ހިޔާ ފުލެޓަށް ކަރަންޓު ފޯރުކޮށްދިނުމުގެ ހުރިހާ މަސައްކަތެއް އަންނަ މަހު ނިންމައިލެވޭނެ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ.

އެޗްޑީސީން މިއަދު ބުނީ ހިޔާ ފުލެޓުގެ ކޮންމެ ޓަވަރެއްގައި ސަބްސްޓޭޝަނެއް ގާއިމުކުރުމުގެ މަސައްކަތް މިއަދު ފެށިގެންދާނެ ކަމަށާއި ފުލެޓުތަކަށް ކަރަންޓު ދިނުމުގެ ހުރިހާ މަސައްކަތެއް އަންނަ މަހުގެ 17 ވަނަ ދުވަހު ނިންމައިލެވޭނެ ކަމަށެވެ.

ހިޔާ ފުލެޓުތަކަށް ކަރަންޓު ފޯރުކޮށްދިނުމުގެ ފުރަތަމަ މަރުހަލާގެ ދަށުން ކުރިއަށްގެންދިޔަ މަޝްރޫއު ބްރައުންސް-ސީމެކް އިން މިހާރު ވަނީ ނިންމާލައިފައެވެ. އެ މަޝްރޫއު ކުރިއަށްގެންގޮސްފައިވަނީ ސްޓެލްކޯގެ އެހީތެރިކަމާއެކުއެވެ.

މިމަހު އެޗްޑީސީން ވަނީ ފުލެޓުތައް ލިބުނު މީހުންނާ ދެމެދު އެއްބަސްވުމުގައި ސޮއިކޮށްފައެވެ. ނަމަވެސް ފުލެޓުތަކަށް ބޭނުންވާ ކަރަންޓާއި ފެނުގެ ހިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތް އަދި ނިމިފައި ނުވާތީ އެއްބަސްވުމުގެ ދަށުން ފްލެޓަށް ފައިސާ ދައްކަން ފަށާ މުއްދަތު އަދި "ގްރޭސް ޕީރިއަޑް" ގެ ތިން މަސް ގުނަން ފެށޭނީ ފުލެޓަށް ކަރަންޓާއި ފެނުގެ ހިދުމަތް ފޯރުކޮށް ދެވުމުން ކަމަށް އެޗްޑީސީން މީގެ ކުރިން ވަނީ ބުނެފައެވެ.

ކަރަންޓުގެ މަސައްކަތް އެއްކޮށް ނުނިމެނީސް ޓަވަރުތަކުގެ ލިފްޓް ބޭނުން ކުރުމަކީ އެންމެ ރައްކާތެރިކަމަކަށް ނުވާނެތީ، ފުލެޓު ބޭނުންކުރުން ހުޅުވާލެވޭނީ ޓަވަރަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށް ދެވުމުން ކަމަށްވެސް އެޗްޑީސީން ބުންޏެވެ.

ހިޔާ ފުލެޓުތަކަށް ފައިސާ ދައްކައި ހަލާސްކުރުމަށް ހަމަޖެހިފައިވަނީ 25 އަހަރުގެ މުއްދަތަށް ބަހާލައިގެން، އިންސްޓޯލްމަންޓުގެ ގޮތުގައި މަހަކު 7،500ރ. ދައްކާ ގޮތަށެވެ. އަދި ފްލެޓުތަކުގެ މެނޭޖްމަންޓް ފީގެ ގޮތުގައި މަހަކު 1000ރ. ނެގުމަށް ވެސް ނިންމާފައިވެއެވެ. ފުލެޓު އެއްބަސްވުމުގައި ސޮއިކުރާ ތާރީހުން ފެށިގެން ތިން މަސްދުވަހުގެ މުއްދަތަކީ އެއްވެސް ފައިސާއެއް ދައްކަން ނުޖެހޭ މުއްދަތެއްގެ ގޮތުގައި ސަރުކާރުން ވަނީ ނިންމައިފައެވެ.