ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެންބަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް އިސްވެ ހުންނަވައިގެން އުފައްދަވާ މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރިޔާސީ ޕްރައިމަރީގައި ވާދަ ކުރައްވާނެ ކަމަށް ނާޒިމު ވިދާޅުވެއްޖެއެވެ.

އެޕާޓީ އުފެއްދުމަށް ކުރަމުންގެންދާ މަސައްކަތްތަކާއި، އެ ޕާޓީގެ ބައެއް ސިޔާސަތުތަކާބެހޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނިއުސްކޮންފަރެންސްގައި ނާޒިމް ވިދާޅުވީ، 2023 ގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރުން ނޫންކަމެއް އެ އުފައްދަވާ ޕާޓީގެ ނޯންނާނެ ކަމަށެވެ.

"އެއީ އަޅުގަނޑުމެންގެ މަގުސަދަކީ މި ޕާޓީން ކެނޑިޑޭޓަކު ނެރޭނަން، އިންތިހާބު ކާމިޔާމު ކުރާނީ އަޅުގަނޑުމެން،" ނާޒިމު ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ، ޕާޓީ އުފެދިގެން ދާއިރު، ރިޔާސީ އިންތިހާބަށް ކުރިމަތި ލުމުގެ ފުރުސަތު އެކަމަށް ޝައުގުވެރިވާ ހުރިހާ ފަރާތްތަކަަށް އޮންނާނެ ކަމަށެވެ.

އެ ޕާޓީން ރިޔާސީ އިންތިހބުގައި ވާދަކުރާނެ ކެންޑިޑޭޓަކު ކަނޑައަޅާނީ ބާއްވާ ޕްރައިމަރީއަކުން ކަމަށްވެސް ވިދާޅުވިއެވެ.

އެ ޕްރައިމަރީގައި ވާދަ ކުރައްވާނެ ކަމަށާއި، ނަމަވެސް އެކަމަށް ގޮތް ނިންމާނީ، ޕާޓީގެ މެންބަރުން ކަމަށްވެސް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ، އެ ޕާޓީއަކީ ސަރުކާރުގެ އެއްވެސް ބޭފުޅަކާ ގުޅުންއޮތް ޕާޓީއެއްނޫން ކަމަށެވެ.

އެ ޕާޓީ އުފައްދަވަނީ ރައްޔިތުންގެ ވިންދުތަކާއި ހުވަފެންތައް ހަގީގަތަކަށް ހެދުމަށް ކަމަށްވެސް ވިދާޅުވިއެވެ.

އެޕާޓީއާ ސަރުކާރާ އެއްވެސް ގުޅުމެއް ނެތް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"މި ޕާޓީއާ ސަރުކާރަކާ އެއްވެސް ގުޅުމެއް ނެތް. މިވަގުތުހުރި ސިޔާސީ ޕާޓީތަކުނުް ރައްޔިތުންގެ އިހުސާސްތަކާއި ރައްޔިތުން އެދޭ ކަންތައްތައް ކުރުމަށް ފަސް ޖެހެމުންދާތީ އަޅުގަނޑުމެން ޕާޓީއެއް އުފައްދަން މިޖެހުނީ،" ނާޒިމް ވިދާޅުވިއެވެ.

ދިވެހީން އެދޭ ކަންކަން ހާސިލުކުރުމަށް ގާނޫނީގޮތުން ލިބިދޭ އެންމެހާ ބާރާއި އެންމެހާ އިހުތިޔާރުތައް އެ ޕާޓީން ބޭނުންކުރާނެ ކަމަށް ވެސް ނާޒިމް ވިދާޅުވިއެވެ.

"މި މަގުސަދުތައް ހާސިލް ކުރުމަށް ވަކި މީހެއް ވަށައިގެން އެނބުރޭ ޕާޓީއެއްގެ ބަދަލުގައި މި ޕާޓީން މަސައްކަތް ކުރާނީ ޒަމާނީ ޑިމޮކްރަސީގެ ހަމަތަކުގެ ތެެރެއިން ކާމިޔާބު ކުރެވިފައިވާ ގޮތްގޮތަށް،" ނަޒިމް ވިދާޅުވިއެވެ.