ކުރީގެ ކޮމިޔުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހު ޖަމާލާއެކު ތުލުސްދޫ ދާއިރާގެ ކުރީގެ މެންބަރު އަދި ގާނޫނީ ވަކީލު މުހައްމަދު ވަހީދު އިބްރާހިމް (ލޯޔަރު ވައްޑެ)އާއި ހެންވޭރު ދެކުނު ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އަބްދުލް ކަރީމް (ރުކުމާ) ޕީޕީއެމްއާ ގުޅިވަޑައިގެންފިއެވެ.
ލޯޔަރު ވައްޑެއާއި މަލީހަކީ ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގައިވެސް އުޅުއްވި ދެ ބޭފުޅުންނެވެ. އަދި އެ ދެ ބޭފުޅުން ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމަށް 2013ގެ ރިޔާސީ އިންތިހާބު ކާމިޔާބުކޮށްދެއްވުމަށް ކުރިން ވެސް ޕީޕީއެމްއާއެކު މަސައްކަތްކުރައްވައިފައެވެ. ރުކުމާއަކީ ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީގައި އިސްކޮށް އުޅުއްވި ބޭފުޅެކެވެ.
އެ ތިން ބޭފުޅުން ޕީޕީއެމްއާ ގުޅިވަޑައިގެންނެވީ ޕީޕީއެމްގެ އޮފީހުގައި މިރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. އެ އިވެންޓުގައި ޕީޕީއެމްގެ ލީޑަޝިޕްގެ އިސް ބޭފުޅުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.
ޕީޕީއެމްއާ އަލުން ގުޅިވަޑައިގެން މަލީހު މިރޭ ވިދާޅުވީ، އޭނާ ޕީޕީއެމްއާ އަލުން ގުޅުނީ ރައީސް އަބްދުﷲ ޔާމީން މިނިވަންކޮށް 2023 ވަނަ އަހަރު އެމަނިކުފާނު ރާއްޖޭގެ ވެރިކަމަށް ގެނައުމަށް ކުރާ މަސައްކަތުގައި އެހީތެރިވުމުގެ ގޮތުން ކަމަށެވެ.
މަލީހު ވިދާޅުވީ، ޕީޕީއެމްއަކީ ބިނާކުރަނިވި ފިކުރުގެ ޕާޓީއެއް ކަމަށާއި މުސްތަގުބަލެއް އޮތީ ޕީޕީއެމާއެކުގައި ކަމަށެވެ.
މިރޭގެ ރަސްމިއްޔާތުގައި ލޯޔަރު ވައްޑެ ވިދާޅުވީ، އަލުން ޕީޕީއެމްއާ ގުޅިވަޑައިގެންނެވީ ގައުމުގެ ކަންކަން ބޮއްސުންލައިގެންދާތީ، ގައުމު ހަމަ މަގަށް އެޅުވުމަށް ޕްރޮގްރެސިވް ކޯލިޝަނުން ކުރާ މަސައްކަތަށް އެހީތެރިވުމުގެ ގޮތުން ކަމަށެވެ.
ލޯޔަރު ވައްޑެއަކީ ރައީސް ޔާމީންގެ ވެރިކަމުގައި މަޖިލީހުގެ ގޮނޑި ގެއްލުނު މެންބަރުންގެ ތެރޭގައި ހިމެނުނު ބޭފުޅެކެވެ. ނަމަވެސް އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމުން 2018 އޮކްޓޯބަރު މަހު އެ ކޯޓުން ހުކުމްކުރީ ވައްޑެގެ ގޮނޑި ނުގެއްލޭ ކަމަށެވެ.