އީދުގެ އުފާފާޅުކުރުމުގައި ވެސް އެންމެ ބޮޑު އިސްކަމެއް ދޭން ޖެހިފައިވަނީ ގައުމީ އެއްބައިވަންތަކަން އާލާކޮށް، ސުލްހަވެރިކަން ދެމެހެއްޓުމަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އަލްހާ އީދު ދުވަހުގެ މުނާސަބަތުގައި ރައީސް މިރޭ ފޮނުއްވި ހިތާބުގައި ވިދާޅުވީ އީދުގެ އުފާ ފާޅުކުރާއިރު، ގައުމީ ފެންވަރުގައި ވިސްނުން ހިންގަން ޖެހިފައިވަނީ ބައިބައިވުންތަކާއި ދެކޮޅުވެރިކަމުގެ އެންމެހައި ވިސްނުންތައް އަޅުގަނޑުމެންގެ ސިކުނޑިތަކުން އެއްފަރާތްކޮށް، އެންމެން ގުޅިގެން މަސައްކަތްކުރުމަށް ކަމަށެވެ.

"އީދުގެ އުފާފާޅުކުރުމުގައިވެސް، އަޅުގަނޑުމެން އެންމެ ބޮޑު އިސްކަމެއް ދޭންޖެހިފައިވަނީ ގައުމީ އެއްބައިވަންތަކަށް އާލާކޮށް، މުޖުތަމައުގެ ހަމަޖެހުމާއި ސުލްހަވެރިކަން ދެމެހެއްޓުމަށެވެ. އަޅުގަނޑުމެން މިއަދު ކުރިމަތިލާންޖެހިފައި މިވާ ކޮވިޑުގެ ދަތި އުނދަގޫތަކުން އަރައިގަތުމުގައިވެސް، އެންމެ ވަރުގަދަ ބާރަކީ، އަޅުގަނޑުމެންގެ މެދުގައި އޮންނަ އެކުވެރިކަމާއި އެއްބައިވަންތަކަމެވެ..،" ރައީސްގެ ހިތާބުގައި ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކޮވިޑުގެ ހިތި ތަޖުރިބާތައް އަޅުގަނޑުމެންގެ ދިރިއުޅުމަށް ބޮޑެތި ބަދަލުތަކެއް ގެނުވާފައިވާ މި ދަނޑިވަޅުގައި، އެންމެ މުހިންމު އިސްކަމެއް ދޭންޖެހިފައިވަނީ އާއިލީ ގުޅުންތައް ބަދަހިކުރުމަށާއި، ރަހުމަތްތެރިކަމާއި އެކުވެރިކަމުގެ ގުޅުންތައް އާލާކޮށް ދެމެހެއްޓުމަށް ކަމަށެވެ.

"އިސްލާމްދީނުގައި ކަނޑައަޅާފައިވާ ދެ އީދަކީވެސް، މުސްލިމުންގެ މެދުގައިވާ އެކުވެރިކަމާއި އެއްބަނޑުއެއްބަފާކަމުގެ ގުޅުން އިތުރަށް ބަދަހިކޮށް، ހިތްހެޔޮކަމާއެކު އެކަކު އަނެކަކާ ބައްދަލުކޮށް، ހާލުއަހުވާލު އޮޅުންފިލުވައި އުޅުމަށް ހާއްސަ ދެ މުނާސަބަތެކެވެ. އެހެންކަމުން، ކޮންމެ މީހަކުވެސް މިއަދު އަވަސްވެގަންނަންވީ، ގާތްތިމާގެ މީހުންނަށާއި އެކުވެރި ރަހުމަތްތެރިންނަށާއި އެންމެހައި މުސްލިމުންނަށް، އީދުގެ ތަހުނިޔާއާއި ހެޔޮއެދުންތައް ފޮނުވުމަށެވެ..،" އެމަނިކުފާނުގެ ހިތާބުގައި ވިދާޅުވިއެވެ.

ރައީސްގެ ހިތާބުގައި އިތުރަށް ވިދާޅުވީ ވަކިން ހާއްސަ ގޮތެއްގައި، އާއިލާގައި ތިބި އުމުރުން ދުވަސްވީ މާމައިންނާއި ކާފައިން އަދި މައިންބަފައިންނަށް ޒިޔާރަތްކޮށް، އެމީހުންގެ ހާލުއަހުވާލު އޮޅުންފިލުވައި، އެމީހުންނާ އެކުގައި ވަގުތުކޮޅެއް ހޭދަކޮށްލުމަށް އިސްކަންދޭން ޖެހޭ ކަމަށެވެ.