މެއި ހައެއްގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަ ކޮށްލަން ހަމަލާދިން ބޮން ސައިކަލް ގައި ހަރުކުރީ ގިނަބައެއްގެ ފުރާނައަށް ނުރައްކާވާ ހާލަތުގައި، ހުޅުމާލެ ފްލެޓެއް ކައިރީގައި ކަމަށް ފުލުހުން ބުނެފިއެވެ.

މެއި ހައެއްގެ ހަމަލާއާބެހޭ އިތުރު ތަފްސީލް ހާމަ ކުރުމަށް ރޭ ބޭއްވި ނިއުސްކޮންފަރެންސްގައި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒު ވިދާޅުވީ، ސައިކަލުގައި އައިއީޑީ ހަރު ކުރުމުުގެ މަސައްކަތް ކޮށްފައިވަނީ ހުޅުމާލެ 106 ނަމްބަރު ފްލެޓް ކައިރީގައި ކަމަށެވެ.

ހަމަލާ ދިން މީހުން އެތަނުގައި އެ މަސައްކަތްކުރީ މެއި މަހުގެ ތިންވަނަ ދުވަހުގެރޭ 8:30 އެހާކަންހާއިރު ކަމަށާއި، އެއީ ނުރައްކާތެރި ހާދިސާއެެއް ހިނގައިފިނަމަ އެތައް ބައެއްގެ ފުރާނައަށާއި މުދަލަށް ނުރައްކާވާ ހާލަތެއް ކަމަށްވެސް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އެ ސަރަހައްދަކީ ކުޑަކުދިން ހިމެނޭގޮތަަށް އެ ސަރަހައްދުތަކުގެ ފްލެޓްތަކުގައި ދިރިއުޅޭ އާއިލާތައް އާއްމުކޮށް ބޭރަށް ނިކުންނަ ސަރަހައްދެއް ކަމަށެވެ. ހާއްސަކޮށް ރޭގަނޑުގެ ވަގުތުތަކުގައި ގިނަ ބަޔަކު ނިކުމެ އެތަނުގައި ހުންނަ ޖޯލިފަތިތަކުގައި ތިބޭ ކަމަށްވެސް ރިޔާޒު ވިދާޅުވިއެވެ.

"އެ ސަރަހައްދަކީ އާއްމުކޮށް ކުޑަކުދިންނާއި އެ ފްލެޓްތަކުގައި ދިރިއުޅޭ އާއިލާތަކުގެ މީހުން ނުކުމެ ހާއްސަކޮށް އެގަޑިތަކުގައި އެ ސަރަހައްދު ތަކުގައި ހުންނަ ޖޯލިތަކުގަޔާއި ތަންތަނުގައި ތިބޭ ސަރަހައްދެއް، ގިނަ އަދަދެއްގެ ބަޔަލު ރޭގަނޑޫ މޫވްކުރާ ސަރަހައްދެއް،" ރިޔާޒް ވިދާޅުވިއެވެ.

ނަމަވެސް އެމީހުން ބޮން ހަރު ކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ، މީހެއްގެ ފުރާނައަށް، މުދަލަށް ލިބިދާނެ ގެއްލުމަކަށް ނުބަލައި، ކަމަށާއި އެއީ ކިތަންމެ ނުރައްކާތެރިކަމެއް ކޮށްފާނެ ބައެއް ކަމަށްވެސް ވިދާޅުވިއެވެ. އަދި އެމީހުން އެކަން ކުރީ އެ ހަމަލާގައި ބައިވެރިވި އެންމެން އެސަރަހައްދުގައި ތިބެގެން ކަމަށް ވެސް ވިދާޅުވިއެވެ.

ރިޔާޒް ވިދާޅުވީ، ބޮން ހަރުކުރަން އެރޭ އެ ފްލެޓް ކައިރިއަށް ސައިކަލް ގެންދިޔައީ އެ މައްސަލައިގައި ހިމެނޭ ތަހުމީން އަހުމަދު ކަމަށެވެ. އަދި ބޮން ހިފައިގެން އެ ސަރަހައްދަށް އައީ އަލީ ހައިޝަމް ކަމަށް ވެސް ރިޔާޒް ވިދާޅުވި އެވެ.

ރިޔާޒް ވިދާޅުވީ މަޖީދީމަގުގައި ބަހައްޓާފައި ހުރި ސައިކަލްގައި އިން އައިއީޑީ ގޮއްވާލިއިރު އެ ހަމަލާއިން އަސަރުކުރާ ހިސާބުގައި 17 މީހުން ތިބި ކަމަށެވެ. ބުރައިގެން ދިޔަ ރޭޒާފުށްތަކުން ޖެހި ނަޝީދާއި ބޮޑީގާޑުގެ އިތުރުން ބައެއް އާއްމުން ވަނީ ވަރަށް ބޮޑަށް ޒަހަމުވެފަ އެވެ.

ފުލުހުން ބުނީ މެއި ހައެއްގެ ހަމަލާއާ ގުޅިގެން 10 މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. އޭގެ ތެރެއިން ހަތަރު މީހެއްގެ މައްޗަށް ދައުވާކުރަން ޕީޖީއަށް ފޮނުވާފައިވާ ކަމަށާއި، އޭގެ ތެރެގައި ހިމެނެނީ ހަމަލާއާ ގުޅިގެން ފުރަތަމަ ހައްޔަރުކުރި އަދުހަމް އަހްމަދު ރަޝީދު އާއި މުޖާޒް އަހްމަދުގެ އިތުރުން ތަހުމީން އަހްމަދު އާއި އަހުމަދު ފާތިހު ކަމަށްވެސް ބުންޏެވެ.

ދެން ހައްޔަރުކޮށްފައި ތިބީ މ. ކުދެހިގޭ، އިސްހާގާއި ގއ. ވިލިނގިލީ ހުދުރުމާގޭ، ފަހުމީ އަލީ އާއި ނ. މަނަދޫ ނޫރީގޭ އަލީ ހައިޝަމް އެވެ. އަދި އއ. މާޅޮސް އަސަރީގޭ މުހައްމަދު ނާޒިމާއި ހއ. ހޯރަފުށީ އަލަނާސިގޭ މުހައްމަދު ތަސްލީމާއި ހއ. މޮޅަދޫ ބަހާރުގޭ އަބްދުﷲ އަލިމަނިކު ވެސް ހުރީ އެ މައްސަލަގައި ހައްޔަރުކޮށްފަ އެވެ.