ދުނިޔޭގެ އެންމެ ބޮޑު ނީލަމް ހިލަ ލަންކާއިން ފެނިއްޖެ އެވެ.

ނީލަމް އަކީ ޖަވާހިރުގެ ބާވަތެކެވެ. ނީލަމުގެ އާއްމު ކުލަ އަކީ ނޫ ކުލަ ނުވަތަ ކަނޑު ނޫކުލަ އެވެ. މި ޖަވާހިރު ނަގާނީ މި ފަދަ ހިލައިގެ އެތެރެއިން އެތިކޮޅުކޮޅު ނައްޓައިގެންނެވެ.

ޖަވާހިރު ވިޔަފާރި ކުރާ ފަރާތަކާ ހަވާލާދީ ބީބީސީން ބުނެފައިވާ ގޮތުގައި މި ނީލަމް ކްލަސްޓާ ފެނިފައިވަނީ ރަތުނަޕޫރާ ސަރަހައްދުގައި ވަޅެއް ކޮންނަމުން ދަނިކޮށެވެ. މާހިރުން ލަފާކުރާ ގޮތުގައި މި ނީލަމްގެ އަގު ދުނިޔޭގެ ބާޒާރުގައި 100 މިލިއަން ޑޮލަރަށް އަރާނެއެވެ.

510 ކިލޯގުރާމުގެ ނުވަތަ 2.5 މިލިއަން ކެރެޓުގެ އަގުހުރި ނީލަމް އަށް ވަނީ ''ސެރެންޑިޕިޓީ ސެފަޔާ''ގެ ނަމުން ނަން ދީފަ އެވެ.

މި ނީލަމްގެ ވެރިފަރާތް ގަމާޖު ބީބީސީއަށް މަައުލޫމާތު ދެމުން ބުނީ އޭނާގެ ގޭގެ ބިއްދޮށުގައި ވަޅު ކޮންނަމުން ދިޔަ މީހަކު އާދަޔާ ހިލާފު ހިލައެއް ފެނިގެން އަންގާފައިވާ ކަމަށެވެ. އަދި ފަހުން ބެލި ބެލުމުން އެއީ ވަރަށް އަގުހުރި ހިލައެއްކަން އެނގުނު ކަމަށް އޭނާ ބުންޏެވެ.

ގަމާޖު ވަނީ ރައްކާތެރިކަމަށްޓަކައި އޭނާގެ ފުރިހަމަ ނަމާއި، ދިރިއުޅޭ ތަނުގެ މައުލޫމާތު ދިނުމަށް އުޒުރުވެރިވެފަ އެވެ.

އާއިލީ ގޮތުންވެސް ޖަވާހިރުގެ ވިޔަފާރިކުރަމުން އަންނަ ގަމާޖު މިކަން ރަސްމީ ފަރާތްތަކަށް ރިޕޯޓުކޮށްފައިވީ ނަމަވެސް، މި ހިލަ އެއްކޮށް ސާފުކޮށް އޭގެ އަގު ބެލުމަށް އަހަރަކަށް ވުރެ ގިނަ ދުވަސް ނެގިކަމަށް އޭނާ ބުނެ އެވެ. މި ހިލަ ސާފުކުރަމުން ދިޔައިރު މި ހިލައިގެ ބައެއް އެތިކޮޅުތައް ނެއްޓިގެން ދިޔަ ކަމަށާއި އެބައިތައް ބެލިބެލުމުން އެއީ ފެންވަރު ރަނގަޅު ނީލަމް ކަން އެނގިގެން ގޮސްފައިވާ ކަމަށްވެސް އޭނާ ވަނީ ބުނެފަ އެވެ.

ސިންގަޅަ ބަހުން ޖަވާހިރުގެ ސިޓީގެ މާނަ ދެވިފައިވާ ރަތުނަޕޫރަކީ ދެކުނު އޭޝިއާ ސަރަހައްދުގައި ޖަވާހިރު އެންމެ މުއްސަނދި ސަރަހައްދެވެ. މީގެ ކުރިންވެސް އަގުހުރި އެތައް ޖަވާހިރެއް އެސިޓީން ހޯދާފައިވެ އެވެ.

ސްރީލަންކާއަކީ ޔާގޫތު ޖަވާހިރުގެ ލޭންދޭނު ވިޔަފާރިކުރުމުގައި ފާހަގަކޮށްލެވޭ ގައުމެކެވެ. މިދިޔަ އަހަރު އެކަނިވެސް އެގައުމުން ވަނީ ބައި ބިލިއަން ޑޮލަރުގެ އާމްދަނީއެއް މި ވިޔަފާރިން ހޯދާފައެވެ.

