އެމްޑީޕީ ނޫން އެހެން ޕާޓީއަކުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް ކުރިމަތިނުލައްވާނެ ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް މޫސާ މަނިކު (ރީކޯ) ވިދާޅުވެއްޖެ އެވެ.
ރާއްޖެ ޓީވީގެ "ފަލަ ސުރުހީ" ޕްރޮގްރާމްގައި ރޭ ވާހަކަ ދައްކަވަމުން މޫސަ ވިދާޅުވީ، ރައީސް ސޯލިހަށް ޕްރައިމަރީއަކާ ނުލައި އެމްޑީޕީގެ ޓިކެޓު ދޭން ޖެހޭ ކަމަށާއި އެއީ ޕާޓީން ނިންމާފައިވާ ގޮތް ކަމަށެވެ.
"އަޅުގަނޑުމެން ނިންމާފައިވާނެ ގަރާރަކުން، ޕާޓީގެ ފަރާތުން ހުންނަ ރައީސަކަށް ދެ ދައުރުގެ ޓާމެއް ޕްރައިމަރީއަކާ ނުލައި ދޭން" މޫސަ ވިދާޅުވިއެވެ.
މޫސަ ވިދާޅުވީ، އެމްޑީޕީގެ ތެރެއިން ވެރިކަމަށް ނުކުންނަވައިފިނަމަ މިހާރުވެސް އެންމެ ގިނަބައެއްގެ ތާއީދު އޮތީ ރައީސްް ސޯލިހަށް ކަމަށެވެ. އަދި އެމްޑީޕީ ނޫން އެހެން ޕާޓީއަކުން ރައީސް ސޯލިހު ވެރިކަމަށް ނުނިކުންނަވާނެ ކަމަށް ވިދާޅުވިއެވެ.
"ފުރަތަމަ ކަމަކަށް ރައީސް ސޯލިހު ވެރިކަމަށް ނުކުންނަވައިފިއްޔާ އަދިވެސް ވަރަށް ޗާންސް ބޮޑު، ބަޔަކު މީހުން ބުނީތީ އަޑު އެހިން ޕާޓީއެއް އުފައްދައިގެން ނުކުންނަން އުޅުއްވަނީއޭ، އެހެންނެއް ނުހައްދަވާނެ، ރައީސް ސޯލިހަށް އެނގޭނެ ޕާޓީގެ އަމްބުރެއްލާ ދަށުން ނުކުންނާނެ ގޮތް" މޫސަ ވިދާޅުވިއެވެ.
މޫސަ އިތުރަށް ވިދާޅުވީ، ރާއްޖޭގައި އަދިވެސް އުފެދޭނީ ކޯލިޝަން ސަރުކާރެއް ކަމަށާއި ނެރޭ ކެންޑިޑޭޓެއްގެ ގޮތުން ޕީޕީއެމަށްވެސް ވެރިކަން ލިބުމުގެ ފުރުސަތު ބޮޑު ކަމަށެވެ. ދެން އޮންނާނެ އަނެއް ގޮތަކީ އެމްޑީޕީއާއެކު ކޯލިޝަން ހެދުންކަން ފާހަގަކުރައްވައި މޫސަ ވިދާޅުވީ، ދެން ތިބި ޕާޓީތަކަށް ވެރިކަމަށް އާދެވުމުގެ މާ ބޮޑު އުންމީދެއް ނެތް ކަމަށެވެ.
އެމްޑީޕީ ނޫން އެހެން ޕާޓީއަކުން ރައީސް ސޯލިހު ވެރިކަމަށް ކުރިމަތިނުލައްވާނެ ކަމަށް މޫސަ ވިދާޅުވިއިރު، ކުރީގެ ޑިފެންސް މިނިސްޓަރު، އަދި ރައްޔިތުންގެ މަޖިލިހުގެ ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް އިސްވެ ހުންނަވައި އުފައްދާ ސިޔާސީ ޕާޓީގެ މުގުލުގައި ހުންނެވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ކަމުގެ ތުހުމަތު އިދިކޮޅު ޕީޕީއެމުން ވަނީ ކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު