ޚަބަރު

ސައިކަލެއް ޓޯ ކުރުމުގެ ތެރޭގައި ކުޑަ ކުއްޖަކަށް އަނިޔާވި މައްސަލަ ބަލަނީ

ރިފާ ހަލީލު

ނ. ވެލިދޫގައި ސައިކަލެއް ޓޯ ކުރަން އުޅުމުގެ ތެރޭގައި ކުޑަ ކުއްޖަކަށް އަނިޔާވި ކަމަށް ބުނާ މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް "ވަން" އަށް ވިދާޅުވީ ވެލިދޫގައި އެއްގަމު ދަތުރުފަތުރު ކުރުމުގެ ގާނޫނާ ހިލާފަށް، އެއްގަމު އުޅަނދު ދުއްވުމުގެ ލައިސެންސް ނެތި ތިން އަހަރުގެ ކުޑަ ކުއްޖަކު ހިމެނޭހެން ތިން މީހުންނާއެކު ދުއްވަމުން ދިޔަ ސައިކަލެއް އިއްޔެ 17:20 ކަންހާއިރު ހުއްޓުވައި ޓޯ ކޮށްފައިވާ ކަމަށެވެ.

އޮފިޝަލް ވިދާޅުވީ ސައިކަލް ޓޯ ކުރުމުގެ ތެރޭގައި ކުޑަ ކުއްޖާ އަށް އަނިޔާވެފައިވާ ކަމަށް ބުނެ ރޭ 21:50 ގައި ފުލުހުންނަށް މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ. މި މައްސަލައާ ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންކަން ފުލުހުން ބަލަމުންދާ ކަމަށްވެސް ވަނީ ބުނެފަ އެވެ.

އަނިޔާ ލިބުނު ކުއްޖާގެ ބައްޕަ ސޯޝަލް މީޑިއާގައި ޖަހާފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ ވެލިދޫ އަކީ ތިން މިހުން އަރުވައިގެން ސައިކަލް ދުއްވާ ރަށެއް ކަމަށާއި އިއްޔެ ހަވީރު އެރަށުގައި އޮތް ކުޅިވަރު ބަލަން އޭނާ އާއި ކުޑަ ދަރިފުޅާއި އަދި އޭނާގެ އަންހެނުން އެއް ސައިކަލެއްގައި ދިޔަ ކަމަށެވެ. އަދި ފުލުހުންގެ ޖީޕު އެ ސައިކަލުގެ ފަހަތުން އައިސް ހުއްޓުމުން އެ މިހުން ސައިކަލުން ފޭބި ކަމަށާއި ނަމަވެސް އެ ސައިކަލް ޓޮ ކުރަން އުޅުމުން އޭނާގެ ދަރިފުޅު ރޮއެގެންފައި ސައިކަލު ކައިރީގައި ހުއްޓާ އެ ކުއްޖާ މޫނު މަތީގައި ސައިކަލުން ޖެއްސުމަށްފަހު ސައިކަލް ޓޯ ކޮށްފައިވާ ކަމަށް އޭނާ ބުންޏެވެ.