ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ވެރިކަމުގައި ބިނާކުރި ކިންގް ސަލްމާން މިސްކިތުގެ ޑިޒައިނަކީ ކޮޕީރައިޓެއް ކަމަށް ބުނެ އެ މައްސަލާގައި ދައުވާކުރާނެކަން ބޭރުގެ ކުންފުންޏަކުން އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު އަލީއަށް އަންގައިފި އެވެ.
އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު އަލީ މިއަދު "ވަން"އަށް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އޮފީހުގައި ހުރި ލިއުންތަކުން އެނގޭގޮތުގައި، އެ މިސްކިތް އިމާރާތް ކުރުމަށް، ރައީސް އޮފީހުން ފުރަތަމަ ވާހަކަ ދެއްކީ، މެލޭޝިޔާ ކުންފުންޏެއް ކަމަށްވާ އެންއާރްވައި އާކިޓެކްސްއާ ކަމަށެވެ.
އެ މަޝްވަރާތަކުގައި، މިސްކިތުގެ ޑިޒައިންގެ ފޮޓޯތައް އެ ކުންފުނިން ރައީސް އޮފީހާ ހިއްސާކޮށްފައިވާ ކަމަށް އެނގެން އޮތް ކަމަށްވެސް ވިދާޅުވިއެވެ.
ނަމަވެސް ފަހުން އެ މަޝްރޫއުގެ މަސައްކަތް ހަވާލުކުރީ، ތުރުކީގެ ޓާމެކްސް ކުންފުންޏާ އެވެ.
އެ ކުންފުންޏާ މަސައްކަތް ހަވާލު ކޮށްގެން ކުރިއަށް ގެންގޮސްފައިވަނީ، މެލޭޝިޔާ ކުންފުނިން ދިން ކުރެހުމަށް ކުދިކުދި ބަދަލުތައް ގެނެސްގެންކަން ފާހަގަކޮށް، އެ މިސްކިތުގެ ޑިޒައިނަކީ ވަގަށް ނަގާފައިވާ ޑިޒައިނެއްކަމަށް، މެލޭޝިޔާގެ ކުންފުނިން ފޮނުވި ސިޓީގައި ބުނެފައިވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، އެކަމާބެހޭ ހުރިހާ ލިޔެކިޔުންތަކާއި ހެކިތައް އެ ކުންފުނީގައި އެބަހުރި ކަމަށާއި، އެކަމާބެހޭ މަޝްވަރާތަކުގަ ސަރުކާރުން ބައިވެރިވި މީހުންގެ ފޮޓޯތައް ފޮނުވާފައި ހުރިކަމަށްވެސް ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، މެލޭޝިޔާގެ ކުންފުނިން ފޮނުވި އެ ސިޓީގައި ވާ މައުލޫމާތުތައް އެޓާނީ ޖެނެރަލްގެ އޮފިހާ ހިއްސާ ކުރައްވާ ފައިވާ ކަމަށެވެ. ދެން އެކަމާބެހޭގޮތުން ކުރިއަށް ގެންދަ ކަންތައްތައް ކުރިއަށް ގެންދާނީ އޭޖީ އޮފީހުން ކަމަށްވެސް ވިދާޅުވިއެވެ.
އެ މިސްކިތް ހުޅުވުމާ ބެހޭގޮތުން މިނިސްޓަރު ޒާހިރު ވިދާޅުވީ، އެކަން ކުރުމަށް ސައުދީ ސަރުކާރުގެ ވަފްދެއް ރާއްޖެ އަންނަ ގޮތަށް ހަމަޖެހިފައިވާ ކަމަށެވެ. ނަމަވެސް އެ ވަފްދުގެ ބޭފުޅުން އައުން ލަސްވުމުން މިސްކިތް ހުލުވުންވެސް ލަސްވެފައިވާ ކަމަށާއި، މިސްކިތް ހުޅުވާ ދުވަހެއް ކަނޑައެޅޭނީ އެ ވަފްދުގެ ބޭފުޅުން ރާއްޖެ އައުމުން ކަމަށްވެސް ވިދާޅުވިއެވެ.
"އެބޭފުޅުން ބޭނުންވޭ އެކަމުގައ ބައިވެރިވާން، އެހެންކަމުން މިސްކިތް ހުޅުވަން އަދި ދުވަސްކޮޅެއް ނަގާނެ،"
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު