(16 ޖުލައިގެ އަދަދާ ގުޅޭ)
އެހިނދު އަހަރެން އެކަލޭގެ އަތުން އެދަރިކަލުން ފިރުކައިގެންފައި ބުނެފީމެވެ. ކަލޭގެހުރި ނުބައިކަމާއެވެ. ކަލޭގެއަށް ޖެހިފައި ތިޔަހުރި ގިލަންވެރިކަން މާބޮޑެވެ. ކަލޭގެ އަމިއްލަ ނަފުސު ޤަތުލުކުރާނެ މީހަކު ކަލޭގެ ހޯދާށެވެ. އަހަރެމެން މިމާތް ދަރިކަލުން ޤަތުލުކުރާނެ ބަޔަކު ކަމުގައެއް ނުވަމުއެވެ. ކޮންމެއަކަސް މިހުރިހައިކަމެއް ހިނގުމުން އަހަރެންގެ ފިރިކަލުން ވިދާޅުވެއްޖެއެވެ. "އަހަންނަށް ފެންނަނީ މިދަރިކަލުން މިދަރިކަލުންގެ މަންމާފުޅުގެ އަރިހަށް ގެންދާށެވެ. ހުރިހައިވެސް ކަމަކީ މީހުންގެ ހަސަދައެވެ. ކަމަނާ ތިޔަ އަމާނަތުން ނެއްޓިވަޑައިގަންނަވާށެވެ." (ކީރިތި ރަސޫލާގެ ސީރަތުން ކުޑަކުދީންނަށް - محـمّــد رشـيـد إبــراهيــم)
ކައުސާހިބާ صلّــى اللّـه عليـه وسلّـم ބާދިޔަތުން އެނބުރި މައްކާއަށް ވަޑައިގެންނެވިއިރު އެމާތް ސާހިބާ ހުންނެވީ ނުހަނު ދުޅަހެއިފުޅުކޮށެވެ. ދުވެވަޑައިގެންނެވުމާއި އެކިކަންކަމާ ކުރިމަތިލެއްވުމުގައި ވަރަށް ހުސިޔާރުފުޅެވެ. سـيّـدة آمـنــة އެކަމާ ވަރަށް އުފާފުޅުކުރެއްވިއެވެ. އުފާފުޅުން އެކަމަނާގެ ހިތްޕުޅު އޮބިއޮންނަވަރެއް ނޫނެވެ.
ކައުސާހިބާގެ އުމުރުފުޅުން ހަތްއަހަރުފުޅަށް އަޅައިގަތުމުން ކާފާފުޅު عـبـدالمطّـلـب އެދަރިކަލުންނާއި އެދަރިކަލުންގެ މައިކަނބަލުން ގޮވައިގެން މަދީނާއަށް ދަތުރުފުޅެއް ކުރެއްވިއެވެ. ޢާއްމުކޮށް މުއައްރިޚުން އެދަތުރުފުޅުގެ ވާހަކަ ލިޔުއްވައިފައިވަނީ سـيّـدة آمـنــة އެ ލޮބުވެތި ދަރިކަލުންނާއި އެދަރިކަލުންގެ އާޔާ أمّ أيـمــن ގޮވައިގެން ޤާފިލާއެއްގައި މަދީނާއަށް ކުރެއްވި ދަތުރުފުޅެއް ކަމުގައި ދޭހަވާގޮތަށެވެ. عـبـدالمطّـلـب ގެފާނު އެދަތުރުފުޅުގައި ބައިވެރިވެވަޑައިގެންނެވި ވާހަކައެއް ނުލިޔެއެވެ. ނަމަވެސް އެދަތުރުފުޅުގައި އެދެމައިކަނބަލުން މަދީނާއަށް ވަޑައިގެންނެވީ އެދަރިކަލުންގެ ކާފާފުޅު عـبـدالمطّـلـب ގެ އަރހުގައެވެ. މިހާރުގެ ވަރަށްގިނަ މުޙައްޤިޤުން ވަނީ މިގޮތަށް ލިޔުއްވައިފައެވެ. (މުސްތަޤީމު ފާރޫޤީ، ޢަބްދުލްމާލިކު މުޖާހިދު)
