުއެވެ. އެ ދުވަހު އެކަނި 13 މީހަކު ވަނީ މަރުވެފައެވެ.

ކޮވިޑުގައި ރާއްޖެއިން އެންމެ ފުރަތަމަ މީހަކު މަރުވީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 29 ވަނަ ދުވަހުއެވެ. އެއީ އުމުރުން 83 އަހަރުގެ ދިވެހި އަންހެނެކެވެ.