ސަރުކާރުގެ ސޯޝަލް ހައުސިންގެ ދަށުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ހިޔާ ފްލެޓްތައް ލިބުނު މީހުންގެ ތެރެއިން 900 އަށް ވުރެން ގިނަ މީހުން އެ މީހުންނަށް ލިބުނު ފްލެޓް އެތަނުގެ އެހެން ފްލެޓަކާ ބަދަލު ކުރުމަށް ބޭނުން ވާ ކަމަށް، ހިޔާ ފްލެޓް ޔޫނިއަން އިން ބުނެފި އެވެ.

ހިޔާ މަޝްރޫއުގެ ދަށުން 25 ބުރީގެ 16 ޓަވަރު ހަދާފައިވާއިރު، ފްލެޓްތައް ލިބުނު ބައެއް މީހުންގެ މެދުގައި ގުރުއަތު ލައި އެ މީހަކަށް ލިބޭނެ ފްލެޓް ވެސް މިހާރު ވަނީ ކަށަވަރުވެފަ އެވެ. ނަމަވެސް ފެލެޓް ލިބުނު ފަރާތްތަކުން އެތަނުގެ އެހެން ފްލެޓަކަށް ބަދަލުވާން ބޭނުން ނަމަ ދެ ފަރާތް އެއްބަސްވާ ގޮތެއްގެ މަތިން އެކަން ކުރެވޭނެ އިންތިޒާމް ހައުސިން ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ވަނީ ފަހިކޮށްދީފަ އެވެ.

އެކަމަށް އެހީތެރިވުމުގެ ގޮތުން ފްލްޓް ބަދަލު ކުރަން ބޭނުން ވެފައި ތިބި މީހުން ގުޅުވާލަ ދިނުމުގެ އެންމެ އިސްދައުރެއް އަދާކުރަމުން އަންނަނީ ހިޔާ ފްލެޓް ޔޫނިއަން އިންނެވެ. އެ ޔޫނިއަން އުފެއްދުމުގައި އިސްކޮށް އުޅުނު އަދި ހެޑް ފައުންޑަރު އަބްދުﷲ އަމްޒަލް 'ވަން' އަށް ވިދާޅުވީ، ފްލްޓް ބަދަލު ކުރަން ބޭނުންވާ ފަރާތްތަކުން ރެޖިސްޓްރީ ވުމަށް އޮންލައިން ޕްލެޓް ފޯމެއް ގާއިމު ކޮށްފައިވާނެ ކަމަށެވެ.

"އެގޮތަށް ބޭނުންވާ ކަމަށް އެޕްލައިކޮށްފައި މިހާތަނަށް އެބަހުރި 900 ޕްލަސް ބޭފުޅުން،" އަމްޒަލް ވިދާޅުވި އެވެ.

އެ މީހުންގެ ތެރެއިން 150 އެއްހާ މީހުން ފްލްޓް ބަދަލު ކުރުމަށް އެ ދެފަރާތް އެއްބަސްވުމަށްފަހު އެކަންކަން ކުރިއަށް ގެންދާ ކަން އަމްޒަލް ފާހަގަކުރެއްވި އެވެ.

"އަދިވެސް އެ ޕްލެޓްފޯމް އޮންނާނެ. ހަމަ ފްލެޓް ބަދަލު ކުރަން ބޭނުންވާ ފަރާތްތަކަށް،" އަމްޒަލް ވިދާޅުވި އެވެ.