ކައުސާހިބާ صلّــى اللّـه عليـه وسلّـم ގެ ކާފާފުޅު عـبـدالمطّـلـب ގެފާނުގެ މައިކަނބަލުން سلمـى بنت عمــرو އަކީ މަދީނާގެ (އޭރުގެ ޔަޘްރިބު) ބޭކަނބަލެކެވެ. މަދީނާގެ ޝަރަފުވެރި ޢާއިލާއެއްކަމުގައިވާ ނައްޖާރު ވަންހައިގެ ބަނީ ޢަދީގެ ދަރިކޮޅުގެ ބޭކަނބަލެކެވެ. عـبـدالمطّـلـب ގެފާނު ގާތްގަނޑަކަށް ޒުވާން އުމުރުފުޅާ ހަމަޔަށް އުޅުއްވީ ޔަޘްރިބުގައެވެ. المسجـدالـنّـبـوى އެހެރީ ބަނުއްނައްޒާރުގެ އަވަށް އޮތްތާނގައެވެ. ކައުސާހިބާ صلّــى اللّـه عليـه وسلّـم ގެ ބައްޕާފުޅު عـبـداللّـه ގެފާނު އަވަހާރަވީ މަދީނާގައެވެ. އެކަލޭގެފާނުގެ މަހާނަފުޅު ހުރީ މަދީނާގައެވެ. ކައުސާހިބާ صلّــى اللّـه عليـه وسلّـم ކަންކަން ވިސްނިވަޑައިގަންނަވާ ވަރަށް ބޮޑުފުޅުވުމުން އެމާތް ސާހިބާގެ ކާފާފުޅު ބޭނުންފުޅުވީ އެކަލޭގެފާނުގެ މައިފުށުގެ ތިމާގެފުޅު ބޭފުޅުންނަށް ކާފަދަރިކަލުން ތަޢާރުފުކޮށްދެއްވާށެވެ. ކާފަދަރިކަލުންނަށް އެދަރިކަލުންގެ ބަފައިކަލުންގެ މަހާނަފުޅު ދައްކައިލައްވާށެވެ. ޅީދަރިކަނބަލުންނަށް އެކަމަނާގެ ފިރިކަލުންގެ ގަބުރުފުޅަށް ޒިޔާރަތް ކޮށްލެއްވުމުގެ ފުރުސަތު ހޯއްދަވައިދެއްވާށެވެ. سـيّـدة آمـنــة ގެ އަރިހުގައި އެކަމަނާގެ ޚާދިމާ أمّ أيـمــن ވެސް އެދަތުރުފުޅުގައި ބައިވެރިކުރެއްވިއެވެ.
عـبـدالمطّـلـب ގެފާނު ހަންހާރަވެތި ކާފަދަރިކަލުންނާއި ލޮބުވެތި ޅީދަރިކަނބަލުން ގޮވައިގެން ވަޑައިގެން މަޑުކުރެއްވީ ނައްޖާރު ވަންހައިގެ މީހުންގެ ތެރޭގައެވެ. އެކަލޭގެފާނުގެ މައިފުށުގެ ބޮޑުބޭބޭފުޅުންގެ އަރިހުގައެވެ. މަދީނާއަކީ ފެހިކަންގަދަ ރަށެކެވެ. ރީތި ބަގީޗާތަކުގެ ރަށެކެވެ. ތާޒާކަމާއެކު ހެދޭ ދަނޑުފަގުތަކުގެ ރަށެކެވެ. ވެޔޮވެލާވެއްޔާއި ފެންފެންގަނޑު ހުންނަ ރަށެކެވެ. އެހެންކަމުން ތުއްޕުޅު ސާހިބާއަށް އެދަތުރުފުޅަކީ މުޅީން އާ ތަޖުރިބާއެކެވެ. އެމާތް ސާހިބާއަށް ފެންފެންގަނޑާއި ވެޔޮތައް ފެނިވަޑައިގެންނެވީ އަލަށެވެ. މަދީނާގެ ކުޑަކުދީން އެތަންތަނުން ފެންވަރައެވެ. ފަތައިފައި ވަރަށް ދުރަށްވެސް ގޮސްއުޅެއެވެ. ނައްޖާރު ވަންހައިގެ ތުއްޕުޅު ބޭފުޅުން އެބޭފުޅުންގެ އަރިހުގައި އެބޭފުޅުންގެ ތުއްޕުޅު މެހުމާނު ބައިވެރި ކުރައްވައެވެ. ކައުސާހިބާ އެބޭފުޅުންނާއެކު މަދީނާގެ ފެންފެންގަނޑުން ނާނެއިފުޅުފިއްލެވިއެވެ. ފައްތަވަން ދަސްފުޅު ކުރެއްވިއެވެ. ފެންގަނޑުގަނޑުގެ ކައިރީގައި ހުންނަ ގަސްތަކަށް އަރައި އެގަސްގަހުގައި ތިބޭ ދޫނިތައް ފެއްސުމަކީވެސް ކުޑަކުދިން ފޯރިއާއެކު ކުޅެއުޅުނު ކުޅިވަރެކެވެ. އިތުރު ސާހިބާ އެހުރިހާ ކުޅިވަރުތަކެއްގައިވެސް ބައިވެރިވެވަޑައިގެންނެވިއެވެ. އިތުރު ސާހިބާ މަދީނާއަށް ހިޖުރަޔަށް ވަޑައިގެން ހުންނެވިއިރު ކުރީފަހަރުގެ ދަތުރުފުޅުގެ ތަޖުރިބާގެ ވާހަކަ ވިދާޅުވެދެއްވައި އުޅުއްވިއެވެ.
عـبـدالمطّـلـب ގެފާނު ލޮބުވެތި ކާފަދަރިކަލުންނާއި ޙުރުމަތްތެރި ޅީދަރިކަނބަލުން ގޮވައިގެން މައްކާއަށް އެނބުރި ވަޑައިގެންނެވުމުގެ ދަތުރުފުޅު ފެއްޓެވީ މަދީނާގައި މަސްދުވަހު ތިއްބަވައިފައެވެ. މަންޒިލަކަށްފަހު މަންޒިލެއް ކަޑައްތު ކުރައްވަމުން އެ ޤާފިލާއަށް أبــواء އާ ހަމަޔަށް ވަޑައިގެންނެވުނުތަނާ سـيّـدة آمـنــة ގެފާނު އާލާސްކަންފުޅާ ވެއްޖެއެވެ. އޭރު ޙަޤީޤަތުގައި މަދީނާއާ ވަކިވެވަޑައިގެންނެވުން ވަނީ އެކަމަނާގެ ހިތްޕުޅަށް ބުރައަކަށް ވެފައެވެ. عـبـداللّـه ގެފާނު ވަނީ އެމަގުން އެއްފަހަރަށްވުރެ ގިނަފަހަރު ދަތުރުކުރައްވައިފައެވެ. މަގުމަތީން ދިމާވާ އާބާދީތަކާއި ފޭލިގެ އަވަށްއަވަށުގެ އެންމެންވެސް ނައްޖާރު ވަންހައިގެ أمـيــر އަދި މައްކާއާއި ޤުރައިޝުންގެ ވެރިޔާ عـبـدالمطّـلـب ގެފާނު ދަނެއެވެ. عـبـدالمطّـلـب ގެފާނު أبــواء ގައި މަޑުކުރެއްވިއެވެ. سـيّـدة آمـنــة އަށް ފުރިހަމަ ޞިއްޙަތެއް ލިބިވަޑައިގަންނަވާތޯ އިންތިޒާރު ކުރެއްވިއެވެ. އެކަމަކު ތަޤުދީރުގައި ރޭވިފައިވަނީ އެހެން ގޮތަކަށެވެ. أبــواء އާ ހަމައިން سـيّـدة آمـنــة ގެ ދަތުރުފުޅުވަނީ ނިމިފައެވެ. އަރަހުށި މާތް اللّـه ކައުސާހިބާގެ ބައްޕާފުޅު އެކަލާނގެ ޙަޟުރަތަށް ގެންދެވި ފަދައިން މަންމާފުޅުވެސް އެކަލާނގެ ޙަޟުރަތަށް ގެންދަވައިފިއެވެ. أبــواء ގެ އަހުލުވެރީން سـيّـدة آمـنــة ގެ ގަބުރުފުޅު ކޮނުނީ ފަރުބަދައިގެ ކައިރީގައެވެ. އެކަމަނާ އެ ވަޅުފުޅުގައި ފަސްދާނު