އަމިއްލަ ކުންފުންޏެއްގެ ގިނަ އަދަދެއްގެ ފައިސާ އެކައުންޓަށް ޖަމާވެ، އެ ފައިސާތަކުގެ ވެރިފަރާތް ހޯދުމަށް މީހަކު އާންމުންގެ އެހީތެރިކަމަށް އެދިއްޖެ އެވެ.
މ. ކޮޅުފުށީ، އަލިހަނދުވަރުގެ، އަހުމަދު އާދަމް "ވަން" އަށް ބުނީ އޭނާގެ އެކައުންޓަށް "ޔޫ ޓްރެވަލް އެންޑް ޓްރޭޑް ޕްރައިވެޓް ލިމިޓެޑް" އިން ގިނަ އަދަދެއްގެ ފައިސާތަކެއް މިމަހުގެ 14 ވަނަ ދުވަހު ފޮނުވާފައިވާ ކަމަށެވެ. ނަމަވެސް އެ ފައިސާތަކަކީ ކިހިނެއް ކޮން ގޮތަކުން ޖަމާކުރި ފައިސާތަކެއް ނޭނގޭ ކަމަށް އޭނާ ބުންޏެވެ.
އަހުމަދު ބުނީ އެ ފައިސާ ފޮނުވި ފަރާތުންވެސް ފައިސާ ހޯދުމަށް މިހާތަނަށް އޭނާ އަށް ގުޅާފައި ނުވާ ކަމަށެވެ. އަދި ބޭންކް އޮފް މޯލްޑިވްސް އަށް ގުޅައިގެންވެސް އެކަމުގެ މައުލޫމާތު ހިއްސާ ކުރި ކަމަށާއި ނަމަވެސް ބޭންކުންވެސް މާބޮޑު އެހީތެރިކަމެއް ވެފައި ނުވާ ކަމަށެވެ.
އެހެން ކަމުން އެ ކުންފުނީގެ ފަރާތުން އޭނާ އަށް ގުޅައި ފައިސާގެ އަދަދު ހާމަ ކޮށް އެއީ އެމީހުންގެ ފައިސާކަން ޔަގީން ކުރުމުން އެމީހުންނަށް އެ ފައިސާ ދޭނެ ކަމަށެވެ. އަދި އެދެނީ އެ ކުންފުނީގެ އިސް މީހަކު އޭނާއާ ގުޅައި ފައިސާއާ ހަވާލު ވުމަށް ކަމަށް އޭނާ ބުންޏެވެ.
"ކޮންމެ ގޮތެއްވިޔަސް އެއީ އަޅުގަނޑުގެ ފައިސާތަކެއް ނުން. އަޅުގަނޑަށް އެ ކުންފުންޏަކީ ކޮން ކުންފުންޏެއް ކަމަށްވެސް ނޭނގެ. ކިހިނެއް އަޅުގަނޑުގެ އެކައުންޓަށް އައި ފައިސާތަކެއް ކަމެއް ނޭނގޭ. ހަމަ ޔަގީނުންވެސް އެ ކުންފުނިން އަޅުގަނޑަށް ދޭން ޖެހޭ ފައިސާއެއް ނުހުންނާނެ. އެހެންވީމަ މި ބެލެވެނީ އޮޅިގެން ކަމަށް. އެކަމަކު މިހާތަނަށް ބީއެމްއެލް މެދުވެރިކޮށްވެސް އަޅުގަނޑަށް އެ ކުންފުނިން ނުގުޅާ. އެހެންވީމަ އެދެނީ އަޅުގަނޑަށް ގުޅަން އެ ކުންފުނީ އިސް މީހެއް." އޭނާ ބުންޏެވެ.
އަހުމަދު ބުނީ އޭނާ އަކީ ބޭންކުން ލޯނެއްވެސް ނަގާފައިވާ މީހެއް ކަމަށާއި މި ފައިސާ ލޯނަށް ނުކެނޑުމަށް ބޭންކުގައި އެދިފައިވާނެ ކަމަށެވެ. އަދި އެ ފައިސާގެ ހައްގުވެރިންނާ އެ ފައިސާ ހަވާލު ކުރުމަށް އޭނާ ބޭނުންވާ ކަމަށްވެސް ބުންޏެވެ. މި ފައިސާ އަދި އެ ކުންފުނީގެ އެއްވެސް މައުލޫމާތެއް އެނގޭ މީހަކު އޭނާގެ ފޯނު ނަންބަރު 7204666 އަށް ގުޅައި އެ މައުލޫމާތު ހިއްސާ ކުރުމަށް އެދޭ ކަމަށްވެސް ބުންޏެވެ.
ފައިސާގެ ތަފުސީލު ފެންނަ ބޭންކު ސްލިޕް "ވަން" އަށް ލިބިފައިވީ ނަމަވެސް މި ފައިސާގެ ހައްގުވެރިން ހޯދުމަށް އަހުމަދު އެދިފައިވާތީ ފައިސާގެ ތަފުސީލެއް ހާމައެއްނުކުރަމެވެ.
ޚަބަރު
ޚަބަރު
ޚަބަރު