މާފުށީ ޖަލުގައި ތިބި ހަރުކަށި ފިކުރުގެ މީހުން ދެނެގަތުމަށް ފަހު އަންނަ މަހު އެމީހުން ވަކި ޔުނިޓަކަށް ބަދަލުކުރުމުގެ މަސައްކަތް ފަށާނެ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނެފިއެވެ.
ކަރެކްޝަންސްގެ މީޑިއާ އޮފިޝަލް އައިމިނަތު ޔުސްރީން މިއަދު 'ވަން' އަށް ވިދާޅުވީ، ހަރުކަށި ފިކުރަށް ތާއިދުކުރާ، އެ ފިކުރު ފެތުރުމަށް މަސައްކަތް ކުރާ މީހުން ވަކިން ބޭތިއްބުމަށް މާފުށީ ޖަލުގައި ވަކިން ޔުނިޓެއް ހަދާފައިވާ ކަމަށާއި އަންނަ އޯގަސްޓް މަހުން ފެށިގެން އެތަނަށް މީހުން ވައްދަން ފަށާނެ ކަމަށެވެ.
"އެސަސްމެންޓް ހެދުމަށްފަހު އައިޑެންޓިފައި ކުރެވޭ މީހުން އެ ޔުނިޓަށް މޫވްކުރަން ފަށާނެ،" ޔުސްރީން ވިދާޅުވިއެވެ.
އެ ގައިދީން ހަމައެކަނި އެކަހެރި ކުރަނީ ނޫންކަން ފާހަގޮށް ޔުސްރީން ވިދާޅުވީ، އެތަނުގައި ބެހެއްޓުމަށްފަހުގައި އެމީހުން ރިހެބިލިޓޭޓްކޮށް ހާއްސަ ޕްރޮގްރާމުތަކެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ހަރުކަށި ފިކުރުގެ ފަންސާހަކަށް ގައިދީން މިހާރު ވެސް މާފުށީ ޖަލުގައި އެބަތިބި ކަމަށް ކަރެކްޝަނުން ވަނީ ބުނެފައެވެ. އޭގެ ތެރޭގައި ހުކުމް ތަންފީޒު ކުރަމުންދާ ގައިދީންގެ އިތުރުން ޝަރީއަތް ނިމެންދެން ބަންދުގައި ތިބި ފަރާތްތައް ވެސް ހިމެނޭ ކަމަށް ކަރެކްޝަނުން ވަނީ ބުނެފައެވެ.
މެއި މަހުގެ ހަ ވަނަ ދުވަހުގެ ރޭ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ބޮމުގެ ހަމަލާއާ ގުޅިގެން މާލޭ ޖަލާއި މާފުށީ ޖަލުގައި މީގެ ކުރިން ވަނީ ހާއްސަ އޮޕަރޭޝަނެއް ވެސް ކުރިއަށް ގެންގޮސްފައެވެ. އަދި އެ ހަމަލާ ދިނުމުގެ ތުހުމަތުގައި މިހާތަނަށް ހައްޔަރު ކުރި މީހުންނަކީ ވެސް ހަރުކަށި ފިކުރަށް ތާއިދުކުރާ ފަރާތްތަކެއް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު