ކުރިއަށް އޮތް ބަންދު ދުވަސްތަކުގައި މާލޭ ސަރަހައްދުގައި ކުށް މަދުކުރުމަށް ހާއްސަ އޮޕަރޭޝަނެއް ކުރިއަށް ގެންދާނެ ކަމަށް ފުލުހުން ބުނެފިއެވެ.
ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ރޭ ވާހަކަދައްކަވަމުން ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް ރަހުމާ ސައީދު ވިދާޅުވީ، އާންމުގޮތެއްގައި ހިންގާ ކުށުގެ ބާވަތްތަކާއި ކުށްތައް ހިނގާ ސަރަހައްދުތަކާ އަދި ވަގުތުތަކަށް ހާއްސަ ސަމާލުކަމެއް ދީގެން ކުށް މަދުކުރުމަށް މަގުމަތީގައި ފުލުހުން ހަރަކާތްތެރިވަމުންދާނެ ކަމަށެވެ.
ގޯތިގެދޮރާއި ފިހާރަތަކާއި ކެފޭ ރެސްޓޯރަންޓުތަކުގެ އިތުރުން އޮފީސްތަކުން ވެސް ވައްކަންކުރަމުންދާތީ ވައްކަންކުރިޔަ ނުދިނުމަށް ނުވަތަ ވައްކަންކުރުން މަދަކުރުމަށް މާލެތެރޭގައި ދަންވަރުގެ ވަގުތުތަކުގައިވެސް ފުލުހުން ހަރަކާތްތެރިވަމުން އަންނަ މިންވަރު ބަންދުތެރޭގައި އިތުރުވާނެ ކަމަށްވެސް ވިދާޅުވިއެވެ. އަދި ވައްކަންތައް ހިނގިޔަ ނުދިނުމަށް، ތަންތަނުގެ ސެކިއުރިޓީ ބަލަހައްޓަން ތިބޭ މީހުން އިތުރަށް ހޭލުންތެރި ކުރުވުމަށް މައުލޫމާތު ހިއްސާކުރުމުގެ މަަސައްކަތްވެސް ކުރަމުން އަންނަ ކަމަށާއި އާއިލާތަކާ ވަކިން އެކަނި ދިރިއުޅޭ އިސް ރަށްވެހިން ފާހަގަކޮށް، އެ ފަރާތްތަކަށް ޒިޔާރަތްކޮށް، ހާލުބަލައި އެމީހުންގެ ސަލާމަތާއި ރައްކާތެރިކަމަށް މިހާރުވެސް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ވިދާޅުވިއެވެ.
އޭގެ އިތުުރުން، ދަތުރުފަތުރުކުރާ އުޅަނދުތަކަށް އަރުވާ އަދި އުޅަނދުތަކުން ބާލާފައި ހުންނަ މުދާ ވަގަށް ނަގާ މައްސަލަތައްވެސް ހިނގަމުންދާތީ އޮޑިވެރިންގެ ސަމާލުކަމަށް އެކަން ގެނެސް އެފަދަ ކަންކަން ހިނގިޔަ ނުދިނުމަށް ހޭލުންތެރިކުރުވުމަށް މައުލޫމާތު ހިއްސާކުރަމުން އަންނަ ކަމަށްވެސް ރަހުމާ ވިދާޅުވިއެވެ.
ރަހުމާ ވިދާޅުވީ، ސިނަމާލެ ބުރިޖާއި މަގުތައް އަދި ޕާކުތައް ހިމެނޭ ސަރަހައްދުތަކުގެ އިތުުރުން ކަފިހި ހުރަސްތަކުގައިވެސް ޓްރެފިކް ފުލުހުން ބަންދުތެރޭގައި ހަރަކާތްތެރިވަމުން އަންނަ މިންވަރު އިތުރުވާނެ ކަމަށެވެ.
ގެ ހުސްކޮށްފައި އެންމެން ފުރައިގެންދާނަމަ ގޭގައި އަލިކަމެއް ބެހެއްޓުމާއި ފެން ލިކުވުމާއި ގޭސް ލީކުވުން ފަދަ ކަމަކާ ގުޅިގެންވެސް ހާދިސާއެއް ހިނގުމުން ސަލާމަތްވުމަށް ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަަށް ރަހުމާ ވަނީ އިލްތިމާސްކުރައްވައިފައެވެ. އަދި އޮފީސްތަކާއި ފިހާރަތަކާއި ކެފޭ ރެސްޓޯރަންޓު ފަދަ ތަންތާގައިވެސް ގިނަ އަދަދަަކަށް ފައިސާ ނުބަހައްޓައި ބޭންކަށް ޖަމާކުރުމަށްވެސް އޭނާ އިލްތިމާސްކުރެއްވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު