ޓީމުގެ ތެރެއިން ކޮވިޑް 19ގެ ބައެއް ކޭސްތައް ފެނި، އެމެރިކާގެ ފްލޮރިޑާގައި ކުޅެން އޮތް ކުޑަ ޕްރި ސީޒަން މުބާރާތަކަށް ނުދާން އާސެނަލްއިން ނިންމައިފިއެވެ.

ޖުލައި 25 ވަނަ ދުވަހު ފަށަން ތައްޔާރުވެފައި އޮތް ފްލޮރިޑާ ކަޕްގައި އާސެނަލްގެ އިތުރުން އެވަޓަން އާއި މިލޮނާރިއޯސް ވާދަން ކުރަން އޮތްއިރު، އާސެނަލް އިން ބުނެފައި ވަނީ އެ ޓުއާއަށް ދަތުރު ކުރަން އޮތް ޓީމުގެ ބައެއް ކުޅުންތެރިން ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ.

"އެމެރިކާއަށް ދަތުރު ކުރަން އޮތް ޓީމުގެ ތެރެއިން ބަޔަކު ކޮވިޑް 19 އަށް ޕޮޒިޓިވް ވެ، ފްލޮރިޑާ ކަޕަށް ޓީމަށް ނުދެވޭނެ. މިއީ ކުޅުންތެރިންނާއި ޓީމުގެ ހުރިހާ ސްޓާފުންގެ ސިއްހީ ސަލާމަތަށް ޓަކައި ކްލަބުން ނިންމި ނިންމުމެއް. އެމެރިކާގައި ތިބި އާސެނަލްގެ ސަޕޯޓަރުން މާޔޫސްކޮށްލެވުމަކީ ވަރަށް ބޮޑަށް ކްލަބުން ހިތާމަކުރާ ކަމެއް. އަދި އޭގެ އިތުރުން ފްލޮރިޑާ ކަޕް އޯގަނައިޒް ކުރި ފަރާތުގެ ކިބައިންވެސް އާސެނަލް މައާފަށް އެދެން،" އާސެނަލްއިން ނެރުނު ބަޔާނެއްގައި ވެއެވެ.

އާސެނަލްއިން ބުނެފައި ވަނީ ޕޮޒިޓިވް ކޭސްތަކެއް އުޅޭ ނަމަވެސް އެއްވެސް އަލާމާތެއް އެއްވެސް މީހެއްގެ ފަރާތުން ނުފެންނަ ކަމަށެވެ.

އިނގެރޭސި ޕްރިމިއާ ލީގު ސީޒަން އަންނަ މަހު ފެށުމަށް ތައްޔާރުވެފައި އޮތްއިރު، ޓީމުތަކުން އަންނަނީ ފަރިތަކުރުންތަކާއެކު ޕްރި ސީޒަން ޓުއާތަކަށް މަސައްކަތް ކުރަމުންނެވެ. ކޮވިޑް 19ގެ ހާލަތުގެ ސަބަބުން އެންމެ އެކަށީގެންވާ ޕްރީ ސީޒަނެއް އެއްވެސް ޓީމަކަށް ފުރިހަމަ ކުރެވޭނެ ކަމަކަށް ނުބެލެވެއެވެ. ކުޅުންތެރީން ޗުއްޓީއަށް އެކި ގައުމުތަކަށް ދަތުރު ކޮށްފައިވާއިރު، ކޮވިޑް 19ގެ ކޭސްތައް ޓީމުތަކުން ފެންނަމުން އަންނަ އަދަދު ވަނީ ކުޑަކޮށް މައްޗަށް ޖެހިލައިފައެވެ.

ޕްރިމިއާ ލީގުގައި އާސެނަލްއިން ކުޅޭ ފުރަތަމަ މެޗު އޮގަސްޓް 13 ވަނަ ދުވަހު އޮންނާނީ ބްރެންޓްފޯޑާ ދެކޮޅަށެވެ.