މާލޭ ސިޓީ ކައުންސިލުން ކުއްޔަށް ދޫކުރާ ޕާކިން ޖާގަތަކަށް އެދުމުގެ ފުރުސަތު އިތުރުކޮށްފިއެވެ.

ސިޓީ ކައުންސިލުން ބުނީ، ޕާކްކުރާ ޖާގަ ތަކަށް އެދި ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 14 ވަނަ ދުވަހާ ހަމައަށް އިތުރުކޮށްދިނުމަށް ނިންމާފައިވާ ކަމަށެވެ. އަދި އެ އެދުވަހުގެ 14:00 އާއި ހަމައަށް ފޯމު ބަލައިގަންނާނެ ކަމަށް ވެސް އިއުލާނުގައި ވަނީ ބުނެފަ އެވެ.

ސިޓީ ކައުންސިލުން ބުނީ މުއްދަތު އިތުރު ކުރީ، އެކަމާ ގުޅިގެން ހޯދަން ޖެހޭ ބައެއް ލިޔެކިޔުންތައް ހޯދުމުގައި ދަތިތަކަކާ ކުރިމަތިވުމުގެ ޝަކުވާތަކެއް ލިބުމުން ކަމަށެވެ.

ޕާކިން ޖާގަ ދޫކުރުމަށް ހަމަޖެހިފައިވަނީ ދިހަ ސަރަހައްދަކުން ޖުމުލަ 211 ޖާގަ ކަމަށް ސިޓީ ކައުންސިލުން ވަނީ ބުނެފަ އެވެ. އޭގެތެރޭގައި މަގުމަތީ ޕާކިންތަކުގެ ގޮތުގައި އަމީނީމަގާ ގުޅިފައިވާ ގޯޅިތަކުން 123 ޖާގަ ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.

ޕާކިންގް ޖާގަތައް ދޫކުރުމަށް ހަމަޖެހިފައިވަނީ މއ. ވައިދެރިޔާ ހިނގުން (އަމީނީމަގާ ކުރެދި ގޯޅިއާ ދެމެދު) 44 ޖާގަ، މަ. ރާދަފަތި ހިނގުން (އަމީނީމަގާ ފަޅުމަތީމަގާ ދެމެދު) 21 ޖާގަ، މއ.ކުރެދި ގޯޅި ޖާގަ 10، މއ.ހުދުފަޅު ހިނގުން 8 ޖާގަ، މ.ހިލާލީމަގު، އަމީނީމަގުން ފެށިގެން ދެކުނު އިރުމަތީ ފަޅި 20 ޖާގަ، މ.ހިލާލީމަގު، އަމީނީމަގު އިރުމަތީފަޅި (ސްޓޭޑިއަމްފަޅި) 10 ޖާގަ، ސަލާހުއްދީން ޕާކިންގ 10 ޖާގަ، އާޓިފިޝަލް ބީޗް ޕާކިންގް 24 ޖާގަ، އަލިމަސްކާނިވާ ސަރަހަައްދު 6 ޖާގަ، ސަލްމާން މިސްކިތް ސަރަހައްދު 58 ޖާގަ އެވެ.