ސްކޫލުތަކުގެ ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ދިނުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ފެށި، ނާސްތާ ޕްރޮގްރާމް މިއަހަރު އިތުރަށް ކުރިއަށް ނުގެންދަން ނިންމައިފިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދެއްގެ ގޮތުގައި ސްކޫލްތަކުގަިއ ނާސްތާ ޕްރޮގްރާމް ފެށީ 2019 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ.

ނަމަވެސް ރާއްޖޭގައި ކޮވިޑް 19 ފެތުރެންފަށައި ނުރައްކާ ވުމުން، މިދިޔަ 2020 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައި، އެޑިއުކޭޝަން މިނިސްޓްރީން އަންގައިގެން ނާސްތާ ޕްރޮގްރާމް މެދުކަޑައިލިއެވެ.

އެހިސާބުން ފެށިގެން މިހާތަނަށް ނާސްތާ ޕްރޮގްރާމް ފަށައިފައެއް ނުވެއެވެ. އޭގެ ބަދަލުގައި، ގެއިން ދަރިވަރުންނަށް ރަނގަޅަށް ނާސްތާ ދިނުމަށާއި، ސްކޫލަށް ކުދިން ފޮނުވާއިރު ބޯފެންވެސް ގެއިން އެކުދިންނާ ހަވާލު ކުރުމަށް އޮތީ އަންގައިފައެވެ.

ކޮވިޑްގެ ހާލަތު ކޮންޓްރޯލްވެ، އެކަމާގުޅިގެން އެޅި ފިޔަވަޅުތައް މިހާރު އުވާލާފައިވީ ނަމަވެސް މިއަހަރުގެ ކުރިއަށްއޮތް ބައިގައިވެސް، ނާސްތާ ޕްރޮގްރާމް ކުރިއަށް ނުގެންދާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފައެވެ.

އެ މިނިސްޓްރީން މިހެން ބުނެފައި ވަނީ، ސަރުކާރުގެ ސްކޫލުތަކަށް ފޮނުވި މެސެޖެއްގައެވެ.

އެ މެސެޖުގައި ވަނީ ރާއްޖޭގައި ކޮވިޑްގެ ހާލަތު މިވަގުތު އޮތް ގޮތުން ނާސްތާ ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ދަތިތަކެއް ހުރުމާ އެކު، މި އަހަރުގެ ނިޔަލަށް އެ ޕްރޮގްރާމު މެދުކަނޑައިލަން ނިންމާފައިވާ ކަމަށެވެ.

އެ ޕްރޮގްރާމް މެދުކަނޑައިލި ނަމަވެސް ސްކޫލުތަކުގައި ގިނަ އަދަދެއްގެ ކިރު ޕެކެޓްތަކެއް ހުރުމާއި، އޯޑަރު ދީފައިވާ ކިރު ޕެކެޓް ހުރުމުން އެ ތަކެތި ސްކޫލުތަކުގައި ބޭނުން ކުރަން ނިންމާފައިވާ ކަމަށް ވެސް މިނިސްޓްރީން ބުނެފައިވެއެވެ.

އެގޮތުން ދިރާސީ އަހަރުގެ ކިޔެވުން ފެށުމުން، ބޭނުންވާ ދަރިވަރުންނަށް އެ ކިރު ޕެކެޓްތައް ނާސްތާ ގަޑީގައި ދޭނެ ކަމަށް ވެސް ބުނެފައިވެއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ސްކޫލްތަކަށް އެގޮތަށް އަންގާފައިވާއިރު، ސްކޫލްތަކުގެ ކިޔެވުން ބަންދުވެ، ދަރިވަރުން ތިބީ ޗުއްޓީގައެވެ.

އެކަޑަމިކް ކަލަންޑަރަށް ގެނައި ބަދަލާއެކު ދިރާސީ އާ އަހަރުގެ ކިޔެވުން ދެން ފެށޭނީ، އަންނަ މަހުގެ 10 ވަނަ ދުވަހު އެެވެ.