ލައިފިއެވެ. އިތުރު ސާހިބާ ނުހަނު މޮޅިފުޅުން އެމަންޒަރު ބައްލަވަން ހުންނެވިއެވެ. އެމާތް ސާހިބާ މަދީނާއިން އެނބުރިވަޑައިގެންނެވީ ބައްޕާފުޅުގެ މަހާނަފުޅު ދެކެވަޑައިގެންނެވުމަށްފަހުގައެވެ. މިހާރު އެ ފެނިވަޑައިގަންނަވަނީ މަންމާފުޅުގެ ގަބުރުފުޅަށް ފަސްލާތަނެވެ. އެ ތުއްޕުޅު ސާހިބާގެ ހިތްޕުޅަށް ކުރާނެ ބާރު އޮތީ ވިސްނައިލުމެވެ. ހީކޮށްލުމެވެ. آمـنــة ގެފާނު ފަސްދާނުލުމަށްފަހު މީހުންތައް ހިނގައިގަތްއިރުވެސް ތުއްޕުޅު ސާހިބާ އެތާނގައި އިންނެވިއެވެ. "މަންމާ! މަންމާ! މަންމަ ވާހަކަ ނުދައްކަވަނީ ކީއްވެގެންތޯ؟" މިފަދައިން ވިދާޅުވަމުން ގެންދެވިއެވެ.
އަރަހުށި މާތް اللّـه عـبـدالمطّـلـب ގެފާނަށްވަނީ ވެރިކަމާއި މުދަލާއި ބޭފުޅުން ދެއްވުމުގައި ނުހަނު ދީލަތިވަންތަވެވޮޑިގެންފައެވެ. އެކަލޭގެފާނުގެ އުފަން ބޭފުޅުން އެބަތިއްބެވިއެވެ. ކާފަމާފަ ވިދާޅުވާ ބޭފުޅުން އެބަތިއްބެވިއެވެ. އެކަމަކު އެންމެ ލޯބިފުޅުވާ ދަރިކަލުން عـبـداللّـه އެއް ނެތެވެ. މިހާރު عـبـداللّـه ގެ ހުވަފަތް އަނބިކަނބަލުންވެސް މިދުނިޔެއަށް އަލްވަދާޢު ވިދާޅުވެއްޖެއެވެ. عـبـدالمطّـلـب ގެފާނު سـيّـدة آمـنــة ފަސްދާނުލެއްވުމަށްފަހު ލޮބުވެތި ޔަތީމު ދަރިކަލުން محـمّــد ގޮވައިގެން ވަޑައިގެންނެވީ މައްކާއަށެވެ. عـبـدالمطّـلـب ގެފާނު މަސައްކަތްޕުޅަކަށް ހެއްދެވީ ކައުސާހިބާ އަބަދުވެސް އުފާފުޅު ކުރުއްވުމެވެ. عـبـدالمطّـلـب ގެފާނު ގެއިންބޭރަށް ތަނަކަށް ވަޑައިގަންނަވާނަމަ ކާފަދަރިކަލުން އަރިހުގައި ގެންދަވައެވެ. عـبـدالمطّـلـب ގެފާނަކީ ޤުރައިޝުންގެ أمـيــر އެވެ. މައްކާގެ ވެރިޔާއެވެ. އެކަލޭގެފާނަށްޓަކައި ޙަރަމުގެ ހިޔަލުގައި ދޫލަކޮޅެއް ފަތުރައިލެވެއެވެ. އެކަލޭގެފާނު އެދޫލަކޮޅުގައި އިށީނދެވަޑައިގެންނެވުމުން އެހެންމީހުން އިށީނދެ ތިބެނީ ކުރިފުޅުމަތީގައެވެ. ބިންމަތީގައެވެ. ޚުދު އެކަލޭގެފާނުގެ ބޭފުޅަކުވެސް އެދޫލަކޮޅުގައި އިށީނދެވަޑައެއް ނުގަންނަވައެވެ. އެކަމަކު عـبـدالمطّـلـب ގެފާނު ތުއްޕުޅު ކާފަދަރިކަލުން އެދޫލަކޮޅުގައި ބައިންދަވައިގެން އިސްތަށިފުޅާއި ބުރަކަށިފުޅުގައި ފިރުންމަވައެވެ.
ކައުސާހިބާގެ ބޮޑުބޭބޭފުޅުން އެއްފަހަރަކު އެކަލޭގެފާނު އެދޫލަކޮޅުގެމަތީން ނަންގަވަން އުޅުއްވިއެވެ. ނަމަވެސް އިތުރު ސާހިބާ އަލުން އިށީނދެވަޑައިގަންނަވަނީއެވެ. އެތަން ފެނިވަޑައިގެންނެވުމުން عـبـدالمطّـلـب ގެފާނު އެކަން މަނާކުރެއްވިއެވެ. އެކަލޭގެފާނުގެ ބޭފުޅުންނަށް ވިދާޅުވިއެވެ. އަހަރެންގެ މި ބަރަކާތްތެރި ދަރިކަލުން މިތަނުން ނުނަގާށެވެ. އެއާއެކު ކުއްލިޔަކަށް ވިދާޅުވި ޅެންބައިތެއްގެ މާނައިގައިވެއެވެ.
"މިއުރަކޮޅު ލެވިފައިވާ ގެފުޅަކީ ޝައްކެއްނެތް ގޮތުގައި ބަރަކާތްތެރި މާތް ގެފުޅެކެވެ. މިގެފުޅުގެ މާތްކަމާއި މަތިވެރިކަމުގެ ސަބަބުތަކުގެ ތެރެއިންވާ އެއްސަބަބަކީ ޝައްކެއްނެތް ގޮތުގައި އަހަރެންގެ މި ދަރިކަލުންނެވެ." (ޢަބްދުލްމާލިކު މުޖާހިދު)
عـبـدالمطّـلـب ގެފާނު މެންދުރު އަރާމުކުރައްވާ ގަޑީގައި ގޭގެ އެއްވެސް މީހަކަށް އެކަލޭގެފާނުގެ އަރިހަށް ދާކަށެއް ނުކެރެއެވެ. ނަމަވެސް އެ ޚާއްޞަ ވަގުތުގައިވެސް އިތުރު ސާހިބާއަށްވަނީ ކާފާފުޅުގެ އަރިހަށް ވަޑައިގެންނެވުމުގެ އިޒުނަފުޅު ލިބިވަޑައިގެންފައެވެ. އިތުރު ސާހިބާގެ އުމުރުފުޅުން އަށްއަހަރުފުޅުގައި ކާފާފުޅުގެ އަރިހުގައި ދާރުއްނަދުވާއަށް ވަޑައިގަންނަވާން ފައްޓަވައިފިއެވެ. އެއީ ޤުރައިޝުވަންހައިގެވެސް އެހެން އެއްވެސް ކުއްޖަކަށް ލިބިފައިވާ ޝަރަފެއް ނޫނެވެ. އިތުރު ސާހިބާގެ އުމުރުފުޅުން އަށްއަހަރު ފުރުނުތަނާ އޯގާވެރިކަމާއި ކުލުނުވެރިކަމުގެ އެ ހިޔާވަހިކަމުންވެސް މަޙުރޫމުވެވަޑައިގެންފިއެވެ. ލޮބުވެތި ކާފާފުޅު އަވަހާރަވެއްޖެއެވެ. عـبـدالمطّـلـب ގެފާނު ފަސްދާނުލެވުނީ ޙަޖޫނުގައެވެ. އެކަލޭގެފާނުގެ ކާފާކަލެއް ކަމުގައިވާ قُصَـيّ ގެ އަރިހުގައެވެ.
