ހަތް ސަބަބެއް ފާހަގަ ކުރައްވައި އެމަނިކުފާނު އަވަހާރަކޮށްލަން ދިން ހަމަލާގެ ތަހުގީގު ހިނގަމުންދާ ގޮތަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ނުރަސްމީ ޓުވިޓަރު އެކައުންޓު ކަމަށްވާ އެލެކްސް އަހްމަދުން ފާޑުވިދާޅުވެއްޖެ އެވެ.

އެލެކްސް އަހްމަދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެމަނިކުފާނު އަވަހާރަކޮށްލުމަށް ދިން ހަމަލާގެ ތަހުގީގު، އެންމެ ރަނގަޅަށް ފުލުހުން ކުރަމުން ނުދާ ކަމަށެވެ. އެގޮތުން އެމަނިކުފާނު ވަނީ ހަތް ނުކުތާއެއް ފާހަގަކުރައްވާފަ އެވެ.

  • ހައްޔަރު ކުރި މީހުންގެ ހަރަކާތްތައް ޓްރޭސްކޮށްފައެއް ނުވޭ
  • ބޭނުން ކުރި އާލާތްތަކުގެ އަސްލު ހޯދައިފައެއް ނުވޭ
  • ފަންޑުކުރި މީހުން ހޯދިފައެއް ނުވޭ
  • ޓެކްނޮލޮޖީ ހޯދިފައެއް ނުވޭ ރިމޯޓުން ގޮއްވާލެވޭ ގޮތަށް އައިއީޑީ ހެދި ގޮތް ހޯދިފައެއް ނުވޭ
  • ހަމަލާގެ މައުލޫމާތު އެނގޭ މީހުން ހޯދިފައެއް ނުވޭ
  • ޓްރޭސް ކުރެވިފައިވަނީ އަބްދުﷲ އަލި މަނިކާއި ހަމައަށް
  • ހަމަލާގެ މައުލޫމާތު ލިބުނު މީހުން ޓްރޭސް ކުރެވިފައެއް ނުވޭ

ހަތް ނުކުތާ ނިންމަވައިލެއްވުމަށްފަހު އެލްކްސް ވިދާޅުވީ، ކުރުކޮށް ދަންނަވާ ނަމަ ފުލުހުންނަށް މިހާރަށް ވުރެން ރަނގަޅަށް ތަހުގީގު ކުރެވޭނެ ކަމަށެވެ. ނަމަވެސް އެކަން ކުރެވިފައި ނެތް ކަމަށް ވިދާޅުވި އެވެ.

އެކަމާ ގުޅިގެން މީގެ ކުރިން ވެސް އެލްކެސް ވަނީ ފާޑުވިދާޅުވެފަ އެވެ. އެގޮތުން، ބޮން ގޮއްވާލައި އެމަނިކުފާނު މަރާލަން އުޅުމުގައި ފައިސާ ހަރަދު ކުރި މީހުން ހޯދުމުގައި ނޭޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރު (އެންސީޓީސީ) އިން އެކަށީގެން ވާ މަސައްކަތް ނުކުރާ ކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށް ވަނީ ވިދާޅުވެފަ އެވެ.

ރައީސް ނަޝީދު އެމަނިކުފާނުގެ ގެ ކޮޅުން ނިކުންނަވަނިކޮށް، ސައިކަލެއްގައި ހަރުކޮށްފައި ހުރި އައިއީޑީއެއް ގޮއްވާލައިގެން ދިން މި ޓެރަރިސްޓް ހަމަލާގައި އެމަނިކުފާނަށް ބޮޑެތި އަނިޔާތަކެއް ލިބި ފުރާނައަށް ނުރައްކާވިއެވެ.

ނަމަވެސް އޭޑީކޭ ހޮސްޕިޓަލުގައި އެމަނިކުފާނަށް ފަރުވާ ދިނުމަށްފަހު، އިތުރު ފަރުވާއަށް ޖަރުމަނަށް ވަޑައިގެން އެ ގައުމުން ފަރުވާ ހޯއްދެވުމަށްފަހު މިހާރު ވަނީ ހޮސްޕިޓަލުން ދޫކޮށްލައިފައެވެ. އަދި މިވަގުތު ހުންނެވީ އިނގިރޭސިވިލާތުގަ އެވެ.

ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅުން ހުރި އަށް މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އޭގެ ތެރެއިން ފަސް މީހެއްގެ ވަނަވަރު ފުލުހުން ވަނީ ހާމަކޮށްފައެވެ. ވަނަ ވަރު ހާމަކޮށްފައިވާ މީހުންނަނީ ނ. މަނަދޫ، ނޫރީގެ، އަލީ ހައިޝަމް 27، ވ. ތިނަދޫ ލަކީ، އަދުހަމް އަހްމަދު 25، މއ. ފޭރުގެ، މުޖާޒް އަހުމަދު 21، ގއ. ކޮނޑޭ ފޮޅޭމާ، ތަހުމީން އަހްމަދު 32، އަދި ލ. ގަން ދުންފިނިއުފާ، އަހްމަދު ފާތިހް 23، އެވެ.

ފުލުހުން ބުނީ މި ހަމަލާއަކީ ރާވައިގެން ދީފައިވާ ހަމަލާއެއް ކަމަށެވެ. އެހެންކަމުން އެ ކަމަށް ފަންޑު ކުރި މީހުނާއި އެކަމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި ފަރާތްތައް ހޯދުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.