އައްޑޫ ސިޓީގައި އިންޑިއާގެ ކޮންސިއުލޭޓެއް ހުޅުވުމުގެ ކުރިން އެހެން ގައުމެއްގެ ކޮންސިއުލޭޓެއް ހުޅުވަން މަސައްކަތް ކުރަމުންދާކަމަށް އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ނިޒާރު ވިދާޅުވީ، އިންޑިއާ ކޮންސިއުލޭޓްގެ ކުރިން އެހެން ގައުމެއްގެ ކޮންސިއުލޭޓެއް ހުޅުވުމަށް މަސައްކަތް ކުރަމުންދަނީ، އައްޑޫސިޓީގައި އިންޑިއާ ކޮންސިއުލޭޓެއް ހުޅުވުމާ ދެކޮޅަށް ކުރަމުންގެންދާ މަސައްކަތްތައް ހުއްޓުވުމަށް ކަމަށެވެ.

އައްޑޫ ސިޓީގައި އިންޑިއާގެ ކޮންސިއުލޭޓެއް ހުޅުވުމާ ދެކޮޅަށް އެ ސިޓީގެ ރައްޔިތުން ހިމެނޭގޮތުން ގިނަ ބަޔަކު ގެންދަނީ ނުރުހުން ފާޅު ކުރަމުންނެވެ.

"އަޅުގަނޑު މި ބަލަނީ އިންޑިއާ ކޮންސިއުލޭޓް ހުޅުވުމުގެ ކުރިން، ޗައިނާ ނޫނީ ސިލޯނުގެ ކޮންސިއުލޭޓެއް ހުޅުވޭތޯ، އޭރުން އެކަން ހައްލުވެގެންދާނެ،" ނިޒާރު ވިދާޅުވިއެވެ.

ނޒާރު އިތުރަށް ވިދާޅުވީ، އައްޑޫ ސިޓީގައި ޗައިނާގެ ކޮންސިއުލޭޓެއް ގާއިމް ކުރުމާބެހޭގޮތުން ޗައިނާ އެމްބަސީގެ ބޭފުޅުންނާ މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ.

"އެބޭފުޅުންގެ މާ ބޮޑު އިންޓްރެސްޓެއްނެތް އައްޑޫގައި އެ ބޭފުޅުންގެ މާބޮޑު ކަމެއް ނުހިނގާތީ،" ނިޒާރު ވިދާޅުވިއެވެ.

ޔޫކޭގެ ކޮންސިއުލޭޓެއް އައްޑޫ ސިޓީގައި ހުޅުވުމަށް އިނގިރޭސި ވިލާތުގެ އެމްބެސެޑަރާ އައްޑޫ ސިޓީ ކައުންސިލް މެންބަރަކު ވާހަކަ ދެއްކެވި ނަމަވެސް އައްޑުއަށް އިންޓްރެސްޓް ނެތްކަމަށް އެފަރާތުން ބުނެފައިވާ ކަމަށްވެސް ނިޒާރު ވިދާޅުވިއެެވެ.

އޭނާ ވިދާޅުވީ، އައްޑޫ ސިޓީގައި އިންޑިއާގެ ކޮންސިއުލޭޓެއް ހުޅުވުމާމެދު ކައުންސިލްގައި ހިޔާލު ތަފާތު ވުމެއް ނެތް ކަމަށެވެ.

އެހެންކަމުން ތަނެއް ކުއްޔަށް ހިފައިގެން ނަމަވެސް އިންޑިއާ އޮތީ އެކަން ކުރަން ތައްޔާރަށް ކަމަށްވެސް ވިދާޅުވިއެވެ.

އިންޑިއާ ކޮންސިއުލޭޓެއް އައްޑޫގައި ހުޅުވުމަކީ، ބޭރު ދުނިޔެއާ އައްޑޫސިޓީ ގުޅޫވައިދޭނެ ކަމެއް ކަމަށައި، އެކަމުގެ ސަބަބުން އައްޑޫސިޓީއަށް އެކި ގޮތްގޮތުން ކުރިއެރުން ލިބޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.