އޮލިމްޕިކްސް ރަން މެޑަލްއެއް ހޯދި އެންމެ ކުޑަ ގައުމަކަށް، ނުވަތަ އެންމެ ކުޑަ ޓެރިޓޮރީއަކަށް ބްރިޓިޝް އޯވާސީސް ގައުމެއް ކަމަށްވާ ބާމިއުޑާ ވެއްޖެއެވެ.
ނޯތު އެޓުލާންޓިކް ކަނޑުގައި ހިމެނޭ ބާމިއުޑާގެ އާބާދީއަކީ 63،000 މީހުންނެވެ. އެގައުމަކީ ޖާޒީރާ ރަށްތަކެއް ހިމެނޭ ގައުމެކެވެ. އެގައުމުގައި ޖާޒީރާ 181 ރަށް އެކުލިވިފައިވެއެވެ. ބާމިއުޑާއަށް އޮލިމްޕިކްސް ރަން މެޑަލް ގެންގޮސްދީފައިވަނީ ޓްރައިތުލޯންގައި ވާދަކުރި ފްލޯރާ ޑަފީއެވެ.
އުމުރުން 33 އަހަރުގެ ޑަފީއަށް މިއީ ހަތަރުވަނަ އޮލިމްޕިލްސްއެވެ. މިފަހަރުގެ އޮލިމްޕިކްސްގައި އޭނާ ޓްރައިތުލޯން ކާމިޔާބު ކޮށްފައި ވަނީ 56 އަންހެން އެތުލީޓުންނާ ވާދަކޮށް، 55 މިނެޓް 36 ސިކުންތުން ޓްރައިތުލޯން ކޯސްތައް އެއްކޮށް ފުރިހަމަ ކޮށްގެންނެވެ. ޑަފީއާ އެންމެ ގާތުން ރޭސް ނިންމާފައި ވަނީ އިނގިރޭސިވިލާތުގެ ޖޯޖިއާ ޓެއިލާ ބްރައުންއާއި އެމެރިކާގެ ކޭޓީ ޒަފެރެސްއެވެ.
ބާމިއުޑާއަކީ އޮލިމްޕިކްސް ތާރީހުގައިވެސް މެޑަލްއެއް ހޯދި އެންމެ ކުޑަ ގައުމެވެ. އެ ގައުމުން އެ ރެކޯޑު ހަދާފައި ވަނީ 1976 ވަނަ އަހަރުއެވެ. އެއަހަރުގެ އޮލިމްޕިކްސްގައި ބާމިއުޑާގެ ބޮކްސިން ތަރި ކްލަރެންސް ހިލް ވަނީ ލޯ މެޑަލް ހޯދާފައެވެ.
އޮލިމްޕިކްސް ރަން މެޑަލްއަށްފަހު ޑަފީ ބުނެފައި ވަނީ ފެވަރިޓެއްގެ ގޮތުގައު ފަސްވަނަ ފަހަރު އޮލިމްޕިކްސްގައި ވާދަކުރުމަކީ އޭނާއަށް ހަޔާތުގައި ކުރިމަތިވި އެންމެ ބޮޑު ޕްރެޝަރު ކަމަށާއި، ދިގު މުއްދަތަކަށް އިންތިޒާރު ކުރަން ޖެހުނު ނަމަވެސް ރަން މެޑަލްއާއެކު ލިބުނު އުފާވެރިކަން ބަޔާން ކޮށްދޭންވެސް ނޭނގޭ ކަމަށެވެ.
ޑަފީގެ ޒުވާން އުމުރުގައި އިނގިރޭސިވިލާތުން ވަނީ އެގައުމު ތަމްސީލު ކޮށްދިނުމަށް ފުރުސަތު ދީފައެވެ. އެހެންނަމަވެސް އޭނާ ވަނީ އެ ފުރުސަތަށް ނޫނެކޭ ބުނެ، އުފަން ގައުމު ބާމިއުޑާ، ކުޅިވަރުގައި ތަމްސީލު ކުރުމަށް ނިންމާފައެވެ. އޭނާ ފުރަތަމަ ހޯދި ތާރީހީ ކާމިޔާބީއަކީ 2018 ވަނަ އަހަރި ކޮމަންވެލްތު ގޭމްސްއިން ހޯދި ރަން މެޑަލްއެވެ.
ޑަފީގެ ކާމިޔާބީއާއެކު ބާމިއުޑާއަށް ހިނިތުންވުން ގެނެސްދީފައިވާއިރު، އޭނާ ނިންމި ރޭސްތަކުގެ ޖުމްލަ ދުރުމިނަކީ 51 ކިލޯ މީޓަރެވެ. އެއީ 40 ކިލޯމީޓަރުގެ ބާމިއުޑާއަށްވުރެވެސް ބޮޑު ސަރަހައްދެކެވެ. ބާމިއުޑާއަކީ އެމެރިކާގެ ނިއުޔޯކް ސިޓީއަށްވުރެ 15 ގުނަ ކުޑަ ސަރަހައްދެއް ހިމެނޭ ގައުމެކެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު