މޯލްޑިވްސް ނެޝަނަލް ޕާޓީގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށް ދަނގެތި ދާއިރާގެ މެންބަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމާއި ކުރީގެ ޕޮލިސް ކޮމިޝަނަރު އަދި ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒާއި ވިލިމާލޭ ދާއިރާގެ މެންބަރު އަހުމަދު އުޝާމް މަސައްކަތް ކުރައްވަނީ ދެން އަންނަ ސަރުކާރަކުން ބައި ހޯދުމަށް ކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބުނެފިއެވެ.

ޕީޕީއެމުން ރޭ ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަދައްކަވަމުން ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން ހިންގުމާ ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަދި ފޮނަދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ، ރިިޔާސީ އިންތިހާބުތަކާ ދިމާކޮށް އާ ސިޔާސީ ޕާޓީތައް އުފެއްދުމުގެ މަސައްކަތް ކުރާ ކަމަށެވެ. އޭގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންވެސް ހިމެނޭ ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް ފެންނަނީ ސަރުކާރުގެ ބިޔަ ޕްރޮޖެކްޓުތައް ނަންގަވައިގެން ފައިސާ ޖަމާކުރުމުގެ މަސައްކަތް ކުރާތަން. މި ސަރުކާރަށް ފާޑުވިދާޅުވާކަށް ކެރިވަޑައެއް ނުގަންނަވާ. ދެން އެކަމަކު ވިދާޅުވަނީ ގައުމަށް ހިދުމަތް ކުރަން ގައުމު ހިމާޔަތްކުރަންށޭ ތިމަންނާމެން ޕާޓީ މިހަދަނީ. ނޫން ނޫން، އެއްގޮތަކަށްވެސް އެހެންނެއް ނޫން. ދެން އަންނަ ސަރުކާރަކުން ބައި ހޯދުމުގެ ބޭނުމުގައި،" އަބްދުއްރަހީމް ވިދާޅުވިއެވެ.

އަބްދުއްރަހީމް އިތުރަށް ވިދާޅުވީ، ބައެއް ފަރާތްތަކުން ޕާޓީ ހަދަނީ ރައީސް ޔާމީނަށް ޓަކައި ކަމަށްވެސް ވިދާޅުވާ ކަމަށާއި ނަމަވެސް އެއީ ހަގީގަތެއް ނޫން ކަމަށެވެ. އޭނާ ވިދާޅުވީ، ރައީސް ޔާމީން ސިޔާސީ މަސައްކަތް ކުރައްވާނީ ހަމައެކަނި ޕީޕީއެމް އާއި ޕީއެންސީއާ އެކުގައި ކަމަށެވެ.

މޯލްޑިވްސް ނެޝަނަލް ޕާޓީގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ ރައްޔިތުންގެ މަޖިލީހުގެ ވިލިމާލޭ ދާއިރާގެ މެންބަރު އަހްމަދު އުޝާމަށް، އިލެކްޝަންސް ކޮމިޝަނުން ވަނީ ދީފައެވެ.

އަބްދުއްރަހީމް މީގެ ކުރިން ވަނީ އަލަށް ހަދާ ޕާޓީގެ އަޑީގައި ހުންނެވީ ރައީސް ސޯލިހު ކަމަށް ތުހުމަތުކުރައްވައިފައެވެ.