عـبـدالمطّـلـب ގެފާނު އަވަހާރަވުމުގެ ކުރިން ކައުސާހިބާގެ ހުރިހާކަމެއް ބެލެހެއްޓެވުންވަނީ އެކަލޭގެފާނުގެ ދަރިކަލުން أبــوطـالـب އާ ހަވާލުކުރައްވައިފައެވެ. أبــوطـالـب ގެފާނަކީ عـبـدالمطّـلـب ގެފާނުގެ ބޭފުޅުންގެ ތެރެއިން ކައުސާހިބާގެ ބައްޕާފުޅު عـبـداللّـه ގެފާނާ އެއްކިހުނުފަން ބޭކަލެކެވެ. أبــوطـالـب ގެފާނު އިތުރު ސާހިބާގެ މަސްއޫލިއްޔަތުތަކާ ހަވާލުވެވަޑައިގެން އެކަންކަން ބެލެހެއްޓެވީ، ހަވާލުވެވަޑައިގަންނަވަން ޖެހިވަޑައިގެންނެވި ޒިންމާއެއް އަދާކުރައްވާ ސިފަޔަކަށް ނޫނެވެ. އަދި ކީއްތޯއެވެ؟ أبــوطـالـب ގެފާނު ކައުސާހިބާގެ ކަންތައްތައް ބެލެހެއްޓެވީ އެކަލޭގެފާނުގެ ބޭފުޅުންނާއި ޚުދު އެކަލޭގެފާނުގެ އަމިއްލަ ޒާތުފުޅަށްވުރެވެސް އިސްކަން ދެއްވައިގެންނެވެ. أبــوطـالـب ގެފާނަކީ عـبـدالمطّـلـب ގެފާނު ފަދަ މުއްސަނދިފުޅު ބޭކަލެއް ނޫނެވެ. ބައްލަވަން ޖެހިވަޑައިގަންނަވާ ބޭފުޅުން ގިނަ، އަތްޕުޅުމަތި ދަތި ބޭކަލެކެވެ. އެކަމަކު އެވަގުތަކަށް ލިބިވަޑައިގެންނެވި އެންމެ ރަނގަޅު ފަރީއްކޮޅެއް އެންމެކުރީން އިތުރު ސާހިބާއަށް އަރުއްވައެވެ. أبــوطـالـب ގެފާނު ފަރީއްކުޅުއްވަނީ އޭގެފަހުންނެވެ. އިތުރު ސާހިބާ އަވަހާރަފުޅު ލެއްޕެވުމުން ފެނިވަޑައިގަންނަވާ ހިސާބުގައި އޮންނަވައިގެން މެނުވީ أبــوطـالـب ގެފާނު އަވަހާރަފުޅެއް ނުލައްޕަވައެވެ.
ކައުސާހިބާ صلّــى اللّـه عليـه وسلّـم އަކީ ތުއްޕުޅުއިރުވެސް ހުރިހާ މާތް ޚަޞީލަތްތަކަކުން ސިފަލިބިވަޑައިގެން ހުންނެވި ބޭކަލެކެވެ. އެކަލޭގެފާނަކީ އެހެނިހެން ތުއްތުކުދީން ފަދައިން ދަހިވެތި ބޭކަލެއް ނޫނެވެ. ހެނދުނު ފަރީއްކޮޅެއް ލިބިވަޑައިނުގެންނެވި ކަމުގައިވިޔަސް ދުވަހަކު ޝަކުވާއެއް ނުކުރައްވައެވެ. އެކަލޭގެފާނަކީ ލަދުވެތި ބޭކަލެކެވެ. ސާފުތާހިރުކަމަށް ލޯބިކުރައްވާ ބޭކަލެކެވެ. އެދުވަސްވަރު މައްކާގެ ކޮންމެ ގޯޅިއެއްގައި ރާހަދާ ތަނެއް ހުއްޓެވެ. މަދު އިސްތިސްނާއެއް ފިޔަވައި ކޮންމެ ގެޔަކީވެސް ރާ ޚާނާއެކެވެ. ޖުވާ ކުޅުމަކީ ޢާއްމު ކަމެކެވެ. އެފަދަ ފާސިދު ވެއްޓެއްގައި ބޮޑުފުޅުވިއިރުވެސް އެމާތް ސާހިބާގެ އަޚުލާޤީ ދާވަނިކޮޅުގައި ކުޑަވެސް ލަކެއް ނުޖެހެއެވެ. ކިލާކޮޅެއް ނެތެވެ. މިލަކޮޅެއް ނެތެވެ. ރާގެ އެންމެ ތިއްކެއްގައިވެސް ދުވަހަކު ޖެހިވަޑައެއް ނުގަންނަވައެވެ. ޖުވާ ކުޅޭ ވަސީލަތެއްގައި އަތްޕުޅު ބީއްސަވައިފައެއް ނުވެއެވެ. އެމާތް ސާހިބާގެ މަންމާފުޅާއި ބައްޕާފުޅުގެ ހަމައެކަނި ނަންފުޅަށް ވިސްނާވަޑައިގަންނަވާށެވެ. އާދެ، ބައްޕާފުޅުގެ ނަންފުޅަކީ عـبـداللّـه އެވެ. މައިކަނބަލުންގެ ނަންފުޅަކީ آمـنــة އެވެ. އެދެކަނބަލުންނަށް އެފަދަ ނަންފުޅުތަކެއް ލިބިވަޑައިގެންފައިވުމަކީވެސް ޢިލްމުވެރީންގެ ނަޒަރުގައި ދަލާއިލުއްނުބުއްވަތުގެ ތެރޭގައި ހިމެނޭ ކަންކަމެވެ. އާދެ، ބައްޕާފުޅުގެ ލޭފޮދާ ގުޅިފައިވަނީ މާތް اللّـه ގެ އުބޫދިއްޔަތެވެ. މައިކަނބަލުންގެ ކިރުފޮދާ ގުޅިފައިވަނީ އަމަންއަމާންކަމެވެ.
