ގެއްލިގެން ހޯދަމުން އަންނަ ހދ. ނޮޅިވަރަންފަރު، މޯނިން ސަން، މިސްބާހު މުހައްމަދު އެނބުރި ރާއްޖެ އައުމުން، ފުލުހުން އޭނާ ހައްޔަރުކޮށް، މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއާ ހަވާލުކޮށްފިއެވެ.
ފުލުހުން މިއަދު ބުނީ މިސްބާހު މިއަދު ރާއްޖެ އައިސްފައިވާ ކަމަށެވެ.
އޭނާ ރާއްޖެ އައުމުން، ފުލުހުންގެ ބެލުމުގެ ދަށަށް އޭނާ ގެނެސް، އޭނާގެ މައްޗަށް ކޯޓުން ކޮށްފައިވާ ހުކުމް ތަންފީޒު ކުރުމަށް ކަރެކްޝަންސްއާ ހަވާލުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އޭނާ ޕާކިސްތާނަށް ދިއުމާ ގުޅޭ ގޮތުން ބަލަންޖެހޭ ކަންކަން ވަކި މައްސަލައެއްގެ ގޮތުގައި ބަލަމުންދާ ކަމަށްވެސް ފުލުހުން ބުންޏެވެ.
ފުލުހުން މީގެ ކުރިން ބުނީ، މިދިޔަ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހުގެ ރޭ 10:13ގައި ފްލައި ދުބާއީގެ ފްލައިޓުން ދުބާއީއަށް މިސްބާހު ފުރާފައިވާ ކަމަށާއި އެކަން އިމިގްރޭޝަންގެ ރެކޯޑުތަކުން ދައްކާ ކަމަށެވެ. އަދި އޭނާ ދުބާއީއަށް ގޮސްފައިވަނީ ފުޅާ ދާއިރާއެއްގައި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް، އެތަކެތީގެ ވިޔަފާރި ކުރާ ނެޓްވޯކުތައް ރާއްޖޭގައި ހިންގި، ސ. ހުޅުދޫ، ދޭލިޔާގެ، އިރުފާން ތަގިއްޔުއާ އެކު ކަމަށްވެސް ފުލުހުން ބުންޏެވެ.
އިރުފާން ތަގިއްޔު ވަނީ ޑިސެމްބަރު އަށްވަނަ ދުވަހު "މަސްޖަރީ-2" ނަމަކަށް ކިޔާ ދޯނީގައި ކަނޑުމަގުން ރާއްޖެއަށް 72 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރި ކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރުކޮށްފައެވެ. އޭނާއާއެކު ޖުމުލަ 10 މީހެއްގެ މައްޗަށް ވަނީ ދައުވާވެސް އުފުލައިފައެވެ.
ފުލުހުން ބުނީ އިރުފާން ތަގިއްޔު އާއި މިސްބާހް މުހައްމަދު ދުބާއީއަށް ފުރުމަށްޓަކައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ގޮސްފައިވަނީ، 72 ކިލޯގެ މަސްތުވާތަކެތި ފެނުނު، އިރުފާން ތަގިއްޔު ދުއްވާ ކާރެއް ކަމަށްވާ "AB1B P1939" ގައި ކަމަށެވެ.
އިރުފާން ތަގިއްޔު މިދިޔަ އަހަރުގެ ނޮވެމްބަރު 22 ވަނަ ދުވަހު އެމިރޭޓްސްގެ ފްލައިޓުން އެނބުރި ރާއްޖެ އައިސްފައިވާ ކަމަށާއި ނަމަވެސް އިރުފާނާއެކު މިސްބާހު ރާއްޖެ އައިސްފައި ނުވާ ކަމަށެވެ. އަދި މިސްބާހު، ނޮވެމްބަރު 23 ވަނަ ދުވަހު ފްލައި ދުބާއީގެ ފްލައިޓުން ދުބާއީ އިން ޕާކިސްތާނަށް ފުރާފައިވާކަން ތަހުގީގުގައި ހޯދިފައިވާ މައުލޫމާތުތަކުން އެނގޭ ކަމަށްވެސް ފުލުހުން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު