ފުލުހުންގެ ހިދުމަތް ފުޅާކުރުމުގެ ގޮތުން 61 ޕޮލިސް ސްޓޭޝަނެއް އިމާރާތްކުރުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުން އަންނަކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަންގެ އިސްވެރިންނާ ބައްދަލުކުރައްވައި ބޭއްވެވި މަޝްވަރާ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ސޯލިހް ވިދާޅުވީ ފުލުހުންގެ އާ ގާނޫނާއެކު ލާމަރުކަޒުކޮށް ފުލުހުންގެ ހިދުމަތް ފޯރުކޮށްދިނުމަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެކަމަށާއި އަދި، އެކަމަށް ބޭނުންވާ ވަސީލަތްތައް ސަރުކާރުން ހަމަޖައްސައިދޭނެ ކަމަށެވެ. އެގޮތުން މިހާރު ފުލުހުންގެ ހިދުމަތް ފުޅާކުރުމުގެ ގޮތުން 61 ޕޮލިސް ސްޓޭޝަނެއް އިމާރާތްކުރުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުން އަންނަކަމަށާއި އަދި، މި ޕްރޮޖެކްޓްގެ ދަށުން ކުޅުދުއްފުށީ ރީޖަނަލް ޕޮލިސް ހެޑްކުރާޓާޒްގެ އެކްސްޓެންޝަން އިމާރާތެއް ބިނާކުރުންވެސް ހިމެނޭކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.

ފުލުހުންނަށް ބޭނުންވާ ވަސީލަތަކާއި އެހީތެރިކަން ކުރިއަށްވުރެ ރަނގަޅަށް ސަރުކާރުން ފޯރުކޮށްދޭނެކަމަށާއި، ފުލުންގެ ގާނޫނު ތަންފީޒުކުރުމުގައި ފަސްނުޖެހި ކުރިއަށް ދިޔުމަށް އެމަނިކުފާނު ވަނީ ފުލުހުންނަށް އިލްތިމާސް ކުރައްވާފަ އެވެ.

"މުޖުތަމައަށް އެންމެ ބޮޑަށް ބޭނުންވަނީ ގާނޫނުތައް ހިންގުން، އެކަމުގެ އެންމެ ބޮޑު ޒިންމާއެއް އޮތީ ފުލުހުންގެ އަތްމަތީގައި، ހަމަ އެހެންމެ ފާއިތުވި ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ފުލުހުން ހިދުމަތަށް ރަނގަޅު ބަދަލުތަކެއް ގެނެވި އާންމުން ފުލުހުންނަށް ކުރާ އިތުބާރު ވަނީ އިތުރުވެފައި،" ރައީސް ސޯލިހް ވިދާޅުވި އެވެ.

މި ބައްދަކުރެއްވުމުގައި ޕޮލިސް ސްޓޭޝަނުގެ ފަރާތުން ވަނީ އެ ސްޓޭޝަނުގެ ހިދުމަތް އިތުރަށް ފުޅާކޮށް ފުރިހަމަކުރުމަށް ބޭނުންވާ ކަންކަން ފާހަގަކުރައްވާފަ އެވެ. އެގޮތުން، ވަސީލަތާއި އުމްރާނީގޮތުން ބޭނުންވާ ކަންކަން އެބޭފުޅުން ފާހަގަކުރެއްވި އެވެ. މީގެ އިތުރުން ފުލުހުންގެ މަސައްކަތްކުރިއަށްގެންދިއުމުގައި ކުރިމަތިވާ ދަތިތަކާ ގުޅޭގޮތުންވެސް ޕޮލިސް ސްޓޭޝަނުގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއާ މައުލޫމާތު ހިއްސާ ކުރެއްވި އެވެ.

އެގޮތުން ހާއްސަކޮށް ފުލުހުންގެ މަސައްކަތާ ގުޅިފައިވާ އެހެން މުއައްސަސާތަކުންވެސް ފުލުހުންނާ ގުޅިގެން ބާރު ސްޕީޑުގައި ކަންކަން ކުރިއަށް ގެންދެވޭނެގޮތަށް ކަންކަން އިންތިޒާމުވެފައި އޮތުމުގެ މުހިންމުކަން އެ ސްޓޭޝަނުން ވަނީ ފާހަގަ ކޮށްފަ އެވެ. މީގެ އިތުރުން ފުލުހުންގެ އާ ގާނޫނުގެ ދަށުން ގެނެވޭ ބަދަލުތަކާއި އަދި މީހުން ބިނާކުރުންފަދަ ފުލުހުންގެ ހިދުމަތުގެ ތަރައްގީއަށް މިހާރު ކުރަމުންގެންދާ ބައެއް މަސައްކަތްތައް ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނުން ފާހަގަކުރެއްވި އެވެ.

މި ބައްދަލުކުރެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ ޕޮލިސް ސްޓޭޝަން ބައްލަވާލައްވާފަ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މިހާރު ކުޅުދުއްފުށްޓަށް ކުރައްވަމުން މިގެންދަވާ ދަތުރުފުޅަކީ ހދ. އަތޮޅުގެ ތިން ރަށަކަށް ކުރައްވާ ދަތުރުފުޅުގެ ފުރަތަމަ މަންޒިލެވެ. މި ދަތުރުފުޅުގައި ކުޅުދުއްފުށި ސިޓީގެ އިތުރުން ހދ. ކުމުންދޫ އަދި ހދ. ހަނިމާދޫއަށް ވަޑައިގެންނެވުމަށް ވަނީ ހަމަޖެހިފައެވެ. ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އަރިހުގައި ބައެއް ވުޒާރާތަކުގެ ވަޒީރުންނާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، ދައުލަތުގެ ބައެއް އިދާރާތަކުގެ އިސްވެރިންގެ ވަފުދެއް މިދަތުރުފުޅުގައި ބައިވެރިވެވަޑައިގެންނެވި އެވެ.