އިސްވެދެންނެވުނު ފަދައިން ބޮޑުބޭބޭފުޅު أبــوطـالـب އަކީ އަހުލުއިޔާލުން ގިނަ ބޭކަލެކެވެ. އަތްޕުޅުމަތި ދަތި ބޭކަލެކެވެ. އެހެންކަމުން ތުއްޕުޅުއިރުއްސުރެ ދިރިއުޅުއްވުމަށްޓަކައި ނުހަނު ތެދުވެރިކަމާއެކު މަސައްކަތްޕުޅު ކުރެއްވިއެވެ. އެހެނިހެން ނަބީބޭކަލުން ފަދައިން ބަކަރި ހުއިހެއްޕެވިއެވެ عـقبــه بــن أبــى مـعـيط ގެ ބަކަރިތައް ހުއިހައްޕައި ދެއްވިއެވެ. ނުހަނު ކުޑަކުޑަ އުޖޫރަޔަކަށެވެ. އިންސާނުންގެ ގޮވިކަމާ ހަވާލުވެވަޑައިގަންނަވަންވާއިރު ހިތްޕުޅު މަޑުވެ ކުލުނުވެރިކަމާއި އޯގާވެރިކަމުގެ ސިފަ ލިބިވަޑައިގެންނެވުމަށްޓަކައެވެ.
الإمــام إبــن تيـمـيّــة ލިޔުއްވައިފައިވެއެވެ. ކައުސާހިބާ صلّــى اللّـه عليـه وسلّـم ފަސްދޮޅަސްތިން އަހަރުފުޅު ދުނިޔޭގައި ހޭދަކުރެއްވިއެވެ. އެކަމަކު ދުވަހަކު އިތުރުފުޅެއް ނުހައްދަވައެވެ. ދުވަހަކުވެސް ޚިޔާނާތްތެރިވެވަޑައެއް ނުގަންނަވައެވެ. ހަޑިހުތުރު ބަސްފުޅެއް ވިދާޅެއް ނުވެއެވެ. ދޫފުޅު އަބަދުވެސް ގެންގުޅުއްވީ ބުއްދިފުޅުގެ ބާރުގެ ދަށުގައެވެ. ނަބީކަން ލިބިވަޑައިގެންނެވުމުގެ ކުރީން ޖާހިލިއްޔަތުގެ އިންތިހާދަރަޖައިގެ ފާފަވެރި މާހޫލުގައިވެސް އެމާތް ސާހިބާ ދިރިއުޅުއްވި މިސާލެއް ނުވާފަދަ ތާހިރު ދިރިއުޅުއްވުމާމެދު ވިސްނައިލުމުން އެފާފަވެރި ފާސިދު މާހޫލުންވެސް އެމާތް ސާހިބާގެ ވުޖޫދު ފެނިފައިވަނީ އެ އަނދިރި މާހޫލުގައި ވިދައި ބަބުޅަބަބުޅައިހުރި ސާދަވިލޭރޭގެ ހަނދެއް ފަދައިންނެވެ.
(ނިމުނީ)
ދީން
ދީން
ދީން
ދީން