''މިހާބޮޑު ޖަވާހިރު ހިލައެއް އަދި އަހަރެންގެ މުޅި އުމުރުގައިވެސް ނުދެކެން. މިއީ ލަފާ ކުރެވޭ ގޮތުގައި 400 މިލިއަން އަހަރުކުރިން އުފެދިފައިވާ ހިލައެއް.'' ޖަވާހިރުގެ ތަޖުރިބާކާރެއް ކަމުގައިވާ ޖެމޮމޮލޮޖިސްޓު ޑރ. ގަމިނީ ޒޮއިސަ ބީބީސީއަށް ބުނެފައިވެ އެވެ.

ނަމަވެސް ތަޖުރިބާކާރުން ފާހަގަކުރާ ގޮތުގައި ބޭރަށް ފެންނަން ހުރި ކްލަސްޓާތަކުގައި އަގުހުރި ނީލަމް ފެންނަން ހުރި ނަމަވެސް އެތެރޭގައި ހުރި ހުރިހާ ކްލަސްޓާގައި އެ ފެންވަރުގެ ނީލަމް ފަހަރުގައި ނުހުރެދާނެ އެވެ. އެ ގޮތުން އެތެރޭގައި އެކި ފެންވަރުގެ ޖަވާހިރު ހުރުން އެކަށީގެންވާ ކަމަށް ވެސް ތަޖުރިބާކާރުން ބުނެއެވެ.

މި ނީލަމް ފެނިފައި މިވަނީ ޕެންޑެމިކުގެ ސަބަބުން ގައުމު ފުރަބަންދު ކުރަން ޖެހި ޖަވާހިރު ލޭންދޭނު ކުރުމުގެ ވިޔަފާރިއަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާ ދަނޑިވަޅެއްގަ އެވެ. މި ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުން އުއްމީދުކުރާ ގޮތުގައި ''ސެރެންޑިޕިޓީ ސްޓޯން''ގެ ސަބަބުން ބައިނަލް އަގުވާމީ ވިޔަފާރިވެރިން ލިބިގެންދާނެއެވެ.

''މިއީ ވަރަށްވެސް ހާއްސަ ވައްތަރެއްގެ ނީލަމް އެއް، ލަފާކުރެވޭގޮތުގައި މުޅި ދުނިޔޭގައިވެސް އެންމެ ފެންވަރު ރަނގަޅު އެއްވައްތަރުގެ ނީލަމް. މީގެ ބޮޑުމިނަށާއި ފެންވަރަށް ބަލާއިރު ދުނިޔޭގެ އެކި ކަންކޮޅުތަކުން ޖަވާހިރު އެއްކުރުމާއި އާސާރީތަކުން ޝައުގުވެރިކަން ފާޅު ކުރާނެ ކަމަށް ލަފާކުރެވޭ.'' ސްރީ ލަންކާގެ ނެޝަނަލް ޖެމް އެންޑް ޖުވެލަރީ އޮތޯރިޓީގެ ޗެއާމަން ތިލަކް ވީރަސިންހާ ބުނެފައިވެއެވެ.

ޖަވާހިރުގެ ނަން އެކި ގޮތްގޮތަށް ދިވެހީންގެ ތެރޭގައި ބޭނުންކޮށް އުޅެއެވެ. ކަނޑު ނޫކުލަ ހުންނާތީ، ދިވެހި ބަހުން ބައެއް ފަހަރު ނީލަމް ކިޔާ އިރު "ކަނޑު ނީލަމް" މިހެން ވެސް ކިޔައިފައި އެބަހުއްޓެވެ. ނީލަމްގެ އާއްމު ކުލަ އަކީ ނޫ ކުލަ ކަމަށް ވިޔަސް، އެހެން ކުލަކުލައިގައި ވެސް ކޮންމެވެސް ވަރަކަށް ހުރެއެވެ. މިސާލަކަށް، ދަނބު، ފެހި، އޮރެންޖު، ރީނދޫ، އަދި ރަތް ކުލައިގައިވެސް ހުރެ އެވެ.

ރަތް ނީލަމަށް ދިވެހި ބަހުން ވަކި ނަމެއް ކިޔައެވެ. އެއީ "ޔާގޫތު" ނުވަތަ "ލާލު" ނީލަމް އެވެ.

ޔާގޫތު ފިޔަވައި، ނޫ ކުލަ ނޫން އެހެން ކުލަކުލައިގެ ނީލަމުގެ ވާހަކަ ދައްކާ ނަމަ ކިޔައި އުޅެނީ ކުލައިގެ ނަން ކުރިޔަށް ލައިގެންނެވެ. މިސާލަކަށް ފެހި ނީލަމް، ދަނބު ނީލަމް. ކުލައެއް ނުކިޔައި ހަމައެކަނި "ނީލަން/ނީލަމް" ބުނެފި ނަމަ އޭގެ މާނައަކީ ނޫ ކުލައިގެ ނީލަމެވެ. ނީލަމް އަށް މަހުރަބު އޭ ވެސް ކިޔަ އެވެ.