ރައްޔިތުންގެ މަޖިލީހުގެ ރަައީސް އަދި އެމްޑީޕީގެ މިހާރުގެ ރައީސް، އޭރުގެ ޗެއާޕާސަން، ރައީސް މުހައްމަދު ނަޝީދާ ފުރަތަމަ ދެބަސްވުން އުފެދުނީ، ސިޔާސީ ޕާޓީއެއްގެ މަގުސަދަކީ ވެރިކަން ހޯދުން ކަމަށް، ނަޝީދު ވިދާޅުވި ހިސާބުން ކަމަށް އެމްޑީޕީގެ ފުރަތަމަ ރައީސް އިބްރާހިމް އިސްމާއީލް (އިބުރާ) ވިދާޅުވެއްޖެ އެވެ.
އިބުރާ މިހެން ވިދާޅުވީ، ކުރީގެ ރައީސް މައުމޫނު އަބުދުލްގައްޔޫމުގެ 30 އަހަރުގެ ވެރިކަމުގައިވެސް ކުރެއްވި ކަމަކީ އެމަނިކުފާނުގެ ވެރިކަން ދިފާއު ކުރެއްވުން ކަމަށާއި، ނަމަވެސް އެމްޑީޕީން އައީ ވަކި ސިޔާސަތުތަކެއް މައްޗަށް އެކުލެވޭ، ވަކި ކަންތައްތަކެއް ރައްޔިތުންނަށް ކޮށްދޭން ވައުދު ވެގެން ކަމަށް، ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު ވިދާޅުވުމުން ރައްދު ދެއްވައެވެ.
ވަހީދު އެހެން ވިދާޅުވީ، ޕާޓީގެ އެންމެ ބޮޑު މަގުސަދަކަށް ވާން ޖެހެނީ ވެރިކަން ދެމެހެއްޓުން ކަމަށް ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވިދާޅުވުމާ ގުޅިގެންނެވެ.
އެއަށް ރައްދު ދެއްވައި ވަހީދު އިތުރަށް ވިދާޅުވީ، އެމްޑީޕީން ވެރިކަމަށް އައީ ނަމަކަށް ވެރިކަމެއް ކޮށްލަން ނޫން ކަމަށާއި، އެކަންކަން ރައްޔިތުންނަށް ފުއްދައިދިނުމަށް ޓަކައި ކަމަށެވެ.
ވަހީދުގެ އެ ވާހަކަތަކާ ގުޅިގެން ކުރެއްވި ޓުވީޓެއްގައި އިބުރާ ވިދާޅުވީ، ސިޔާސީ ޕާޓީއެއްގެ މަގުސަދަކީ ވެރިކަން ހޯދުން ކަމަށް ރައީސް ނަޝީދު ވިދާޅުވުމާ ގުޅިގެން އެކަމާ ދެކޮޅު ހައްދަވައި، މަގުސަދަކީ ކޮންމެ މީހަކު ވެރިކަމުގައި ހުއްޓަސް ސިޔާސަތު ތަކަށް ބާރު ފޯރުވުން ކަމަށް ދަންނަވާފައިވާނެ ކަމަށެވެ.
"އައްނިއާ އަހަންނާ އެންމެ ފުރަތަމަ ދެބަސްވީ ސިޔާސީ ޕާޓީއެއްގެ މަގުސަދަކީ ވެރިކަން ހޯދުން ކަމަށް އަންނި ބުނި ދުވަހު، އަހަރެން ބުނިން ނޫނެކޭ މަގުސަދަކީ ސިޔާސަތުތަކަށް ބާރު ފޯރުވުމޭ ކޮންމެ މީހަކު ވެރިކަމުގައި ހުއްޓަސް މައުމޫން އަބްދުލްގައްޔޫމާއި އައްނިއާ އެކަމުގައި އެއްވިސްނުމެއް،" އިބުރާ ވިދާޅުވިއެވެ.
އިބުރާ އިތުރަށް ވިދާޅުވީ، ކަން ހިނގާ މަގަށް ބަލާއިރު މިހާތަނަށް އެންމެ ކާމިޔާބު ޕާޓީއަކީ އަދާލަތު ޕާޓީ ކަމަށެވެ.
"މަޖިލީހުން އެންމެ ފަހަރަކު އެއް ގޮނޑި، ފިޔަވައި ގައުމީ އިންތިހާބަކުން ކާމިޔާބެއް ނުލިބޭ، އެކަމަކު ކޮންމެ ސަރުކާރެއް އޮތަސް އެމީހުން ބޭނުން ސިޔާސަތު ހިންގާ،" އަދާލަތު ޕާޓީއަށް ނިިސްބަތް ކުރައްވައި އިބުރާ ވިދާޅުވިއެވެ.
އިބްރާހީމް އިސްމާއީލް (އިބުރާ)
އިބްރާހީމް އިސްމާއީލް (އިބުރާ)