އަނިޔާވެރި އަމަލުތައް ހުއްޓުވޭނީ، ނަފުރަތުގެ ބިލް މިހާރު އޮތް ގޮތަށް ފާސްކޮށްގެން ކަމަށް އެމްޑީޕީގެ އަންހެނުންގެ ރޫހުން ބުނެފިއެވެ.
އެމްޑީޕީގެ އަންހެނުންގެ ރޫހުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ، 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާއި 2019 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައިވެސް އެމްޑީޕީން ވީ އެންމެ މުހިއްމު އެއް ވައުދަކީ ގޮތް ނޭނގި ގެއްލުވާލާފައިވާ މީހުނާއި މަރާލެވިފައިވާ މީހުންނަށް އިންސާފު ހޯދައިދީ، އެފަދަ އަނިޔާވެރި އަމަލުތައް ރާއްޖޭގައި ތަކުރާރުވިޔަ ނުދިނުމަށް ފިޔަވަޅު އަޅާނެ ކަމުގެ ވައުދު ކަމަށެެވެ.
އަންހެނުންގެ ރޫހުން ބުނީ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދު الله އާއި ޔާމީން ރަޝީދު އަދި ޑރ. އަފްރާޝީމް އަލީ އަނިޔާވެރިގޮތަކަށް މަރާލާއި ރައީސް މުހައްމަދު ނަޝީދުގެ ފުރާނަފުޅު ދުއްވާލަން ބޮން ގޮއްވުމާއި ހަމައަށް ކަންކަން ދިޔައީ ރޭވުންތެރިކަމާއެކު ބަޔަކު އެމީހުންގެ ބޮލުގައި ވަކި "ލޭބަލް" ތަކެއް އަޅުވައި، އެމީހުންނާމެދު މުޖުތަމައުގައި ނަފުރަތު އުފައްދައިގެންކަން ސާފުކޮށް ފެންނަން އޮތްއިރު، އެމްޑީޕީގެ ވައުދުތަކާ އެއްގޮތަށް އެފަދަ އަނިޔާވެރި އަމަލުތައް ހުއްޓުވޭނީ ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމުގެ ބިލު ފާސްކޮށް، ވަކިވަކި ފަރުދުންނާމެދު ނަފުރަތު އުފެއްދުމަކީ ގާނޫނީ ކުށަކަށް ހަދައިގެން ކަމަށް ގަބޫލު ކުރާ ކަމަށެވެ.
މީގެ އިތުރުން، އަންހެނުންގެ ރޫހުން ބުނީ، އެމްޑީޕީއަކީ މެދުމިނުގެ ދީނީ ފިކުރުގެ ދައުލަތެއް ރާއްޖޭގައި ބޭއްވުމަށް މަސައްކަތްކުރާ ޕާޓީއެއް ކަމަށެވެ.
"މިޕާޓީއަކީ އިސްލާމް ދީނުގެ އަސްލުތަކާއި ހިލާފަށް ކުރާ އެއްވެސް ކަމަކަށް ތާއީދު ކުރާނެ ޕާޓީއެއް ނޫނެވެ. އަދި، ގާނޫނުއަސާސީން ލިބިފައިވާ ހިޔާލު ފާޅު ކުރުމުގެ މިނިވަންކަން ބޭނުންކުރަންވާނީ އިސްލާމް ދީނުގެ އަސާސްތަކާ ފުށު ނާރާ ގޮތަށްކަން މިޕާޓީން އަބަދުވެސް ގަބޫލުކުރާނެއެވެ. ރައްޔިތުންގެ ހިތްތަކުގައި ބިރުވުރިކަން އުފައްދައި، ގައުމު ނުރައްކަލަށް ވައްޓާލުމަށް ޖާގަ ދެވިގެން ނުވާނެ ކަމަށް މިރޫހުން ދެކެމެވެ." އެމްޑީޕީގެ އަންހެނުންގެ ރޫހުން ބުންޏެވެ.
ނަފުތަރުގެ ބިލް މިހާރު އޮތް ގޮތަށް ފާސްކުރުމަށް އަންހެނުންގެ ރޫހުން ގޮވާލައިފައިވާއިރު، ނަފުރަތުގެ ބިލް މިހާރު އޮތް ގޮތަށް ފާސް ނުކޮށްފިނަމަ ސަރުކާރަށް ތާއީދު ކުރެވެން ނޯންނާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު