އެމެރިކާގެ ބައެއް ސްޓޭޓުތަކުގައި ކޮވިޑުބަލީގައި އެނދުމަތިކުރަން ޖެހޭ މީހުންގެ އަދަދުތައް އިތުރުވާން ފަށައިފިއެވެ.
ނިއުޔޯކު ޓައިމްސް އިން އާއްމުކޮށްފައިވާ ހިސާބުތަކަށް ބަލާއިރު ފާއިތުވި ހަފުތާގެ ތެރޭގައި އެމެރިކާގެ ހޮސްޕިޓަލުތަކުގައި ވަނީ 21،695 ކޮވިޑު ބަލިމީހުން އެނދުމަތިކުރެވިފައެވެ. މިއީ އޭގެ ކުރީ ދެ ހަފުތާއަށް ވުރެ 30 ޕަސެންޓްގެ އިތުރުވުމެއް ނަމަވެސް ކޮވިޑުގެ ހާލަތު އެންމެ ގޯސްވެގެން ދިޔަ ޖެނުއަރީ މަހާއި އަޅައިބަލާއިރު މިއީ އަދިވެސް 80 ޕަސެންޓު ދަށް އަދަދެކެވެ.
ޑިޕާޓުމަންޓް އޮފް ހެލްތު އެންޑް ހިއުމަން ސާވިސަސް އިން އާއްމު ކުރި ރިޕޯޓަށް ބަލާއިރު ހޮސްޕިޓަލުތަކުގައި އެނދުމަތިކުރެވިގެން ފަރުވާ ދޭ ޖުމުލަ މީހުންގެ 3.2 ޕަސެންޓަކީ ކޮވިޑު ބަލީގެ މީހުންނެވެ.
ކޮވިޑުބަލީގެ މީހުން އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ ނެވާޑާ ސްޓޭޓުގައެވެ. އެ ސްޓޭޓުގެ ހޮސްޕިޓަލުތަކުގައި އެނދުމަތިކުރެވިފައިވާ މީހުންގެ ތެރެއިން 9.5 ޕަސެންޓު މީހުންނަކީ ކޮވިޑުބަލީގެ މީހުންނެވެ. ނެވާޑާގައި ވަނީ ކޮވިޑު ފެތުރުން ކުއްލިއަކަށް ވަރަށް ބޮޑަށް އިތުރުވެފަ އެވެ.
ނެވާޑާއާ އެންމެ ގާތްކުރަނީ މިސޫރީއެވެ. އެ ސްޓޭޓުގައި އެނދުމަތިކުރެވިފައިވާ މީހުންގެ 8.7 ޕަސެންޓަކީ ކޮވިޑް މީހުންނެވެ.
ޖޯން ހޮޕްކިންސް ޔުނިވަސިޓީގެ ހިސާބުތަކަށް ބަލާއިރު ގައުމީ ފެންވަރުގައި އަދި ކަންބޮޑުވާން ޖެހޭ މިންވަރަށް އެނދުމަތިކުރެވޭ އަދަދުތައް އަރައިގެން ގޮސްފައެއް ނުވެއެވެ. އެހެނިހެން ބަލި ބަލީގަ އާއި ކޮވިޑު ބަލީގައި އެނދުމަތި ކުރެވިފައިވާ އަދަދު 72 ޕަސެންޓުގައި އުޅޭއިރު އައިސީޔޫގައި އެނދުމަތިކުރެވިފައިވަނީ 68 ޕަސެންޠް މީހުން ކަމަށާއި، ފާއިތުވި ތިން މަހަށް ބަލާއިރު މިއަދަދުތައްވަނީ ގާތްގަނޑަކަށް އެއްވަރެއްގައި ހިފެހެއްޓިފައި ކަމަށެވެ.
ކޮވިޑުގެ އަދަދުތައް އިތުރުވާން ފަށާފައިވާއިރު އޭގެ މައިގަނޑު ސަބަބަކީ ޑެލްޓާ ވޭރިއަންޓް ކަމަށް ސިއްހީ މާހިރުން ވަނީ ބުނެފައެވެ. އެގައުމުގައި 56 ޕަސެންޓް މީހުން ވެކްސިންގެ އެއް ޑޯޒު ޖަހާފައިވާއިރު ވެކްސިން ޖަހާ މީހުންގެ އަދަދު ވަނީ ދަށް ވާން ފަށާފައެވެ. އަދި ވެކްސިން ފުރިހަމަ ކޮށްފައިވާ މީހުންގެ %50 ހަމަވެފައިވަނީ ވަރަށް މަދު ސްޓޭޓެއްގައެވެ.
މީގެ އިތުރުން ގާތްގަނޑަކަށް ހުރިހާ ސްޓޭޓެއްގައިވެސް ވަނީ ގައިދުރުކުރުމާއި މާސްކު އެޅުމަށް ލުއި ދީ، އެއީ މަޖުބޫރު ކަމެއް ނޫންކަމަށް ކަނޑައަޅާފައެވެ. ނަމަވެސް ލޮސް އެންޖެލިސް، ލާސްވެގަސް އަދި މިސިސިޕީގައި ކޮވިޑުގެ އަދަދުތައް މަތިވާން ފެށުމުން ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަލުން އިޔާދަކުރަން ފަށާފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