މާލޭގައި ޒަމާނީ ފެންވަރުގެ ޕެޓްރޯލް ޝެޑެއް ހެދުމަށް ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އިން ނިންމައިފިއެވެ.

ރާއްޖެ ޓީވީގެ "ފަލަ ސުރުހީ" ޕްރޮގްރާމުގައި ރޭ ވާހަކަދައްކަވަމުން އެފްއެެސްއެމްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޤަސަމް ވިދާޅުވީ، ކުރިއަށް އޮތް ދެތިން މަހެއްގެ ތެރޭގައި މާލޭގައި ޒަމާނީ ޕެޓްރޯލް ޝެޑެއްގެ ބިންގާ އެޅިގެންދާނެ ކަމަށެވެ. އެގޮތުން މިހާރު އެ ޝެޑްގެ ކުރެހުންތައް ކުރަހައި ނިމިފައިވާ ކަމަށް ވިދާޅުވިއެވެ.

ޤަސަމް ވިދާޅުވީ، އެ ޕެޓްރޯލް ޝެޑް ހަދަނީ މިހާރު އިންޑަސްޓްރިއަލް ވިލެޖުގައި ހުރި ވަގުތީ ޕެޓްރޯލް ޝެޑާ އިންވެގެން އެތަންވެސް ހިމެނޭ ގޮތަށް ކަމަށާއި އަލަށް ހަދާ ޕެޓްރޯލް ޝެޑް މިހާރު ހުރި ތަނަށްވުރެ ތިން ގުނަ ބޮޑުވާނެ ކަމަށެވެ.

"މާލޭ އިންޑަސްޓްރިއަލް ވިލެޖުގައި ހުންނާނެ ވަގުތީ ޝެޑެއް. އެތަންވެސް ހިމެނޭ ގޮތަށް އެތަނާ އިންވެގެން އެތަނުގެ ތިންގުނަ ބޮޑުތަނެއް އަޅަން ޕްލޭން މިކުރަނީ. އެތަނުން އެއްފަހަރާ 14 ސައިކަލަށް އަދި 8 ވެހިކަލަށް، ކާރު ޕިކަޕު މިކަހަކަ އެއްޗެއްސަށް ހިދުމަތް ދެވޭނެ،" ޤަސަމް ވިދާޅުވިއެވެ.

ޤަސަމް އިތުރަށް ވިދާޅުވީ، އެ ޝެޑަކީ، ޒަމާނީ ޓެކްނޮލޮޖީ ބޭނުން ކުރާ ޝެޑަކަށް ވާނެ ކަމަށާއި އެގޮތުން އެތަނުން ސެލްފް ސާވިސްގެ ހިދުމަތް ލިބިގެންދާނެ ކަމަށެވެ.

"އަޅުގަނޑުމެން މަސައްކަތް މި ކުރަނީ އެތަން ފަށާއިރު އެއްވެސް ސްޓާފެއްގެ އެހީއަކާ ނުލައި އަމިއްލައަށް ފައިސާ ދެއްކޭނެ، އަމިއްލައަށް ތެޔޮ އަޅައިގެން ހިދުމަތް ލިބިގަނެވޭނެ އިންތިޒާމު ހަމަޖެއްސުމަށް،" ޤަސަމް ވިދާޅުވިއެވެ.

މި ޝެޑު ގާއިމުކުރުމުގެ ކުރިން، މިހާރު ގާއިމުކޮށްފައިވާ އިތުރު ޝެޑަކުން ސެލްފް ސާވިސްގެ ހިދުމަތް ދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ޤަސަމް ވިދާޅުވިއެވެ.

އެފްއެސްއެމްއިން މާލޭ ސަރަހައްދުގައި ފަސް ޕެޓްރޯލް ޝެޑު ހިންގައެވެ.